ދިވެހި ޕްރިމިއާ ލީގު

ފަސޭހަކަމާއެކު ޓީސީ ބަލިކޮށް، އީގަލްސް އިން ދެވަނައިގައި އޮވެ ދެވަނަ ބުރު ނިންމާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސް އިން ދެވަނައިގައި އޮވެ ދެވަނަ ބުރު ނިންމާލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ދެވަނަ ބުރުގެ ފަހު މެޗުގައި ޓީސީ އަތުން އީގަލްސް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޓީސީއާ އަލަށް ގުޅުނު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ފެނިގެންދިޔައެވެ.

މެޗުގެ 16 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަލީ ފާސިރު (ސެންޓޭ) ދިން ރީތި ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ޓީސީއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 18 ވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު ސާދު ނިޒާރަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. ސާދަށް އެ ރަތް ކާޑު ދެއްކީ އެންމެ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ، އީގަލްސްގެ ހަސަން ރާއިފް އަހްމަދު (ހަންނަ) އަށް ކުރި ފައުލާ ގުޅިގެންނެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ޓީސީއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ދަގަނޑޭ ފޮނުވާލި އެ ހަމަލާ، އީގަލްސްގެ ސްރީލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން އިސްމާއިލް އީސާ (މެސީ) އަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ޓޮޝިކީ އޮކަމޮޓޯ އާއި ސެންޓޭއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ޓީސީގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިތާ ހަ މިނެޓު ތެރޭ އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ރިޒޭ ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 76 ވަނަ މިނެޓުގައި އީގަލްސް އިން އެންމެ ރަނގަޅަށް ކުޅެމުންދިޔަ އެއް ކުޅުންތެރިޔަކަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފައެވެ. އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ޓޮޝިކީ އޮކަމޮޓޯއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން ޓީސީއަށް ވަނީ އުންމީދުތަކެއް އާވެގެން ގޮސްފައެވެ.

މެޗުގެ އެންމެ ފަހު މިނެޓުގައި އީގަލްސް އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ރިޒޭ ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު ޒުވާން ފޯވަޑް ހަސަން ނަޒީމް (ޗޯޓު) އެވެ. މިއަދުގެ މެޗަކީ އީގަލްސްއަށް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މިއަދުގެ މެޗާއެކު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން ވަނީ ނިމިގެން ގޮސްފައެވެ. ދެވަނަ ބުރު ނިމުނު އިރުވެސް ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މާޒިޔާއަށް 16 މެޗުން 41 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި އީގަލްސްއަށް ލިބިފައިވަނީ 16 މެޗުން 33 ޕޮއިންޓެވެ. ތިންވަނައިގައި ނިންމާލި ޓީސީ ސްޕޯޓްސް ކްލަބަށް 16 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

ހަތަރުވަނައިގައި ނިންމާލި ކްލަބު ގްރީން ސްޓްރީޓްސްއަށް 16 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި ނިންމާލި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް 16 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ތާވަލުގެ ހަވަނައިގައި އޮތް ފޯކައިދޫ ފުޓްބޯލް ކްލަބަށް 16 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ހަތްވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް 16 މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، އަށްވަނައިގައި އޮތް ނިލަންދޫ ސްޕޯޓްސް ކްލަބަށް 16 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

ލީގުގެ ތިންވަނަ ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ފޯކައިދޫއެވެ. އަދި އެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީނާއި ދަ ގްރާންޑޭއެވެ.