ގައުމީ ވޮލީބޯޅަ މުބާރާތް

ޕޮލިސް ބަލިކޮށް، ސިފައިން ގައުމީ ވޮލީ މުބާރާތް ވެސް ކާމިޔާބުކޮށްފި

ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދައިފިއެވެ.

ސިފައިން ގައުމީ ލީގު ޗެމްޕިއަންކަން ވެސް ހޯދީ ފައިނަލުގައި ޕޮލިސް ބަލިކޮށްގެންނެވެ. މިރޭ ކުޅުނު ގައުމީ މުބާރާތުގައި ފައިނަލުގައި ވެސް ސިފައިން ނުކުތީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިހާ ދެކޮޅަށެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު ގައުމީ ވޮލީ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިރޭ ކުޅުނު ފައިނަލު މެޗުގައި ސިފައިންނާއި ޕޮލިހުންގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެ މެޗުގައި ޕޮލިސް އަތުން ސިފައިން މޮޅުވީ 3-2 ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިސް ކްލަބުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އެ ސެޓު ފެށުނީއްސުރެ ޕޮލިހުން ދިޔައީ ބޮޑު ލީޑެއް ދަމަހައްޓަމުންނެވެ. ޕޮލިހުން އެ ސެޓު ގެންދިޔައީ 25-13 އިންނެވެ. އެ މެޗުގެ ދެވަނަ ސެޓުގައި ސިފައިން ވަނީ ކުޅުން ރަނގަޅުކޮށް، ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. ވާދަވެރި ކުޅުމަކަށްފަހު ސިފައިން ދެވަނަ ސެޓު ގެންދިޔައީ 26-28 އިންނެވެ.

ތިންވަނަ ސެޓުގެ ކުރީކޮޅުގައި ސިފައިން ވަނީ ބޮޑު ލީޑެއް ހޯދައިފައެވެ. ޕޮލިހުން ލީޑު ހަނިކުރުމަށް މަސައްކަތްކުރި ނަމަވެސް، ސިފައިން ވަނީ 22-25 އިން އެ ސެޓު ގެންގޮސްފައެވެ. މެޗުގެ ހަތަރުވަނަ ސެޓުގައި ސިފައިން ލީޑުގައި އޮތް ނަމަވެސް، ސެޓުގެ ފަހުކޮޅު ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް ލީޑު ހޯދައިފައެވެ. އެގޮތުން ޕޮލިހުގެ ބިދޭސީ ކުޅުންތެރިޔާ ދިބްތީ ރަމޭޝްގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. ޕޮލިހުން ހަތަރުވަނަ ސެޓު ގެންދިޔައީ 25-22 އިންނެވެ.

މެޗު 2-2 ސެޓުން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރުމަށް ފަސްވަނަ ސެޓެއް ކުޅެން ޖެހުނެވެ. އެ ސެޓު ނިމުމާ ހަމައަށް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އާދަމް ނަސީމް (އެޑަމް)ގެ މޮޅު ކުޅުމާއެކު ސިފައިން ފަހު ސެޓު ކާމިޔާބުކުރީ 13-15 އިންނެވެ.

އެ މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ތައްޓާއި މެޑަލް ހަވާލުކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ޓީމުގެ އަހްމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ސިފައިންގެ ޓީމުގެ ޕާކިސްތާން ކުޅުންތެރިޔާ މުބައްޝިރު ރާޒާ ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އެވެ.