ވާހަކަ

ކޮންމެ ހިނދެއް - 14

2

"ވަރަށް ފޫހިވާނެ މާހިލް އޮފީހަށް ނިކުތީމަ" އާވާ ބުނެލިއެވެ.

"އެހެންތަ! އަހަރެން ދާނީ އެވީ ފޫހިނުވާވަރު ކޮށްދީފައޭ.. އެގޮތް އެންމެ ރަނގަޅެއްނު" ގާތްވެލާ އާވާގެ ކޮލުގައި ބޮސްދެމުން މާހިލް ބުނެލިއެވެ. އާވާ ލަދުން މާހިލްގެ މޭދަށުގައި ބޮނޑިވެލިއެވެ.

ހަނދު އޭގެ ވާޖިބުއަދާކޮށް ދުނިޔެއަށް މަރުޙަބާ ކިޔުމަށްޓަކައި އިރަށް ތަންދެމުން ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. އަނުމް ނަމާދުކޮށް ހަދައިގެން ހެނދުނުގެ ސައި ތައްޔާރުކުރަން ދިޔައިރު ފަލަކްނާޒް އުޅުނީ ބަދިގެ ތެރޭގައެވެ. އަނުމް ފަލަކްނާޒަށް ނުފެންނާނެހެން ނިވާވެގެން ހުރެ ފަލަކްނާޒްގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. ފަލަކްނާޒްގެ މޫނުމަތީގައި ތާޒާކަމެއް ނެތެވެ. ހީވަނީ ކަމަކާ ހިތްހަމަނުޖެހިފައި ހުރި ހެންނެވެ. އެހެންނަމަވެސް މިހާރު ފަލަކްނާޒްގެ އަމަލުތައް ހުންނަގޮތުން އަނުމްއަށް ވިސްނަންވީ އެއްވެސް އެއްޗެއް ނޭނގުނެވެ.

"ކީއްކުރާނީ. ބޮޑެތި ކަންތައްތައް ހާސިލްވާނީ ތިމާގެ ބައެއް ކަހަލަ އުފާތައް ޤުރުބާން ކޮށްގެން" ފަލަކްނާޒް ބުނެލިއެވެ. އެހެންނަމަވެސް އެ އަޑު އަނުމްއަށް ނީވުނެވެ. އޭނާއަށް ފެންނަނީ ހަމައެކަނި ފަލަކްނާޒް އަނގަ ހަލުވަމުންދާ ތަނެވެ. ސަންތިއަށް ބަދިގޭ މަސައްކަތްތައް ކުރަން އަމުރުކޮށްގެން އެ އުޅެނީ ކާކު ހެއްޔެވެ؟

"މިއީ ނުބައެއް. އެހެންނޫނީ އަޖައިބެއް. އެއްވެސް މީހަކު އެދުމެއްނެތި ވެދުމެއް ނުކުރާނެ. މިހުރިހާ ދުވަހު އެތާ އޮތް އެއްޗެއް މިތަނަށްވެސް ލި މީހެއްނޫން މިއީ. ދެން މިއަދު ޓަސްލާފަ ކީއްވެ؟" އަނުމް އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައެވެ.

ހެނދުނުގެ ސަޔަށްފަހު އަނުމް ކޮޓަރިން ނުނިކުމެއެވެ. އޭނާ ލެޕްޓޮޕް ނަގައިގެން ފޮޓޯތަކެއް ބަލަން އިނެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވުމާއެކު އޭނާއަށް ދޮރާ ދިމާލަށް ބަލައިލެވުނެވެ. ޖަވާބެއް ނުދެވިގެން އުޅެނިކޮށް ދޮރު ހުޅުވާލައިފައި ފަލަކްނާޒް ވަދެއްޖެއެވެ. އެނދުގައި އިން އަނުމް ފެނުމުން ފެނުމުން ފަލަކްނާޒް ހީލިއެވެ. ނަމަވެސް ހިތުގައި އުފެދިފައިވި ޝައްކެއްގެ ސަބަބުން އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި އިން އަނުމް ހީލެވުނީ ވަރަށް ކުޑަކޮށެވެ.

"އެއްވެސް އިންސާނެއް އެދުމެއްނެތި ވެދުމެއް ނުކުރާނެ" ފަލަކްނާޒް އެނދުގައި އިށިންނަން އުޅެނިކޮށް އަނުމް ބުނެލިއެވެ.

"މާނައަކީ...؟" ފަލަކްނާޒް އަހައިލިއެވެ.

"އަހަރެންނަށް ހަމަ ޤަބޫލުނުކުރެވެނީ. ކުއްލިއަކަށް މީހަކު މާ ހެޔޮފުޅުވީމަ" އަނުމް ބުނެލިއެވެ.

"އަހަރެން މަސައްކަތް މިކުރަނީ ނާސިހް ކައިރީގައި ވައުދެއްވެވިފައި އޮތީމަ އެ ވަޢުދު ފުއްދުމަށް. އަހަރެންގެ އަމިއްލަ ނަފްސަށް ހެޔޮ ބަދަލެއް ގެނެވޭތޯ" ފަލަކްނާޒް ބުނެލިއެވެ.

"އެވާހަކަ ދެން ބާއްވާ. މަންމަ މި ރާވަނީ ބައްޕަ އައިމަ ފެމެލީ އެއްކޮށް ދަތުރަކު ދާން. ރިސޯޓަކަށް. އެއްވެސް ހަރަދެއްނުދާނެ. ޤާދިރު ބުނި ހުރިހާ ކަމެއް ހަމަޖައްސައިދޭނަމޭ. ޤާދިރަކީ ނިކަން ބައްޕަގެވެސް އެކުވެރިއެކޭ" ފަލަކްނާޒް ވާހަކަދެއްކިއެވެ.

"ތި މީހާގެ ވާހަކަ އަހަރެން ކައިރީގައި ނުދައްކާތި. އެއީ ވަރަށް ފޫހި މީހެއް" އަނުމް ތުން އަނބުރާލަމުން ބުނެލިއެވެ.

"ޤާދިރު ބައެއްފަހަރު ވަރަށް ލާނެއްވާނެ. އެކަމަކު އެއީ ވަރަށް ހިތް ރަނގަޅު އިންސާނެއް. އަނޫއަށް އިނގޭތަ! ޤާދިރުގެ އުމުރުން މިހާރު ދެބައިވެގެން ދާއިރު އަދި ދުވަހަކުވެސް މީހަކާ ނުއިނދޭ" އޭނާ ބޭނުންވާ ހިސާބަށް ވާހަކަ ގެންދެވޭތޯ ފަލަކްނާޒް ދަނޑުކޮށަމުން ދިޔައެވެ.

"މީހާ ބަލާލާފައެއް ހިއެއްނުވޭ. އެހެންނޫނަސް މިހާރުތަ ތިބުނާ ޤާދިރެއް ފެނިގެން ތިއުޅެނީ؟" އަނުމް ބުނެލިއެވެ.

"މީހެއްގެ މޫނަށް ބަލައިލާފައި އެމީހާއަކީ ކޮންކަހަލަ މީހެއްކަން ދެނެގަންނަން ވަރަށް އުނދަގުވާނެ. އެހެންވެ ބުނަނީ ފޮތުގެ ބަނޑޭރި ހަންގަނޑަށް ބަލާފައި ގޮތް ނުނިންމާށޭ" ފަލަކްނާޒް ބުނެލިއެވެ. މިފަހަރު އަނުމް އެއްޗެއް ނުބުންޏެވެ.

"މިހާރު އޭނާ ބޭނުންވާނީ އޯގާތެރި ބައިވެރިއެއް. އޭނާގެ މުދަލާ ވިޔަފާރި އާ ހަވާލުވާނެ ތެދުވެރިއެއް. އޭނާއަށް އަޅާލާނެ އަންބެއް" ފަލަކްނާޒް ވާހަކަދައްކަމުން ދިޔައެވެ.

"އަނޫ މަންމައަށް ކަމެއް ކޮށްދީފާނަންތަ؟" ފަލަކްނާޒް ބުނެލިއެވެ. ކޮންކަމެއްހޭ ބުނެލާ ފަދަ ބެލުމަކުން އަނުމް ފަލަކްނާޒަށް ބަލައިލިއެވެ.

"ޤާދިރަކީ ވަރަށް ހެޔޮ އިންސާނެއް. ހާލުގަ ޖެހުނު ދުވަހު ނާސިހަށްވެސް ވަރަށް އެހީތެރިވި މީހެއް. ފަސްވަގުތު ނާޅާ ނަމާދުކޮށް ސުންނަތް ރޯދަހިފާ މީހެއް. މާދަމާއަކީ އޭނާ ރޯދައަށް ހުންނާނެ ދުވަހެއް. އޭނައަށް ރޯދަވީއްލާ އެއްޗެއް ތައްޔާރުކޮށްދިނުމަށް އެގެއަށް އަނޫ ގޮސްދޭންވީ. މަންމައަށް ހެޔޮ މިގެއިން ތައްޔާރުކޮށްގެން ގެންދިޔަސް. ކޮންމެގޮތެއް ވިޔަސް މަންމަ މިތާ މަޑުކުރަންޖެހޭނެ. އާރިޔަންގެ ކަންތައްވެސް ކުރަން ހުރީ މަންމަ" ފަލަކްނާޒް ވާހަކަދެއްކިއެވެ.

"އަހަރެން ނުދާނަން. ވަރަށް ބިރުގަނޭ އޭނަދެކެ. ކިތަންމެ ރަނގަޅަސް ވަރަށް ހިޔަޅު މީހެއް އެއީ" އަނުމް ބުނެލިއެވެ.

"އެންމެފަހަރަކު މަންމައަށް އިތުބާރުކޮށްފަ ދޭބަލަ. އަނުމް ކައިރީގައި އިރުކޮޅަކު މަޑުކޮށްލަން މަންމަ ދާނަން" ފަލަކްނާޒް ބުނެލިއެވެ. އުނގަށް ބާލީސް ލައިގެން އިން އަނުމްގެ ހިތް ވަކި ގޮތަކަށް ނުނިންމައެވެ. އެހެންކަމުން ފަލަކްނާޒް ދިޔައިރުވެސް ޖަވާބެއް ނުދެއެވެ.

