އެމްޑީޕީގެ މެންބަރުންގެ ދަފުތަރު ސައްހަ ނޫން ކަމަށާއި އެކަން ބެލުމަށް ޓަކައި ފުރިހަމަ ތަހުގީގެއް ކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ މިހާރު އޮތް އިރު، ދެވަނަޔަށް މެންބަރުން އެންމެ ގިނަ ޕީޕީއެމާ އެމްޑީޕީއާ ދެމެދު އެތައް ހާސް މެންބަރުންނެއްގެ ފަރަގު އެބަ ހުއްޓެވެ.
އެމްޑީޕީގެ ދަފްތަރުގައި ނަން އޮތް ކަމަށް ބުނެ، އިދިކޮޅަށް ނިސްބަތްވެވަޑައިގެންނަވާ އިސް ބައެއް ބޭފުޅުން އިއްޔެ ވަނީ ސޯޝިއަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭގެ ތެރޭގައި، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލާއި ހއ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ވަނީ ނަން އެމްޑީޕީގެ ދަފުތަރުގައި އޮތް ކަމަށް ބުނާ ސްކްރީންޝޮޓު ތަކެއް ވެސް އާންމުކޮށްފަ އެވެ.
އެމްޑީޕީގެ މެންބަރުންގެ ދަފުތަރުގެ މައްސަލައިގައި ޑރ. ޖަމީލު ވަނީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް ވެސް ތުހުމަތުތައް ކުރައްވާފަ އެވެ.
"އެމްޑީޕީގެ ދަފުތަރު ސައްހައެއް ނޫން. ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކޮށްފައިވާކަން މިއޮތީ ހާމަވެފައި. ރައްޔިތުންނަށް އޮޅުވާލައިގެން ޕާޓީއަށް ވެއްދުމުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުން އެބައޮތް. މިއީ ފުރިހަމަ ތަހުގީގެއް ކޮށް، ފިޔަވަޅު އަޅަން ޖެހޭ ޖިނާއީ ކުށުގެ އަމަލެއް،" ޑރ. ޖަމީލު ވިދާޅުވި އެވެ.
މި ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްދު ދީފަ އެވެ. އީސީން ބުނީ، ޕާޓީތަކުގެ ދަފުތަރުގައި ނަން ރަޖިސްޓްރީ ކުރަނީ ވެސް އަދި އުނިކުރަނީ ވެސް އެކަމަށް އޮންނަ އުސޫލާ އެއް ގޮތަށް ކަމަށެވެ.