އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 25

އަބްދުﷲ ފާރޫގް ހަސަން

(11 ޖެނުއަރީ ގެ އަދަދާ ގުޅޭ)

مثــنّـى ވިދާޅުވިއެވެ. "ކަލާއަށް މުޢުޖިޒާ ޤަބޫލުކުރެއްވޭކަށް މާގިނަދުވަހެއް ނުވާނެއެވެ. ޢަޖަމްކަމުގައި އަޅުގަނޑު ބުނެފައިވަނީ ހަމައެކަނި އީރާނުގެ ރަސްކަމުގެ ވާހަކައެއް ނޫނެވެ."

حسّان ކަންބޮޑުވެވަޑައިގެން ސުވާލުކުރެއްވިއެވެ. "ކަލޭގެފާނު ތިޔަވިދާޅުވަނީ މުސްލިމުން ފާރިސީންނާއި ރޫމީންނާ އެއްފަހަރާ ހަނގުރާމަކުރައްވާ ވާހަކަތޯއެވެ؟"

"އާދޭހެވެ. ރޫމީންނާއި ފާރިސީންވަނީ އަޅުގަނޑުމެންނާ ހަނގުރާމަ ފަށައިފައެވެ. އެބައިމީހުންގެ ކަނޑިތަކުގެ ބަދަލުގައި ކަނޑިއުފުލަން އަޅުގަނޑުމެންނަށްވަނީ މަޖުބޫރުވެފައެވެ. ކަލާއަށް ވަންހަނާވެވަޑައިގެންފައި ނުވާނެފަދައިން އިސްލާމްދީނާ ޚިލާފަށް ބަޣާވަތްކޮށްފައިވާ ގިނަޤަބީލާތަކަކީ ރޫމީން ނުވަތަ ފާރިސީންގެ ނުފޫޒުފޯރާ ޤަބީލާތަކެވެ. ޝާމްކަރައިން ޤައިޞަރުގެ ވެރިކަން ޢިރާޤުން ކިސްރާގެ ވެރިކަން ނައްތައިލައިގެންމެނުވީ ޢަރަބިކަރައިގެ ސަރަޙައްދު ޙިމާޔަތެއް ނުކުރެވޭނެއެވެ. ބަޙުރައިންގައިވެސް ބޭރުގެ ވިޔަފާރިވެރީންނާއި މިތަނުގެ ބައެއް ޤަބީލާތައް މުސްލިމުންނާ ހަނގުރާމަކުރަން މިއުޅެނީ ފާރިސީން އެބައިމީހުންގެ ބުރަކަށި ޙިމާޔަތްކޮށްދޭނެކަމުގެ ޔަޤީންކަމުގައެވެ. ޢަރަބިކަރައިގައި ޞުލްޙަވެރިކަމާއެކު އިސްލާމްދީން ފެތުރި ކުރިއަރަމުންދިއުމަކީ ކިސްރާއާއި ޤައިޞަރު ދެކެވަޑައިގަންނަވާ ގޮތުގައި އެބޭފުޅުންގެ ވެރިކަމަށްހުރި ނުރައްކަލެކެވެ. އެހެންކަމުން އެބޭފުޅުން މަސައްކަތްޕުޅު ކުރައްވަނީ އެބޭފުޅުންގެ ސަރަޙައްދާގުޅޭ ޤަބީލާތައް މެދުވެރިކުރައްވައި ޢަރަބީން ދާޚިލީ ހަނގުރާމައިގައި ހައްޔަރުކުރުއްވައިފައި ބައިތިއްބެވުމަށެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި މާތް اللّـه ގެ ބިންމަތީގައި އެކަލާނގެ ޤާނޫނު ހިންގެވުމަށްޓަކައި އެކަލާނގެ ފޮނުއްވި އިސްލާމްދީނުގެ ކުރިބެއްދެވުމަކީ ޤައިޞަރަށާއި ކިސްރާއަށް ލާހިކު ކުޅަދާނަފުޅު ކަމެއްނޫނެވެ. ޙިޖާޒުކަރައިގެ އުދަރެހުންފާޅުވި ރަޙުމަތުގެ ވާރޭވިލާ ހަމައެކަނި ޢަރަބިކަރައިގެ ބިމަށް ވާރޭވެއްސުމަކީ އެކަށޭނަކަމެއް ނޫނެވެ. ކަލާ ވިދާޅުވާގޮތުގައި ރޫމީންނާއި ފާރިސީންނާ ދެކޮޅަށް ޢަރަބީންނަށް ތެދުވެވިއްޖެނަމަ އެކަންވާނީ ތާރީޚުގެ އެންމެބޮޑު މުޢުޖިޒާކަމުގައެވެ. ނަމަވެސް އަޅުގަނޑު ދަންނަވާނީ އިންސާނީ ތާރީޚުގެ އެންމެބޮޑު މުޢުޖިޒާއަކީ ޢަރަބިކަރައިން އިސްލާމްދީން ފާޅުވުން ކަމުގައެވެ. ހަމައެކަނި ބޭރުފުށުގެ ސަބަބުތަކާ ގުޅުވައިގެން ނަތީޖާތައް ނެރެން އާދަވެފައިތިބޭ މީހުން ޤަބޫލުކުރި ގޮތުގައި މީގެ އަހަރުތަކެއްކުރީން ފާރިސީންވަނީ އަބަދަށްޓަކައި ރޫމީން ބަލިކޮށްފައެވެ. އޭގެ މަދު އަހަރުތަކެއްގެފަހުން ރޫމީން އިރާނީންގެ މައްޗަށް ފަތަޙަ ހޯދާނެކަމާއި މައްކާގައި އަނިޔާލިބި ގޮތްހުސްވެފައިތިބި މުސްލިމުންވެސް މައްކާގެ ކާފަރުންގެ މައްޗަށް ގަދަވެގަންނާނެކަމީ އެބައިމީހުންގެ ވިސްނުން ފޯރާވަރަށްވުރެ މާމަތީގެ ކަންކަމެވެ. ނަމަވެސް މާތް اللّـه ގެ ވަޢުދުފުޅު ފުރިހަމަވިއެވެ. މުޢުޖިޒާއަށް އީމާންނުވާ މީހުންނަށް ލޮލަށްފެނުނީ ރޫމީން ހަލާކުގެ އަނދިރި ވަޅުގަނޑުގެ އެންމެއަޑީން އަރައިގެންއައިސް އީރާނުގެ ބޮޑާކަން ވެއްޔާ މޮޑެލިތަނެވެ. ހަމައެއާއެކު ދާދިމަދު މުސްލިމުންކޮޅެއް ބަދުރުގެ މައިދާނުގައި ކާފަރުންގެ ގަދަފަދަ ލަޝްކަރު ބަލިކޮށް މާތް اللّـه ގެ ނަޞްރުވަނީ އެބައިމީހުންނާ އެކުގައިކަން ހާމަކޮށްދިން ތަނެކެވެ. ރަޙުމަތްތެރިޔާއެވެ. އަޅުގަނޑުގެ ކުރިމަތީގައި ބަޙުރައިންގެ ބާޣީން ބަލިކޮށްލުމުގެ މައްސަލަނެތްނަމަ އަޅުގަނޑު މުޖާހިދުންގެ ބަޔަކު ގޮވައިގެންގޮސް އީރާނާ ދިމާއިން މުސްލިމުންގެ ފަތޫޙާތުގެ މަގުސާފުކުރުމުގައި މަޝްޣޫލުވެއްޖައީމުހެވެ. އަޅުގަނޑަށް ލިބިފައިވާ ވަސީލަތްތައް މަދުކަމާއެކުވެސް އަޅުގަނޑު ކޮންމެ ފިޔަވަޅެއްވެސް އަޅަމުންގެންދާނީ އަޅުގަނޑުގެ މަންޒިލަކީ މަދާއިންކަމުގައި ޔަޤީންކޮށްގެންނެވެ. މަގުމަތީން އަޅުގަނޑު ޒަޚަމްވެގެން ވެއްޓިއްޖެނަމަ އަޅުގަނޑުގެ ފަހަތުން ފާޅުގައިވާ ލަޝްކަރުގެ ކޮންމެ ސިފައިންގެ މީހަކުވާނީ އަޅުގަނޑުގެ އުންމީދުތަކާއި ޢަޒުމްތަކުގެ އަމީނުން ކަމުގައެވެ."