އަޞުރު ނަމާދުކޮށްގެން ގެއަށް އައިސް ވަން މާހިލް ދެފަރާތް ބަލައިލިއިރު ސިޓިންރޫމުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބަދިގެއިން ދަރުހެއްގެ އަޑު އިވިއިވި ހުރުމުން އެތަނުގައި އާވާ ހުރިކަން މާހިލްއަށް އިނގުނެވެ. ފާހާނާއަށް ދާންވެފައި ހުރުމުން އާވާ ކައިރިއަށް ދިޔުމުގެ ބަދަލުގައި އޭނާ ސިޑިން އަރައިގެން ދާން ފެށިއެވެ. ކުއްލިއަކަށް އޭނާއަށް އިވުނީ އާވާގެ ހަޅޭކުގެ އަޑެވެ. މާހިލްއަށް ވަގުތުން ޓޮމީގެ ކަމެއްކަން އިނގުނެވެ. އޭނާ އަލުން ތިރިއަށް އައިސް ބަދިގެއަށް ވަނެވެ. ފެނުނު މަންޒަރަކުން މާހިލްގެ ދެލޯ ބޮޑުވެ ދެވަނަ ސިކުންތުގައި ހެވެން އުޅުނެވެ. ޓޮމީ ބަދިގެ މެދުގައި ބަނޑުޖަހާލައިގެން އޮތްއިރު އައިސް އަލަމާރި މަތީގައި އިށީނދެގެން ތަންކޮޅެއް ތިރީގައި ހުރި އަވަން މައްޗަށް ދެފައި އަރުވައިގެން އާވާ އިނެވެ. އެއް އަތުގައި ތޫނު ވަޅިއެއް އޮތްއިރު އަނެއް އަތުގައި މަށާފައި އޮތް ކެރެޓެއް އޮތެވެ.

"އެވީ...!! ޔާރައްބީ..." މާހިލް ކައިރިވުމާއެކު އާވާ ބަލައިލީ ކަރުނަވީ ލޮލަކުންނެވެ.

"ސޮރީ ބޭބީ... އެވީ ތިހާ ބިރުގަންނަންޏާ ޓޮމީ ނުބޭއްވޭނެއްނު މިގެއަކު. އިތުބާރުކުރެވޭ މީހަކަށް ދޭންވީ ކަންނޭނގެ ދޯ" އާވާގެ ދެއަތުގައި ހިފާ އެތަނުން ބާލުވަމުން އާވާ ބުނެލިއެވެ.

"ނޫން. މާހިލް އެހާ ލޯބިކުރާ އެއްޗެއް މިގެއިން ބޭރުކުރަން އަހަރެން ބޭނުމެއްނޫން. ބޭނުން ބިރު ކެނޑެން. ދެންމެ އެހާ ބިރުގަތީ އަޑެއްވެސް ލައްވާނުލާ އޭތި އައިމަ. ކީއްތަވާނީ އިޝާރާތެއް ކޮށްލާފަ އަންނަން" އާވާ ބުނެލިއެވެ.

"ހެހެހެ... ކިހިނެއް އިޝާރާތެއް ކުރާނީ. ބުޅަލުގެ ތެރެއިން މަދު އެއްޗަކަށޭ ބުއްދި ދެއްވާފައި ވަނީ. އެކަމު މިޖެހުނީ ކޮންމެސްގޮތެއް ހަދަން" މާހިލް ބުނެލިއެވެ.

މާހިލް އާވާ ގޮވައިގެން ގޮސް މޭޒު ކައިރީގައި އިށީނެވެ. ޖެހިގެން ހުރި ގޮނޑީގައި އާވާ އިށިންނަން އުޅެނިކޮށް މާހިލް ހުއްޓުވިއެވެ. އޭނާ އާވާ ބޭންދީ އުނގުގައެވެ.

"އަހަރެންނަށް އިތުބާރު ކުރަންތަ؟" އާވާއަށް މާހިލް ބުނެލިއެވެ.

"އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް" އާވާ ޖަވާބުދިނެވެ.

މާހިލް އަތުން ކޮށްލި އިޝާރާތަކާއެކު ޓޮމީ ދުވެފައި އައިސް މާހިލްގެ އަތު ތެރެއަށް ވަނެވެ. އާވާއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. މާހިލްގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. މިފަހަރު ބިރުން ދާންޖެހުނީ ނިކަމެތި ޓޮމީއަށެވެ.

"ހިނގައްޖެ. ހަމަޖެހިބަލަ." މާހިލް ބުނެލި އަޑު އިވުނެވެ.

"އެވީވެސް މަޑުމަޑުން ޓޮމީއަށް ކާންދީ ކުޅެލާ ހެދީމަ ބިރުކެނޑިދާނެ. އަޅެ ޓްރައިކޮށްބަލަ" މާހިލް ބުނެލިއެވެ. އާވާ ބޯޖަހައިލިއެވެ. ޓޮމީއަކީ މާހިލް ލޯބިކުރާ އެއްޗަކަށްވާތީ އޭގެއާއި ޓޮމީ ދުރުކުރަން އޭނާ ނުވިސްނިއެވެ. މާހިލް އާ ގުޅުންހުރި ކޮންމެ އެއްޗެއް ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ.

އާވާއަށް ޙާޖަރުގެ ފޯންކޯލް ލިބުނީ އޭނާ މެންދުރު ނަމާދަށްފަހު މާހިލްއާއި ޝާނިމްއަށް ކާން ހެދުމަށް ތިރިއަށް ފޭބި ވަގުތުގައެވެ. އޭނާ ކޮޓަރި ދޮރާއި ހަމައަށް ގޮސްފައި އަނބުރާލާފައި އައިސް ޑްރެސިންޓޭބަލް މަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނެގިއެވެ. ޙާޖަރާއި ވާހަކަދައްކަމުން އޭނާ ތިރިއަށް ފޭބިއެވެ. އިރުކޮޅަކުން ފޯނު ބާއްވާފައި އޭނާ މޭޒު މައްޗަށް ކާއެއްޗެހި އަތުރަން ފެށިއިރު އޭނާގެ ހަރަކާތްތަކުގައި ލަސްކަމެއް ވިއެވެ. އެގެއަށް އަންނަން ޙާޖަރު އެދިއްޖެއެވެ. އަޑާއި ރާގު ހުރިގޮތުން ޙާޖަރު ހުރީ ކަމަކާއި މާޔޫސްވެފައޭ އާވާގެ ހިތް ބުނެލައިފިއެވެ.

ވިސްނުންތަކާއި ޚިޔާލުތަކުން އޭނާއަށް ނިކުމެވުނީ މޭޒު މަތީގައި އޮތް ފޯނަށް މާހިލް ގުޅަން ފެށުމުންނެވެ. އޭނާ އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ. މާހިލް ބުނީ ޝާނިމް އާ ދެމީހުން ގެއަށް ދިޔުމަށް ދަތުރުފެށި ވާހަކައެވެ. އެކުގައި ޝާނިމް އަންނަންޏާ އަބަދުވެސް ކުރިން ގުޅާފައި މާހިލް ބުނެއެވެ.

މާގިނައިރެއް ނުވެ މާހިލް އާ ޝާނިމް ކެއުމުގައި ބައިވެރިވެއްޖެއެވެ. ނުކެޔަސް އާވާ އެމީހުންނާއެކު މޭޒު ކައިރީގައި އިނެވެ. އެއްވެސް ބަހެއް ނުކިޔާތީ މާހިލް ދޭތެރެއަކުން އާވާއަށް ބަލައިލިއެވެ.

"އެވީ!!. ހުރިހާކަމެއް ރަނގަޅުތަ؟" މާހިލް އަހައިލިއެވެ. ޝާނިމްއަށް ކަމެއް ފާހަގަނުވުމުން އޭނާ އާވާއަށް އަވަސް ނަޒަރެއް ދިނެވެ. އާވާ ހީލުމަށްފަހު ދެފަރާތަށް ބޯހޫރާލިއެވެ.

"ތަނަކަށް ތަދުވަނީތަ؟" ކަމެއް ނުވެއޭ ބުންޏަސް މާހިލްގެ ހިތް ޤަބޫލުނުކުރިއެވެ.

"ފާހާނާއަށް ވަދެލާފައި މިއަންނަނީ އިނގޭ" ޝާނިމް އެތަނުން ދުރަށްޖެހިލީ ގަސްދުގައެވެ. އޭނާ އިނުމުން ވެގެންއުޅޭ ކަމެއް ބުނަން އާވާ ޖެހިލުންވަނީއޭ އޭނާގެ ހިތް ބުނެފިއެވެ. ޝާނިމް ކޮޓަރިއަށް ދިޔުމުން ސަމްސަލާއި އޫ ތަށި ތެރެއަށް ދޫކޮށްލާފައި ކާމޭޒު ވަށާލާފައި މާހިލް އައިސް އާވާ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި އޭނާގެ ދެއަތުން އާވާގެ މޫނުގެ ދެފަރާތުގައި ހިފާ އޭނާ އާ ހަތަރުކަޅި ހަމަކުރުވިއެވެ.

"ކިހިނެއްވީ؟ ކޮންމެސްކަމެއް ވީމަ އެވީ ތިހާ ހިމޭނުން އިންނާނީ. އެހެންނޫނީ ކޮންމެސް އެއްޗެއް ބުނާނެ" މާހިލް ބުނެލިއެވެ.

"މަންމަ ގުޅައިފި. ބުނީ ވީއެންމެ އަވަހަކަށް އެގެއަށް އައިސްބަލާށޭ. ވީގޮތެއް ނޭނގޭ. އެކަމަކު ހީވަނީ ވަރަށް ދެރަވެފަ ހުރިހެން" އާވާ ވާހަކަދެއްކިއެވެ.

"އެވަރު ކަމަކާ. އަހަރެން ހީކުރީ ވަރަށް ބޮޑު ކަމެއް ވީކަމަށް" މާހިލް ހަމަޖެހިލަމުން ބުނެލިއެވެ.

"އެއީ ކުޑަކަމެއްތަ؟" އާވަ ބުނެލިއެވެ.

