ދުނިޔެ

ޝާހީ މަސައްކަތުން ޕްރިންސް ހެރީގެ ދެކަނބަލުން ވަކިވެވަޑައިގަތުމާ ގުޅޭގޮތުން އާއިލާއިން ބައްދަލުކުރަނީ

މިންހާ ފާއިޒް ރަޝާދު

ޝާހީ މަސައްކަތުން ޕްރިންސް ހެރީގެ ދެކަނބަލުން ވަކިވެވަޑައިގަތުމާ ގުޅޭގޮތުން އާއިލާއިން އެދެބޭފުޅުންނާ ބައްދަލުކުރަން ނިންމައިފި އެވެ.

މާމާފުޅު ރާނީ އެލިޒަބަތު ދެވަނަ އަދި ބޭބޭފުޅު ޕްރިންސް ވިލިއަމްއާ ވެސް މަޝްވަރާ ނުކުރައްވައި ޕްރިންސް ހެރީގެ ދެކަނބަލުން އެގޮތަށް ނިންމެވުމާ ގުޅިގެން ބަކިންހަމް ޕެލެސްގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ބަކިންހަމް ޕެލެސް އިން މީގެ ކުރިން ވަނީ އެކަމާ ގުޅިގެން ރަސްމީ ބަޔާނެއް ވެސް ނެރެފައެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި މައްސަލައާ މެދު މަޝްވަރާ ކުރުމަށް ޝާހީ އާއިލާގެ ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސާފަ އެވެ. މި ބައްދަލުވުމުގައި ރާނީ އެލިޒަބަތު ދެވަނަ އާއި، ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސް އަދި ބޭބޭފުޅު ޕްރިންސް ވިލިއަމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އިންގްލެންޑުގައި ހުންނަ ރާނީގެ ގަނޑުވަރެއް ކަމުގައިވާ ސޭންޑްރިންގަމް އެސްޓޭޓުގައި ބާއްވަވާ މި ބައްދަލުވުމުގައި ޕްރިންސް ހެރީވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ޝާހީ މަސައްކަތުން ދުރަށް ވަޑައިގަންނަވާ ވާހަކަ އިއުލާނު ކުރުމުން ގަނޑުވަރު ތެރޭގައި އުފެދުނު ނުތަނަވަސްކަމާއެކު ޕްރިންސް ހެރީގެ އަނބިކަބަލުން މޭގަން ވަނީ ކެނެޑާއަށް ދިރިއުޅުއްވުން ބަދަލުކުރައްވާފަ އެވެ. ރާނީގެ ބައްދަލުވުމަށް މޭގަން އަށްވެސް ދައުވަތު ދެއްވާނެ ކަމަށް ގަނޑުވަރާ ހަވާލާދީ ސީއެންއެންއަށް މައުލޫމާތު ދިން ފަރާތަކުން ވަނީ ބުނެފައެވެ.

މިމަޝްވަރާ ބައްދަލުވުމުގެ ތެރޭގައި، ހެރީ އަދި މޭގަން އަށް ކޮންސަލްޓޭޝަން ދިނުން ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ޕްރިންސް ހެރީ ނިންމަވާފައިވާ ނިންމުން ބަދަލުކުރެއްވުމަށް އާއިލާއިން މަސައްކަތް ކުރާނެ ކަމަށްވެސް ވެއެވެ.

ޕްރިންސް ހެރީގެ ދެކަނބަލުން "ފައިނޭންޝިއަލީ އިންޑިޕެންޓެންޓް" ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަށް ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.

މީޑިއާ ރިޕޯޓްތަައް ބުނެފައިވާ ގޮތުގައި ޕްރިންސް ހެރީއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިންވެސް މޭގަން އަކީ އިންޑިޕެންޑެންޓް ބޭފުޅެކެވެ. އެގޮތުން މޭގަންގެ މިލްކިއްޔާތު ފަސް މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޕްރިންސް ހެރީއަށްވެސް ވަނީ މަންމާފުޅު ޕްރިންސަސް ޑަޔާނާގެ އަވަހާރަވުމާ ގުޅިގެން އެތައް މިލިޔަނެއް ވާރުތަވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގެރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ދަ ޓައިމްސް ގައި ބުނެފައިވަނީ ހެރީގެ ދެކަނބަލުންގެ މި ނިންމެވުން ބަދަލު ނުކުރައްވައި، އާއިލާއާ ވަކިވެވަޑައިގެންފިނަމަ ޕްރިންސް ހެރީއަށް ވާރުތައިން ލިބިވަޑައިގަންނަވަމުންދާ މާލީ އެހީތެރިކަން ބައްޕާފުޅު ޕްރިންސް ޗާލްސް އެއްކޮށް މެދުކަނޑައިލައްވާނެ ކަމަށެވެ.

ޕްރިންސް ހެރީ އަދި މޭގަން ވަނީ މިދިޔަ އަހަރުގެ ޖޫންގައި "ސުސެކްސް ރޯޔަލް"ގެ ނަމުގައި ޔޫކޭ ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރައްވާފައެވެ. އެހެންކަމުން ދެކަނބަލުންނަށް އެ ބްރޭންޑުން އާމްދަނީ ހޯދޭނެ ކަމަށްވެސް ދިރާސާކުރާ ބައެއް ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.