ސްޕނިޝް ސުޕަ ކަޕް

ޕެނަލްޓީގައި އެތުލެޓިކޯ ބަލިކޮށް، ރެއާލުން 11 ވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޝޫޓްއައިޓްގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ސައުދީ އަރައްބިއްޔާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޑޭޓިމްގައި ރޭ ކުޅުނު ސުޕަ ކަޕްގެ ފައިނަލު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓަށް ދިޔަ އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ޕެނަލްޓީގައި އެތުލެޓިކޯ އަތުން ރެއާލް މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ރެއާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެޓޭކުގައި ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ އެތުލެޓިކޯއެވެ.

މެޗުގެ 79 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަންހެލް ކޮރޭއާ ދިން ބޯޅައަކުން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ، ރެއާލްގެ ބެލްޖިއަމް ކީޕަރު ތިބައުޓް ކޯޓުވާ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރެއާލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑެނިއެލް ކާވޭހަލް ނަގައިދިން ހުރަސް، އެތުލެޓިކޯގެ ޖޮއާއޯ ފެލިޕޭ ދިފާއު ކުރި ނަމަވެސް، އެ ބޯޅަ ލިބުނީ ރެއާލްގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯއަށެވެ. އެ ބޯޅައިން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލަކްއެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ރަތް ކާޑެއް ދެއްކުމާ ގުޅިގެން ރެއާލަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ރެއާލްގެ އުރުގުއާއީ މިޑްފީލްޑަރު ފެޑެރިކޯ ވަލްވާޑޭއަށް އެ ރަތް ކާޑު ދެއްކީ މޮރާޓާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ރެއާލުން ވަނީ އެޓީމުގެ ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުކޮށްފައެވެ. އެޓީމުގެ ޕެނަލްޓީތައް ފޮނުވާލީ ކާވޭހަލް އާއި ރޮޑްރީގޯ އާއި ލޫކާ މޮޑްރިޗް އަދި ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އެތުލެޓިކޯއަށް ކާމިޔާބުކުރެވުނު ހަމައެކަނި ޕެނަލްޓީއަކީ ކެވިން ޓްރިޕިއާ ފޮނުވާލި ޕެނަލްޓީއެވެ. އެތުލެޓިކޯގެ ސައުލް ފޮނުވާލި ޕެނަލްޓީ ރެއާލްގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އެތުލެޓިކޯގެ ތޯމަސް ޕާޓޭ ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރު ކޯޓުވާއެވެ.

ސްޕެނިޝް ސުޕަ ކަޕްގެ އެންމެ ކާމިޔާބު ކްލަބަކީ ވާދަވެރި ބާސެލޯނާއެވެ. ބާސާ އިން 13 ފަހަރު ސުޕަ ކަޕް ކާމިޔާބުކުރި އިރު، މިސީޒަނުގެ ތައްޓާއެކު ރެއާލަށް ކާމިޔާބުކުރެވިފައިވަނީ 11 ސުޕަ ކަޕެވެ. ރޭގެ މެޗުގައި ރެއާލް އަތުން ބަލިވި އެތުލެޓިކޯއަށް އެ މުބާރާތް ކާމިޔާބުކުރެވިފައިވަނީ ދެ ފަހަރެވެ.

މިސީޒަނުގެ ސްޕެނިޝް ސުޕަ ކަޕް ކުރިއަށްގެންދިޔައީ މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސްގެންނެވެ. ކުރިން ދެ ޓީމު ވާދަކުރި އެ މުބާރާތް މިފަހަރު ކުރިއަށްގެންދިޔައީ ހަތަރު ޓީމާއެކުއެވެ. އެއީ މިދިޔަ ސީޒަނުގެ ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަކުރި ދެ ޓީމުގެ އިތުރުން މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަނުންނާއި ރަނަރަޕުންނެވެ. ލަލީގާގެ ޗެމްޕިއަނުންނާއި ރަނަރަޕުން ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަކޮށްފިނަމަ، އެ ފުރުސަތު ލިބޭނީ ދެން ޖެހިގެން ލީގު ނިންމާލި ޓީމަށެވެ.

ވެލެންސިއާ އިން ކޮޕާ ޑެލްރޭގެ ޗެމްޕިއަނުންގެ ގޮތުގައި ވާދަކުރި އިރު، ބާސެލޯނާއަކީ ލަލީގާގެ ޗެމްޕިއަން އަދި ކޮޕާ ޑެލްރޭގެ ރަނަރަޕުންނެވެ. އެތުލެޓިކޯ ވާދަކުރީ ލަލީގާގެ ރަނަރަޕުންގެ ގޮތުގައެވެ. އަދި ލަލީގާގެ ތިންވަނައިގައި ނިންމާލި ރެއާލަށް ފުރުސަތު ލިބިފައިވަނީ ލަލީގާގެ ޗެމްޕިއަން ބާސާއަށް ކޮޕާ ޑެލްރޭގެ ރަނަރަޕުންގެ ގޮތުގައި ފުރުސަތު ލިބުމުންނެވެ. ހަތަރު ޓީމު ވާދަކުރާތީ މިފަހަރު ސްޕެނިޝް ސުޕަ ކަޕް ފެށީ ސެމީ ފައިނަލުންނެވެ.

ސައުދީގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފައިނަލުން ރެއާލް ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ވެލެންސިއާ ބަލިކޮށްގެންނެވެ. އަދި އެތުލެޓިކޯ އިން ފައިނަލުގެ ޖާގަ ހޯދީ ސެމީގެ ދެވަނަ މެޗުގައި ބާސާ ބަލިކޮށްގެންނެވެ.