ދުނިޔެ

ޖޯޑަންގެ ފުރަތަމަ އަންހެން ޕައިލެޓަކަށް އެގައުމުގެ ޕްރިންސަސް

މިންހާ ފާއިޒް ރަޝާދު

ޖޯޑެނިއަން އާމްޑް ފޯސަސް އިން ތިއަރީ އަދި ޕްރެކްޓިކަލް ޓްރެއިނިން ފުރިހަމަކުރައްވައި އެގައުމުގެ ފުރަތަމަ އަންހެން ޕައިލެޓްގެ މަގާމު ޕްރިންސަސް ސަލްމާ ބިންތި އަބްދުﷲ ހޯއްދަވައިފިއެވެ.

ރޯޔަލް ހޭޝްމައިޓް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި 19 އަހަރުގެ ޕްރިންސަސް ސަލްމާ ޕައިލެޓް ޓްރެއިނިން ފުރިހަމަ ކުރެއްވީ ފިކްސްޑް ވިންގް އެއާކްރާފްޓުގައި ކަމަށެވެ.

ބުދަ ދުވަހު ހުސޭނިއްޔާ ޕެލެސްގައި ބޭއްވި ހަފުލާއެއްގައި ޕްރިންސަސް ސަލްމާއަށް އޭވިއޭޝަން ވިންގްސް އެރުއްވެވީ އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު އަބްދުﷲއެވެ. އެހަފުލާގައި އެކަމަނާގެ މަންމާފުޅު ރާނީ ރާނިޔާ އަދި ބޭބޭފުޅު ކްރައުން ޕްރިންސް ހުސެއިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރިންސަސް ސަލްމާގެ ބޭބެ ޖޯޑޭނިއަން އާމްޑް ޕޯސަސްގެ ލިއުޓިނެންޓް، ވަނީ އިންސްޓަގްރާމުގައި ކޮއްކޯފުޅަށް މަރުހަބާ ވިދާޅުވެ ޕޯސްޓެއް ވެސް ކުރައްވާފައެވެ. ޕްރިންސް ހުސެއިންގެ ޕޯސްޓުގައި ކޮއްކޯފުޅަށް ތައުރީފުކުރައްވައި އިތުރު ކުރިއެރުމަށް އެދިވަޑައިގެންފައި ވެއެވެ.

ޕްރިންސަސް ސަލްމާއަކީ މިލިޓަރީ އެކަޑެމީއަކުން ގްރެޖުއޭޓްވި ޖޯޑަންގެ ފުރަތަމަ އަންހެން ބޭފުޅާއެއް ނޫނެވެ. ރޯޔަލް މިލިޓަރީ އެކަޑެމީ ސޭންޑްހާސްޓް އިން ފުރަތަމަ ގްރެޖުއޭޓްވި އަންހެން ބޭފުޅާއަކީ ޕްރިންސަސް ސަލްމާގެ ބޮޑުދައިތާފުޅު ޕްރިންސަސް އައިޝާ ބިންތި ހުސެއިން އެވެ. އެއީ 1987ގަ އެވެ. އެކަމަނާ ވަނީ ފަހުން ޖޯޑަންގެ ސްޕެޝަލް ފޯސަސްގައިވެސް މަސައްކަތް ކުރައްވާފައެވެ. ޕްރިންސަސް ސަލްމާގެ އެހެން ބޮޑުދައިތާފުޅެއް ކަމަށްވާ ޕްރިންސަސް އިމާން ވެސް ވަނީ އެ ޔުނިވާސިޓީން 2003ވަނަ އަހަރު ގްރެޖުއޭޓް ވެވަޑައިގެންފަ އެވެ.

ސޭންޑްހާސްޓް ޔުނިވާސިޓީން ޕްރިންސަސް ސަލްމާ ގްރެޖުއޭޓްވެވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ.