ކްރިތީ ސާނޮންގެ ކުރިއަށް އޮތް ފިލްމަށް ބޮޑު ޓްރާންސްފޮމޭޝަނަކަށް ތައްޔާރުވާން ފަށައިފިއެވެ.
ހިކިކޮށް ހުންނަ މި ބަތަލާ ފިލްމު "މިމީ" އަށް ބަރުދަން 70ކިލޯއަށް އިތުރު ކުރާނެ ކަމަށް މީޑިއާ ރިިޕޯޓްތައް ބުނެއެވެ. މިވަގުތު ކްރިތީގެ ބަރުދަނަކީ 56 ކިލޯކަމުން ފިލްމަށް އިތުރު 15ކިލޯ އިތުރުކުރުމުގެ މަސައްކަތް ކްރިތީ ފަށާފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެންމެ ފަހުން ފިލްމު ޕަނިޕަތުން ފެނިގެންދިޔަ ކްރިތީގެ ކުރިއަށް އޮތް ފިލްމު "މިމީ"ގެ ޝޫޓިން މިއަހަރު ފަށާނެއެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނީ ބަރުދަން ބަރު ކުރަން ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ކެލަރީ އިންޓޭކް އިތުރު ކުރަން ޖެހޭ ކަމަށެވެ. ކްރިތީ ބުނީ ޗީޒް، ޑެސާޓް، ގީ، ޖަންކް ފުޑް އަދި ފްރައިޑް ކޮށްފައިހުންނަ އެއްޗެތި ކެއުން އިތުރުކޮށްފައިވާ ކަމަށެވެ.
މިމީ އަކީ ސަރޮގެސީގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކުރަނީ ފިލްމު "ލުކާ ޗުޕީ" ޑައިރެކްޓް ކުރި، ލަކްސްމަން އުޓޭކަރެވެ. ފިލްމުން ޕަންކާޖް އަދި ސައި ތަންހަންކަރު މުހިންމު ރޯލުން ފެނިގެންދާނެ ކަމަށް ވެއެވެ.