"އެވާނީ މަންމަ އެވީ މަތިން ހަނދާންވީ ކަމަށް. ރެޑީވެލައިގެން އާދޭ. އަހަރެން ސައިކަލް މިނެރެނީ" މާހިލް ބުނެލިއެވެ. އާވާ ބޯޖަހާލުމަށްފަހު ހިނގައިގަތެވެ.

ޝާނިމް ތިރިއަށް ފޭބިއިރު މާހިލް ސޯފާގައި އިނެވެ. ޝާނިމް ފެނުމާއެކު މާހިލް ތެދުވިއެވެ.

"ޝާން ނައްޓާލަންވީނުން. މަށަށް ދެވޭނީ އަދި ތަންކޮޅެއްފަހުން. އެވީ މަންމަމެން ގޭގައި ކޮންމެސް ކަމެއްވެއްޖެ. އެބަޖެހޭ އެވީ ގޮވައިގެން އެގެއަށް ގޮސްލަން" މާހިލް ވާހަކަދެއްކިއެވެ.

"އެކަމަކު މިއަދު ފޮޓޯ ގްރާފަރުންގެ މުހިންމު ބައްދަލުވުމެއް އެބައޮތް. މިހާރު ވަގުތު ކުޑަތަންވެއްޖެ. ގަޑި ކަނޑައަޅާފަ ވަގުތުޖެހެން އެންމެ މިނިޓަކަށް ވީމަ ކެންސަލް ކުރާކަށް ނުވާނެއްނު" ޝާނިމް ވާހަކަދެއްކިއެވެ.

"ތިވެސް ތެދެއް. އެކަމަކު މިކަންވެސް މިއީ މުހިންމު ކަމެއް" މާހިލް ބުނެލިއެވެ.

"ދެން ކިހިނެއް ހަދާނީ؟" ޝާނިމް އަހައިލިއެވެ.

"ކޮންމެގޮތެއް ވިޔަސް ބައްދަލުވުން ހަމަޖެހިފަ އޮތް ގަޑީގަ އޮންނާނެ. ފެށެން ވާއިރަށް ބަލާނަން ދެވޭތޯ" މާހިލް ބުނެލިއެވެ. ޝާނިމް ހީލިއެވެ. ޝާނިމް އަލުން ކޮޓަރިއަށް ގޮސް ސައިކަލު ތަޅުދަނޑި ހިފައިގެން ގެއިން ނިކުތެވެ.

ގޭ ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު އާވާ ސައިކަލުން ފޭބިއެވެ.

"މާހިލް ދާން ފެންނަނީ. ބޮޑުކަމެއްވިއްޔާ ބުނާނަން. ކަމެއް ނިންމަން ޖެހިއްޖިއްޔާ މާހިލް ކައިރީގައި ނުބުނެ ނުނިންމާނަން" މާހިލް ސައިކަލް ޕާކް ކުރަން އުޅުމުން އާވާ ވާހަކަދެއްކިއެވެ.

"އެވީ އާ އެކު ވަނަސް ލަހެއް ނުވާނެ" މާހިލް ހީލަމުން ބުނެލިއެވެ.

"ނޫން. އެ ބައްދަލުވުން މާހިލްއަށް މާބޮޑަށް މުހިންމުވާނެ. ގެއަށް ދާންވީމަ ގުޅާނަން" އާވާ ބުނެލިއެވެ. މާހިލް އިތުރަށް އެއްޗެއް ނުބުނެއެވެ. އާވާގެ އަތްތިލައިގައި ހިފާ ފިތާލުމަށްފަހު މާހިލް ސައިކަލުގައި ކުރިއަށް ދުއްވާލިއެވެ.

ގޭގެ ބެލް ނާޅާ އާވާ އަތުގައި އޮތް ކީ ކާޑު ބޭނުންކޮށްގެން ދޮރު ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ފެނުނީ ސޯފާގައި އިން އޭނާގެ ބައްޕަ ފަރާތު ބޮޑުދައިތަ ޒެރީންއެވެ. އާވާ ހީލިޔަސް ޒެރީންގެ މޫނުމަތިން މާ ހިތްހަމަޖެހޭވަރުގެ ކުލަތަކެއް ނުފެނުނެވެ. އެހެންކަމުން ބޮޑުދައިތަ ކައިރީގައި އިށިންނަން އޭނާއަށް ނުކެރުނެވެ. އޭނާ ޒެރީންގެ ކުރިމަތިން ހުރަސްކޮށްފައި ބަދިގެ އާ ދިމާލަށް ދިޔައީ އެގަޑީގައި ޙާޖަރު ވާނީ ބަދިގޭގައި ކަން އިނގޭތީއެވެ.