مثــنّـى ވާހަކަދައްކަވަމުން ގެންދެވިއިރު حسّان ގެ ހިތްޕުޅުގެ ޝުޢޫރުތައް ހުރިގޮތުން ބަޙުރައިނުގެ އެންމެއުސް ފަރުބަދަ ނަންގަވައިފައި ކަނޑަށް އެއްލައިލައްވަފާނަމޭ ނުވަތަ ދިޖުލަތުކޯރާއި ފުރާތުކޯރު ހިނގަމުންދާ މިޞްރާބު ބަދަލުކޮށްލައްވަފާނަމޭ مثــنّـى ވިދާޅުވިކަމުގައިވިޔަސް ކަލޭގެފާނު ތިޔަދައްކަވަނީ އެކަށީގެންނުވާ ކަމެއްގެ ވާހަކައޭ ވިދާޅުވާކަށް حسّان އަކަށް ކެރިވަޑައެއް ނުގަތީހެވެ. އޭނާވަނީ ކިސްރާ ޕަރުވޭޒުގެ ކީރިތި މޫރިތިކަން ދެކެވަޑައިގެންފައެވެ. އޭނާވަނީ އީރާނުގެ ލަޝްކަރުގައި ތިއްބެވި ނަންހުރި ޖަނަރަލުން ދެކެވަޑައިގެންފައެވެ. އެބައިމީހުންގެ ގުބާތައް ފަށުއިފޮއްޗާއި އަޠުލަސްފޮތީން ފަހައިފައިވާ ޖަނަރަލުންނެވެ. އެބައިމީހުންގެ ކަނޑިތަކުގެ މުށްގަނޑުގައި އަލިމަހުން އަތްކަންއަޅައިފައިވާ މީހުންނެވެ. ތިމާމެންގެ ފަތަޙައިގެ ގެރެންޓީއަކީ ސިފައިންގެ ގިނަކަމާއި ހަތިޔާރުގެ މޮޅުކަން ކަމުގައިދެކޭ ޖަނަރަލުންނެވެ. ނަމަވެސް މިދެންނެވިފަދަ ބޭރުފުށުގެ ހައިބަތާއި އަބުއިކަމުގެ ތަކެއްޗާނުލައިވެސް مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ޝަޚްޞިއްޔަތު އެބައިމީހުންނަށްވުރެ މާމަތިވެރިއެވެ. އޭނާގެ މޫނުފުޅުގައިވާ ޢަޒުމާއި ޔަޤީންކަމުގެ އަލިކަމަކީ ޖަނަރަލެއްގެ މޫނުމަތީން މިހައިތަނަށް حسّان ދެކެވަޑައިގެންފައިވާ ކަމެއްނޫނެވެ. އެއަލިކަމުގެ ތެރެއިން حسّان އަށް ފެނިވަޑައިގަންނަވަނީ އޭނާގެ މުސްތަޤުބަލުގެ އާމަންޒިލުތަކެވެ. مثــنّـى بــن حــارثـــة އާއި حسّان އާ ދެބޭފުޅުންގެ ދެމެދުގައި މިދެކެވުނު ވާހަކަފުޅުތަކުގެ ކުރީން حسّان ގެ ހިތްޕުޅުގައިވާ ޝަކުވާއަކީ ފުރިހަމަ ތަފްޞީލާއެކު އޭނާގެ ވާހަކަފުޅު مثــنّـى ގެ އަރިހުގައި ވިދާޅުވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާކަމުގެ ޝަކުވާއެވެ. އޭނާ ހުންނެވީ އެހިތްވަރުފުޅުގަދަ އޯގާވެރި އިންސާނާގެ ފަރާތްޕުޅުން ހަމްދަރުދީއަށް އެދިވަޑައިގެންނެވެ. ނަމަވެސް މިހާރު އޭނާއަށް ހީފުޅުވަނީ އޭނާގެ އަމިއްލަފުޅު ހިތާމަފުޅުތަކާއި މުސީބާތްތަކަކީ އެއްވެސްކަމެއް ނޫންހެންނެވެ. مثــنّـى ގެ އެކުވެރިކަން حسّان ވަނީ އަމިއްލަ ބޭނުންފުޅުތަކުގެ ޖަޒީރާއިންނެރެ ތަނަވަސް ދުނިޔެއަކަށް ގެނެސްފައެވެ. އެދުނިޔޭގައި އާލާވަމުންދަނީ އުދަރެސްތައް ފަތަޙަކުރުމުގެ ޢަޒުމާއި އުންމީދެވެ. ކުއްލިޔަކަށް އޭނާ ސުވާލުކުރެއްވިއެވެ.

