ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލުން އާ ޗީފް ރިސްކް އޮފިސަރާއި ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި

މިންހާ ފާއިޒް ރަޝާދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ޗީފް ރިސްކް އޮފިސަރުގެ މަގާމަށް މރ. ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް މިސް ސުރީ ހާނިމް މުހައްމަދު ހަމަޖައްސައިފިއެވެ.

މިދެމަގާމަށް ބޭފުޅުން ހަމަޖައްސައި ބީއެމްއެލުން މިއަދު ނެރުނު ބަޔާނުގައި ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވެފައިވަނީ ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަށް ބޭންކުން އިސްކަންދޭ ކަމަށެވެ.

"މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި. އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ." ޓިމް ވިދާޅުވިއެވެ.

ޓިމް އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި އިސްލާމިކް ބޭންކިން އިތުރަށް ފުޅާކުރުމަކީ ބޭންކުގެ އަމާޒެއް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކުރިއަރަމުން އަންނަ އިސްލާމިކް ބޭންކިން ހިދުމަތް އިތުރު ހަރުފަތަކަށް ސުރީގެ ބައިނަލްއަގުވާމީ ތަޖުރިބާއާ އެކު ދިޔުން." ޓިމް ވިދާޅުވިއެވެ.

ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ގެރީ ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގައެވެ. ގެރީ އަކީ ބޭންކިން އަދި ރިސްކް މެނޭޖްމަންޓްގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އޭނާ ވަނީ ޔޫކޭ އަދި ސައުތު އެފްރިކާގެ އިންވެސްޓެކް ބޭންކުގެ އިސް މަގާމްތަކެއްވެސް ފުރުއްވާފައި ކަމަށް ބީއެމްއެލުން ބުނެ އެވެ.

ސުރީ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މަގާމުތަކެއް ފުރުއްވައި 19 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށާއި އޭނާ ވަނީ ތަވާފުޤް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތްކުރައްވާފައި ކަމަށް ބީއެމްއެލުން ބުނެ އެވެ. ސުރީ ވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކަމާއި އެގްޒެކްޓިވް ޑިރެކްޓަރު ގެ މަގާމުވެސް ފުރުއްވާފައި ކަމަށް ބީއެލްއެލުން ބުނެ އެވެ.