ސިންކު ކައިރީގައި ތަށިތައް ދޮންނަން ހުރި ޙާޖަރުގެ ފަހަތުން އާވާ ބައްދައިލިއެވެ. ލޯބިވާ ދަރިފުޅުގެ ވަސް ޖެހުމާއެކު ޙާޖަރަށް އިނގިއްޖެއެވެ. އޭނާ ކުރަން ހުރި މަސައްކަތްތައް ބެހެއްޓުމަށްފަހު ތުވާލި ކޮޅަކުން އަތް ފޮހެމުން އައިސް ކޮޓަރިއަށް ވަނެވެ. އަދި އިޝާރާތުން އާވާ ކައިރީގައި ފަހަތުން ވަނުމަށް ބުނެލިއެވެ. އާވާ އާއި ޙާޖަރު ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއިރުވެސް ޒެރީން އެއިންގޮތަށް ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

"މަންމާ!! ބޮޑުދައިތަ ވާހަކައެއް ނުދެއްކި. ހީވެެސްނުލި. ކޮންއިރަކު އައިސްގެން އެއުޅެނީ؟ އަނެއްކާ އެކަނިތަ އައީ؟" އާވާ ހުރިހާ ސުވާލުތަކެއް އެއްފަހަރާ ކޮށްލިއެވެ.

"މިއަދު ހެނދުނު. ކަންތައްތައް އެހާ ރަނގަޅެއްނޫން. ބައްޕަ ވެސް ހުރީ ހިތްހަމަނުޖެހިފަ" ޙާޖަރު ވާހަކަދެއްކިއެވެ.

"އަނެއްކާ ކިހިނެއްވީ؟" އާވާ އަހައިލިއެވެ.

"އެންމެ ފުރަތަމަ ބުނެބަލަ. ދަރިފުޅު ތިހުންނަނީ ހިތްހަމަޖެހިގެންތަ؟ މާހިލްދެކެ ލޯބިވޭތަ؟" ޙާޖަރު އަހައިލިއެވެ.

"އަޅުގަނޑު މިހުންނަނީ ވަރަށް އުފަލުން. ވަރަށް ލޯބިވޭ މާހިލްދެކެ. މާހިލް އުޅުނޭ އެކީގައި ވަންނަން. އެކަމަކު މުހިންމު ބައްދަލުވުމެއް ފަސްކުރެވެން ނެތީމަ އެދިޔައީ" އާވާ ވާހަކަދެއްކިއެވެ.

"ނަސީބެއްނު ނުވަންކަން. އެހެންނޫނީ ޒެރީންދައްތަ މާހިލްއާއި ދިމާލަށް އެއްޗެއް ބުނަންވެސް ފަހެއް ނުޖެހޭނެ" ޙާޖަރު ވާހަކަދެއްކިއެވެ. ވަގުތުން އާވާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

"އެއީ؟؟؟ އަދިވެސް ބޮޑުދައިތަ އެވާހަކަތަ ދައްކަނީ. އަޅުގަނޑު ކުރިންވެސް ބުނީމެއްނު އާއިލާ ތެރެއިން މީހުންނާ ކައިވެނި ކުރުމުގެ ވިސްނުމަށް އަޅުގަނޑު ތާއީދެއް ނުކުރަމޭ" އާވާ ވާހަކަދެއްކިއެވެ.

"އެކީގަ ކިޔާންވެސް ގެނައި" ޙާޖަރު މަޑުމަޑުން ބުނެލިއެވެ. އާވާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ކިޔާންގެ ނަން އަޑު އިވުމުން އޭނާއަށް އުނދަގޫ ގޮތެއް އިހުސާސްވިއެވެ.

"ކް.. ކިޔާން މިގޭގަތަ ހުންނަނީ" އާވާ އަހައިލިއެވެ.

"އާނ. އިނގެއެއްނު އެއީ ދާރިމްގެ އެންމެ ގަތާ އެކުވެރިޔާކަން. ދާރިމް ކޮޓަރީގަ ވީ" ޙާޖަރު ވާހަކަދެއްކިއެވެ.

"މިހާރު އަޅުގަނޑަށް އެނގިއްޖެ ޖެހުނީ ކޮންކަހަލަ މައްސަލައެއްކަން. އެކަމަކު ބުނެލަން އޮތީ އެންމެ އެއްޗެއް. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މާހިލް އަކީ އަޅުގަނޑު ލޯބިވާ އަޅުގަނޑުގެ ފިރިމީހާ. އޭނާއަށް ބޭވަފާތެރިވެފަ އަޅުގަނޑު އެހެން ދިމާލަކަށް ބަލައިނުލާނަން. އަޅުގަނޑަށް އިނގޭ މަންމަވެސް ބައްޕަވެސް މިކަމުގައި އަޅުގަނޑަށް އެއްވެސް މަޖުބޫރެއް ނުކުރާނެކަން" އާވާ ވާހަކަދެއްކިއެވެ. ޙާޖަރު އާވާގެ ދެއަތުގައި ހިފައިލިއެވެ. އޭނާ ހުރީ އޭނާގެ ދަރިފުޅާ އެކުގައޭ ބުނާ ކަހަލައެވެ.

"މަންމާ!! ރަހިމުގެ ގުޅުން ކަނޑާ މީހުންނަށް ސުވަރުގޭގެ ވަސްޖެހޭ ހިސާބަށްވެސް ނުގެންދެވޭ. އެކަމަކު މިކަންތަކުގައި ﷲ ތައާލާއަށްޓަކައި ބޮޑުދައިތަ އާ ގުޅުން ކަނޑާލަން ޖެހިއްޖިއްޔާ އަޅުގަނޑު ފަސްނުޖެހޭނަން" އާވާ ބުނެލިއެވެ.