"ބަޙުރައިންގެ މުރުތައްދުވެފައިވާ މީހުން ބަލިކޮށްލެއްވުމަށްފަހު އިރާނާ ދިމާއަށް ކުރިޔަށް ވަޑައިގަތުމުގެ ހުއްދަ ޚިލާފަތުގެ ދަރުބާރުން ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެކަން ޔަޤީންތޯއެވެ؟"

مثــنّـى ޖަވާބުދެއްވިއެވެ. "ކަނޑައެޅިގެން ޔަޤީންކަން އަރުވާކަށެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަށް އެނގޭކަމަކީ ބަޙުރައިންގެ ކަންތައް އާދައިގެ ގޮތަކަށް ހަމަޖެހުމުން އަޅުގަނޑަށް އަޅުގަނޑާ އެއްޚިޔާލުގެ އެތަކެއްސަތޭކަ ނުވަތަ އެތަކެއްހާސް ވޮލަންޓިއަރުން ލިބިދާނެކަމެވެ. ޔަޤީނުންވެސް އަޅުގަނޑުގެ ޤަބީލާގެ ހުރިހައި ޒުވާނުން އަޅުގަނޑާ ބައިވެރިވާނެއެވެ. ކުޑަވެސް ފަސްޖެހުމަކާނުލައި އަޅުގަނޑުމެން ދިމާކުރާނީ ބިމުން "ރަން" ފައިދާވަމުންދާއިރުވެސް އެތަނެއްގެ ދަނޑުވެރީންނަށް ހިތްހަމަޖެހުމާއެކު ހިކިރޮށިކޮޅެއްވެސް ނުލިބޭ ޢިރާޤުގެ ސަރަޙައްދަށެވެ. އަޅުގަނޑުމެން އެޢަރަބި ދަނޑުވެރީންގެ ގާތަށްދާނީ މިނިވަންކަމާއި، ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މެސެޖު ހިފައިގެންނެވެ. އެބައިމީހުންގެ އީރާނީ ސާހިބުން ދެކެނީ އެބައިމީހުންނަކީ ބަރުތަކެތި އުފުލާ ޖަނަވާރުތަކެއް ކަމުގައެވެ. އަޅުގަނޑުމެން މަދާއިނާ ދިމާއަށް މިސްރާބުޖަހާއިރު އެބައިމީހުންވެސް އަޅުގަނޑުމެންނާ ބައިވެރިވާނެއެވެ. އަޅުގަނޑުމެންގެ މަސައްކަތް ފެށުމުން ޚިލާފަތުގެ ދަރުބާރުން އެކަމާ އަޅުއްވާނީ ކޮންކަހަލަ ފިޔަވަޅެއްކަމެއް ނޭނގެއެވެ. ނަމަވެސް صدّيق الأكبـر އަޅުގަނޑުމެންނަށް ތާއީދުކުރައްވައި އެހީވެދެއްވަން ފެއްޓެވުން މާލަހެއްނުވާނެކަން އަޅުގަނޑަށް ޔަޤީނެވެ."

حسّان ވިދާޅުވިއެވެ. "އީރާނުގެ އެއްވެސް ޖަނަރަލަކު ކިސްރާގެ ހުއްދަކާނުލައި އެއްވެސް މައިދާނެއްގައި ހަނގުރާމަ ފަށައިފިނަމަ އެމީހަކު ހިމެނޭނީ އެންމެބޮޑެތި ކުށްވެރީންގެ ތެރޭގައެވެ."

