ޚަބަރު

އައްޑޫގައި ކުނިން ހަކަތަ އާއި ފެން އުފެއްދުމުގެ މަޝްރޫއެއް ހިންގަން ލޯނު އެހީ ލިބިއްޖެ

އާނިފާ ހުސެއިން ސިރާޖް

އައްޑޫގައި ކުނިން ހަކަތަ އާއި ފެން އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީ ފަންޑު ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން 216 މިލިއަން ރުފިޔާގެ ލޯނު އެހީ ދީފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއު ހިންގުމަށް އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އޭޑީއެފްޑީން 14 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 216 މިލިއަން ދިވެހި ރުފިޔާ) ރާއްޖެއަށް ލޯނު އެހީގެ ގޮތުގައި ދިނުމަށް ނިންމާ، އެކަން ރަސްމީކޮށް މިއަދު އޭޑީއެފްޑީން އިއުލާން ކޮށްފައިވާ ކަމަށެވެ.

އެކަން އިއުލާން ކުރީ މިހާރު އަބޫ ދާބީގައި ކުރިއަށްދާ އައިރީނާގެ 10 އެސެމްބަލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ. ހުސައިން ނިޔާޒް އަދި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒަކީ، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ހުވަދު އަތޮޅުގެ އުތުރުބުރި އާއި ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށް ރަށާއި ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން ތަބީއީ ގޮތުން ނެތިފަނާވެދާ ކުނި ފިޔަވާ ކުނީގެ އެހެން ބާވަތްތައް މެނޭޖުކުރުމަށާއި އެކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ މަޝްރޫއުއެކެވެ.

މަޝްރޫއުގެ ޕްރޮޕޯސަލް ރާއްޖެއިން އައިރީނާއަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ އާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް އައިރީނާ އާއި އޭޑީއެފްޑީ ގުޅިންގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރެއިން މި އަހަރު ވަނީ ޖުމުލަ 104.5 މިލިއަން އެމެރިކާ ޑޮލަރު އަށް ގައުމަކަށް ދީފައެވެ. އައިރީނާ - އޭޑީއެފްޑް ޕްރޮޖެކްޓް ފެސިލިޓީގެ ހަތް ވަނަ ބުރުގައި 95 ގައުމަކުން ވާދަކޮށްފައިވެއެވެ.