ދުވަހުގެ އިރުއޮށްސުމާއި ހަމައަށް އާވާ އެގޭ ތެރޭގައި އުޅުނެވެ. ޒެރީން އޭނާ އާ ބަހެއް ނުކިޔާތާ ބަލައިވެސް ނުލައެވެ. އޭނާ އެންމެ ހިނދުކޮޅަކަށްވެސް ޒެރީންގެ ނަޒަރުން ނުގެއްލި ކުރިމަތީގައި އުޅުނެވެ. ހިތުގައި ޖެހިފައިވިޔަސް އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. އެވަގުތު ތަކުގައި އޭނާ ދުޢާ ކުރީ އޭނާގެ ކުރިމައްޗަށް ކިޔާން ނާރާތޯއެވެ. އުމުރުގެ ގޮތުން ކިޔާން އޭނާއަށް ވުރެ އެއް އަހަރު ދޮށްޓެވެ. އެއް ގޭތެރޭގައި ސަކަރާތްޖަހަމުން އެކީގައި ބޮޑުވަމުން އައުމުގެ ސަބަބުން ގާތްތިމާގެ ކަމުގެ ގުޅުމަށް ވުރެ ބޮޑަށް އެދެމެދުގައި އުފެދިފައިވަނީ އެކުވެރިކަމެކެވެ. ކިޔާން އަބަދުވެސް އާވާ އާ މެދު ހާއްސަގޮތެއް ބަހައްޓާކަން އާވާއަށް އިނގެއެވެ. ނަމަވެސް އެކަހަލަ ގުޅުމެއް އުފައްދަން އާވާ ބޭނުންނުވިއެވެ. ކިޔާންގެ ހިތުގައި އާވާ އާ މެދު ޝައުޤުވެރިކަމެއް އުފެދިފައިވާކަން އާވާއަށް އިނގުނު ހިސާބުން ފެށިގެން އޭނާ އަބަދުވެސް އައީ ކިޔާން އާ ދުރުކަމެއް ބަހައްޓަމުންނެވެ.

މާހިލްގެ ފޯންކޯލް ލިބުމާއެކު އާވާއަށް އޭނާ ގެއަށް ދާންވީ ގަޑި ޖެހުނީކަން އިނގުނެވެ. އޭނާ 'މި ނިކުންނަނީ' އޭ ބުނުމަށްފަހު ސޯފާގައި އިން ޙާޖަރަށް ބަލައިލިއެވެ. އެވަގުތު އެއީ ޒެރީންވެސް ކޮޓަރިން ނިކުތް ވަގުތެވެ.

"މަންމާ! މާހިލް އައިއްސި. އަންނާނަން އެހެން ދުވަހަކުން" އާވާ ތެދުވެގެން ހިނގައިގަތެވެ.

"ކީއްވެގެންތަ އޭނަ މިގެއަށް ނުވައްދަން ތިއުޅެނީ. މީހަކާ އިންއިރުވެސް ތިމާ އާ އެއްވަރެއްގެ މީހަކު ހޯދާކަށް ނޭނގުނުތަ؟ ތިމާ މީހާގެ އެންމެ ޒުވާން އުމުރުގައި ފިރިމީހާ މުސްކުޅިވެގެން މަރުވެގެން ހިނގައިދާނެ. އޭރުން އޮންނާނީ ނުބެލޭވަރުގެ ދަރިން ފައްޗެއް ލިބިފަ" އެންމެފަހަށް ޒެރީންއަށް އެއްޗެއް ނުބުނެ ކެތެއްނުވިއެވެ. ދޮރާއި ހަމައަށް ގޮސްފައިވެސް އާވާ ފަސްއެނބުރި ބަލައިލިއެވެ. ބޮޑުދައިތައަށް ރައްދު ދޭން ބޭނުންވިއެވެ. އެހެން ނަމަވެސް ދުރުގައި ހުރި ޙާޖަރު ބޮލުން ނޫނެކޭ ބުނެ ކޮށްލި އިޝާރާތަކާއެކު އާވާ ދޫ ބަންދުވިއެވެ. އޭނާ ކެތްތެރިވެ ބޮޑުދައިތައަށް ދޭންވާ އިހްތިރާމް ދެމެހެއްޓިއެވެ. އެހެނީ ﷲ ތަޢާލާ ކީރިތި ޤުރުޢާނުގައި ނުވަދިހަ ފަހަރަށް އިންސާނާއަށް ކެތްތެރިވުމަށް އަންގަވާފައި ވަނީ އެއީ ކުރަންދަތި އެހެނަސް ކުރަންޖެހޭ ކަމަކަށް ވީމައެވެ.

"އަޅުގަނޑަށް ހީވަނީ ތި އުމުރުގައި ތިހާ ރުޅިގަދަވަންޏާ ބޮޑުދައިތަ ލޭމައްޗަށް ގޮސްދާނެހެން. އެހެންވީމަ ރަނގަޅަށް ކައިގެން ފެން ބޮއެގެން ރެސްޓްކޮށްލާ" އާވާ ހިނިތުންވެލަމުން ބުންޏެވެ. އިތުރަށް ޒެރީން ބުނާ އެއްޗަކަށް ނުބަލާ އޭނާ ގެއިން ނިކުތެވެ.