مثــنّـى ޖަވާބުދެއްވިއެވެ. "އީރާނުގެ ސިފައިންގެ ވެރީންނާއި ސިފައިން ހަނގުރާމަކުރަނީ ކިސްރާއަށް ފަތަޙަ ހޯދުމަށެވެ. ނަމަވެސް އަޅުގަނޑުމެން ޖިހާދުކުރަނީ އަޅުގަނޑުމެން ހައްދަވައި ބޮޑުކުރެއްވި މާތް اللّـه ގެ މަގުގައެވެ. އަނެއްކާ އަޅުގަނޑަކީ މުސްލިމުންގެ ސިފައިންގެ ވެރިއެއްވެސް ނޫނެވެ. އެންމެ އާދައިގެ އޮފިސަރެއްގެ އިޚްތިޔާރެއްވެސް އަދި މިހާތަނަކަށް އަޅުގަނޑަކަށް ލިބިފައެއް ނެތެވެ. أبوبكر رضـى اللّـه عنـــه އަޅުގަނޑުގެ ޙަރަކާތާމެދު ރަނގަޅު ނުވަތަ ނުރަނގަޅުކަމުގެ ނިޔާކަނޑައަޅުއްވާނީ އަޅުގަނޑު އަމިއްލަޔަށް ބޮލަރުވި މަސްއޫލިއްޔަތު އަޅުގަނޑު އަދާކުރިގޮތެއްގެ މައްޗަށް ބައްލަވައިފައެވެ. އަޅުގަނޑަށް ޔަޤީނެވެ. صدّيق الأكبـر އަށް އަޅުގަނޑަށްވުރެ މާދުރުވިސްނިވަޑައިގަންނަވާނެއެވެ. މާތް اللّـه ގެ ދީން މަތިވެރިކުރުމަށްޓަކައި ބަޙުރައިނުގެ ޖަމާޢަތެއް އީރާނާ ދިމާއަށް މިސްރާބުޖެހި ޚަބަރު ލިބިވަޑައިގަތުމާއެކު އެކަލޭގެފާނުގެ ހެޔޮދުޢާފުޅުތައްވާނީ އަޅުގަނޑުމެންނާ އެކުގައެވެ. އަޅުގަނޑު ކުރަންޖެހޭނެކަމަކީ އީރާނާ ދެކޮޅަށް ހަނގުރާމަފަށަން އެންމެ އެކަށީގެންވާ ވަގުތަކީ މިއީކަން ސާބިތުކޮށްދިނުމެވެ. އަޅުގަނޑަށް ކަށަވަރެވެ. އެކަން އަޅުގަނޑަށް ސާބިތުކޮށްދެވިދާނެއެވެ. އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން މިވަގުތު އިސްލާމީ ލަޝްކަރުތަކުގެ މުގުލުގައި ހުންނެވީ އެހެން އެއްވެސްބައެއްގެ ތެރޭގައި އެފަދަ ޢަސްކަރީ ލީޑަރަކު ނެތްފަދަ ބޭކަލެކެވެ. އަދިއެއް އަޅުގަނޑަކަށް އެކަލޭގެފާނުގެ ފައިންޕުޅެއްވެސް ނުފެނެއެވެ. ނަމަވެސް އަޅުގަނޑުގެ ހިތްބުނާގޮތުން އީރާނާމެދު އެކަލޭގެފާނުގެ ޚިޔާލުފުޅު އަޅުގަނޑުގެ ޚިޔާލަކާ ތަފާތެއް ނުވާނެއެވެ. އެކަލޭގެފާނު އަޅުގަނޑަށް ތާއީދުކުރައްވާނެކަން ޔަޤީނެވެ."

"އެއީ ކޮންބޭކަލެއްތޯއެވެ؟" حسّان ސުވާލުކުރެއްވިއެވެ.

"އެކަލޭގެފާނުގެ ނަންފުޅަކީ خــالـد އެވެ. خــالــد بــن وليـد އެވެ. އެކަލޭގެފާނު ގެންދަވަނީ އެކަލޭގެފާނުގެ ކަނޑިކޮޅުގެ ތުނޑުން ޢަރަބިކަރަޔާއި ޢަޖަމްކަރައިގެ މުސްކުޅި ޗާޓުގައި އާރޮނގުތަކެއް ކުރައްސަވަމުންނެވެ. އެކަލޭގެފާނުގެ ޖިހާދުގެ ތާރީޚުވަނީ "ބަލިވުން" މިލަފުޒުން ހުސްވެގެންނެވެ. އެކަލޭގެފާނަކީ ބަޙުރައިނުގެ ބޭކަލެއްކަމުގައިވީނަމަ މިހާރު އަޅުގަނޑުމެން އީރާނާ ދިމާޔަށްކުރާ ދަތުރުގައި އެތަކެއް މަންޒިލެއް ކަޑައްތުކޮށްފީމުހެވެ. ވަރަށްގިނައިން އަޅުގަނޑު ވިސްނަމެވެ. އަޅުގަނޑުގެ ކޮންމެވެސް ޢަމަލަކާމެދު އެމަތިވެރި ޝަޚްޞިއްޔަތުގެ މޫނުފުޅުމަތީން ހިނިތުންވެވަޑައިގަތުމުގެ އަސަރެއް ފެނިލިޔަސް އެކަންވާނީ އަޅުގަނޑަށްލިބޭ ވަރަށްބޮޑު އިނާމަކަށެވެ."

مثــنّـى ގެ ވާހަކަފުޅު މިހާތަނަށް ގެންދެވުނުއިރު ފޭލިގެތަކާ ވަރަށްކައިރިއަށް ވަޑައިގެންނެވިއްޖެއެވެ. مثــنّـى حسّان އާ ދެއްކެވި ވާހަކަފުޅު ހުއްޓައިލެއްވުމަށްފަހު އޭނާއާ ދިމާޔަށް ދުވަމުންއަންނަ ވޮލަންޓިޔަރުންނާ ދިމާޔަށް ސަމާލުކަން ދެއްވަން ފައްޓަވައިފިއެވެ.

އެދުވަހުގެ ޢަޞުރެއްހައިއިރެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه އާއި އެކަލޭގެފާނުގެ އެކުވެރީން އެބޭކަލުންގެ ފޭލިގެކޮޅުތަކުގެ ކުރިމަތީގައި قيس بــن أرقــم އާއި އޭނާގެ ޤަބީލާގެ ސަތޭކަ ފަންސާހެއްހައި އަސްވާރުންނަށް މަރުޙަބާ ވިދާޅުވަމުން ގެންދަވަނީއެވެ. قيس ގެ ޤާފިލާގެ ފަހަތުން ކާބޯތަކެތި އަރުވައިފައިވާ އަށްޑިހަ ޖަމަލު އާދެއެވެ.

قيس އަސްމަތީން ފައިބައިވަޑައިގެން مثــنّـى އާ އަތްޕުޅު ޖޯޑުކުރައްވައި ސަލާމްކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ކަލޭގެފާނު އަޅުގަނޑުމެންގެ އަވަށުން އެނބުރި ވަޑައިގަތުމުން އަޅުގަނޑަށް އިޙްސާސްކުރެވުނީ ކަލޭގެފާނަށް ފަރީއްކުޅުއްވުމަށް ދަޢުވަތު ނޭރުވުނުކަމެވެ. حـطـم ކަހަލަ މީހުނާއެކު އުޅެންހަދައިގެން ޢަރަބީންގެ މެހުމާންދާރީގެ އަދަބުތައްވެސް ހަނދާންނެތުނީއެވެ. އެހެންވެ އަޅުގަނޑު މިއައީ ކަލޭގެފާނަށްވީބައި ހިފައިގެންނެވެ."

مثــنّـى ވިދާޅުވިއެވެ. "އަޅުގަނޑު ކަލޭގެފާނަށް ޝުކުރުދަންނަވަމެވެ. އެކަމަކު މިތާނގައި ލަޝްކަރަށް ބޭނުންވާ ކާބޯތަކެތި ވަރަށްގިނައެވެ. ކަލޭގެފާނެކޭ އެއްގޮތަށް އެހެނިހެން ޤަބީލާތަކުގެ ރައީސުންވެސް ނުހަނު ދީލަތިފުޅުކަން ސާބިތުކޮށްދެއްވައިފިއެވެ. ދެންމެއަކު އަޅުގަނޑަށް ޚަބަރު ލިބުނުގޮތުގައި عَلاء بن الحضرمى رضى اللّـه عنــه ގެ ލަޝްކަރު މާދަމާ ހަވީރު ޖުވާޘާއާ އެއްމަންޒިލް ދުރަށް މަޑުކުރާނެއެވެ. އަޅުގަނޑުމެން އެބޭކަލުންނާ އިސްތިޤްބާލުކުރުމަށްޓަކައި މިރޭ ފުރާނޫއެވެ. އެހެންކަމުން އަޅުގަނޑު ބޭނުންވަނީ ކަލޭގެފާނު ގެންނެވި ތަކެތި މިތަނަށް ބޭލުމުގެ ބަދަލުގައި އެތަނަށް ފޮނުވައިލާށެވެ. މަދީނާއިން އަންނަ ލަޝްކަރަށް ކާބޯތަކެތި މާބޮޑަށް ބޭނުންވާނެއެވެ. عَلاء بن الحضرمى ހުންނެވުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޢަޞުރުނަމާދުގެ ފަހުން މިތަނުން ބަޔަކު ދާނެއެވެ. ކަލޭގެފާނުގެ ޖަމަލުތައްވެސް އެބައިމީހުންނާއެކު ފޮނުއްވިއްޔާ ރަނގަޅުވާނެއެވެ. ކަލޭގެފާނުގެ މީހުން މިތާނގައި ވަރުބަލިފިލުވަން މަޑުކުރާނީއެވެ. ޖަމަލުތަކާއެކު އެމީހުންދާކަށް ބޭނުމެއް ނޫނެވެ. ޖަމަލުތައް ރައްކާތެރިކުރުމަށްޓަކައި ވޮލަންޓިޔަރުންގެ ބަޔަކު ފޮނުވިދާނެއެވެ."

(ނުނިމޭ)