މަގުމައްޗަށް ނިކުތްއިރު ސައިކަލުގައި އިން މާހިލް ފެނުނެވެ. ފޯނެއްގައި އިނުމުން އާވާގެ މޫނުމަތީގައިވި ކުލަވަރު މާހިލްއަށް ސިއްރުވިއެވެ. އާވާ ސައިކަލް ފަހަތަށް އެރުމުން މާހިލް ފޯނު ނިންމާލާފައި ޖީބަށް ކޮށްޕާލިއެވެ. އަދި ފަހަތުގައި އިން އާވާއަށް ހިނިތުންވުމަކާއެކު ބަލައިލިއެވެ. ދުއްވާލަން އުޅުނު ވަގުތު އިމާރާތުގެ ދޮރު ހުޅުވާލާފައި ބާރަކަށް މީހަކު ނިކުތްތަން ފެނުނެވެ. އެ ދިމާލަށް ބަލައިލީ އާވާ އާ މާހިލް އެކީގައެވެ. އާވާއަށް ބަލަހައްޓައިގެން ރޮވިފައި ފާޑަކަށް ހުރި ކިޔާން ފެނުމުން އާވާ މޫނު އަނބުރާލިއެވެ. މާހިލް ކިޔާނަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ކުރިއަށް ސައިކަލް ދުއްވައިލިއެވެ.

ދެމަފިރިން އެކުގައި ގެއަށް ވަންއިރު މިސްކިތުން މަޣްރިބް ނަމާދުގެ ބަންގީގެ އަޑު އިވެމުން ދިޔައެވެ. އެހެންކަމުން ކޮޓަރިއަށް ވަދެ ވުޟޫ ކޮށްލައިގެން މާހިލް ނިކުތީ މިސްކިތަށް ދިޔުމަށެވެ. އޭނާ ފެނުނު މަންޒަރާއި ގުޅިގެން އާވާ އާ އެއްވެސް ސުވާލެއް ނުކުރެއެވެ. އެހެންނަމަވެސް މާހިލްގެ ވާހަކަތަކަށް ހުއްޓުމެއް އައިސްފައިވާކަން އާވާއަށް އިހުސާސްވިއެވެ.

މާހިލް ގެއަށް ވަނީ އިޝާނަމާދު ކޮށްގެންނެވެ. އޭނާ އާ އެކުގައި ޝާނިމް ވެސް ހުއްޓެވެ. ގޭތެރޭގައި ހިފާލާފައިވާ މީރު ވަސްގަނޑުން ދެމީހުންނަށް އެކީގައި އެތެރެއަށް ނޭފަތް ދަމައިލެވުނެވެ. ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އާވާއަށް އެދެމީހުން ބަދިގޭ ދޮރަށް އެރި ކަމެއް ނޭނގެއެވެ.

"އެވީ...!!" މާހިލްގެ އަޑު ޖެހުމާއެކު އާވާ ދިޔައީ ސިހިގެންނެވެ. އޭނާ މާހިލްއާއި ޝާނިމްއަށް ވީ ތަށިތައް ހިފައިގެން އައިސް މޭޒު މައްޗަށް ކާންހަދާ ނިންމާލިއެވެ.

"ހާދަ މީރު ވަހެކޭ. އެވީ ކޯޗެއް ތައްޔާރުކޮށްލީ" ގޮނޑީގައި އިށީންނަމުން ޝާނިމް އަހައިލިއެވެ.

"ރޮށި ފިހުނީ. ދެން ފަރުމަސް ތެއްލާފަ ހުންނާނީ. ޝާނިމްސަރ ބޭނުމިއްޔާ ބަތްވެސް ގެނެސްދީފާނަން" އާވާ ޖަވާބުދިނެވެ.

"އުނހު. ރޮށި ކާނީ މިރޭ" ޝާނިމް ބުނެލިއެވެ.

މާހިލްގެ އެދުމަކަށް ކެއުމުގައި ފުރަތަމަ ފަހަރަށް އެދެމީހުންނާއެކު އާވާ ބައިވެރިވިއެވެ. އޭނާއަށް އިރުކޮޅަކާ މާހިލްއަށް ބަލައިލެވެނީ ކުށްވެރި އިހުސާސްތަކެއް ކުރެވެމުން ދާތީއެވެ. ކައި ނިމިގެން ޝާނިމް ފޯނެއްގައި ހުރެ ސިޑިން އަރައިގެން ދިޔައެވެ. ކޭ ތަށިތައް ޒިންކަށް އަޅާފައި އާވާ އެނބުރިލިއިރު މާހިލް ހިނގައިގަނެއްޖެއެވެ. އާވާއަށް ކެތެއްނުވިއެވެ. އޭނާއަށް ފަހަތުން ދިޔަގޮތަށް މާހިލްގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ.

"ސޮރީ.... ވަރަށް ބޮޑަށް ސޮރީ... އެއީ ކިޔާން... އޭނަ ބޭނުންވަނީ އަހަރެންނާ މެރީކުރަން" މާހިލްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އާވާ ހުރިހާ އެއްޗެއް ކިޔާލައިފިއެވެ. މާހިލްގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން އާވާއަށް ނުފެނެއެވެ.

(ނުނިމޭ)