ޓެކްނޮލޮޖީ

ސިންގަލް ކްލިކް: 2020 ވެގެން ދާނީ 5ޖީ ނެޓްވޯކް އަދި 5ޖީ ފޯނުތަކުގެ އަހަރަކަށް

އާދަމް ނަސީރު

2

5ޖީ ނެޓްވޯކަކީ 10ޖީބީ ސިކުންތެއްގެ ތެރޭގައި ފޮނުވާލުމުގެ ގާބިލުކަމާއި ހަލުއިކަން ލިބޭ ނެޓްވޯކެކެވެ. މިހާރުގެ ނެޓްވޯކްތަކުން ލިބެނީ އެމްބީ ކޮޅެއްގެ ސުޕީޑެވެ. 5ޖީ ނެޓްވޯކްތަކުގައި އަދި 5ޖީ ސަޕޯޓްކުރާ ފޯނުތަކަށް 10 ޖީބީ ގެ ސުޕީޑް ސީދާ ނުލިބުނަސް މިހާރު ލިބޭ ސުޕީޑަށް ވުރެ އެތަކެއް ގުނައެއް ހަލުވިކޮށް ލިބޭނެކަން ވަނީ ފެނި ތަޖުރިބާ ކުރެވިފައެވެ. ރާއްޖޭގައި ފުރަތަމަ 5ޖީ ދައްކާލި ދިރާގުންވެސް އާންމުކުރި ޓެސްޓު ރަންގައި 800 އެމްބީ ސިކުންތެއްގެ ތެރޭގައި ފޮނުވާލިތަން ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން ދެން އޮތީ 5ޖީ ސަޕޯޓް ކުރާ ފޯނުތަކުގެ ވާހަކަ އެވެ.

ޗައިނާގެ ވާވޭ އަދި ސަމްސަން އިން 5ޖީ ފޯނުތައް ނެރެގެން ވިއްކަމުން އަންނަ އިރު އެޕަލް ކުންފުނިން 5ޖީ ސަޕޯޓްކުރާ ފޯނެއް މި އަހަރު ނެރޭނެ ކަމަށް ވަނީ ބެލެވިފައެވެ. އެޕަލް ކުންފުނިން 5ޖީ ހިމެނޭ ފޯނެއް ނެރުމަށް އަދި 3 އަހަރު ނަގާނެ ކަމަށް ދެކެވުނު ވާހަކަތައް މިހާރު ވަނީ ބަދަލު ވެފައެވެ. ފޯނު އުފައްދާ ކުންފުނިތައް ކިތަންމެ ގިނަޔަސް 5 ޖީ މޯޑަމް އިންދައިގެން ފޯނެއް އަދި ނެރެވިފައި ވަނީ ވާވޭ އާއި ސަމްސަން އަށެވެ. އިތުރު ކުންފުނި ތަކުން 5ޖީގެ ފޯނުތައް އުފެއްދުމަށް ފޯރިޔާއި އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމް.އައި އަދި ޒިއޯމީ އާއި ޗައިނާގެ އިތުރު ކުންފުނިތަކުން 5ޖީ ފޯނުތައް ނެރޭނެކަން ވަނީ އިއުލާން ކޮށްފައެވެ. އެހެންކަމުން މިއަހަރު ވެގެންދާނީ 5ޖީ ގެ އިތުރު ފޯނުތަކާއި އެކި އެކި އާލާތްތައް ދުނިޔެއަށް އުފަން ވާނެ އަހަރަކަށެވެ.

ދުނިޔޭގެ ޓެކްނޮލޮޖީއަށް ލޯބި ކުރާ ހުރިހާ ފަރާތްތަކަކުންވެސް އުންމީދު ކުރަނީ 5ޖީ ގެ ފޮނި މީރުކަން 2020ގައި އެންމެންނަށް ލިބިގެން ދިއުމަށެވެ. ތައުލީމާއި ތަމްރީނުތަކުގައި އަދި އެކި އެކި ރިސާޗުތައް ހެދުމަށް ހަލުއި އިންޓަނެޓް ކޮންމެހެން ބޭނުން ވާކަން މިހާރު އެންމެންވެސް ގަބޫލު ކުރެއެވެ. އޭގެ ހެއްކަކީ 2019 ވަނަ އަހަރު ސަމްސަން ކުންފުނިން 6.7 މިލިއަން 5ޖީ ފޯނު ވިއްކުމާ އެކު 5ޖީ ގެ ފޯނުތަކަށް އޮތް ޑިމާންޑް ފެނިގެން ދިއުމެވެ. އެހެންކަމުން މިއަހަރު އެންމެ ވިކޭނެ ފޯނަކީ 5ޖީ ސަޕޯޓް ކުރާ ފޯނުތައް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

5ޖީ ލިބޭ ގިނަ ނެޓްވޯކްތައް ދުނިޔޭގެ އެކި ގައުމުތަކުގައި އަންނަނީ ފައްކާ ކުރަމުންނެވެ. އެގޮތުން ޔޫރަޕާއި އޭޝިޔާ އަދި އެމެރިކާވެސް ވަނީ މި ރޭހަށް ނިކުމެ ފޯރީގައި މަސައްކަތް ފަށާފައެވެ. 5ޖީ ނެޓްވޯކް ސާމާނުތައް އެންމެ ހެޔޮ އަގެއްގައި ފޯރު ކޮށްދެނީ ޗައިނާގެ ވާވޭ ކުންފުނިންނެވެ. އެހެން ނަމަވެސް އެ ކުންފުނީގެ އާލާތްތަކަށް އެމެރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން ދަނީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ. ނަމަވެސް އިނގިރޭސިން ވަނީ ހާއްސަ އެގްރިމެންޓަކާ އެކު ވާވޭގެ 5ޖީ ނެޓްވޯކް ސާމާނު ބޭނުން ކުރަން އެއްބަސް ވެފައެވެ. ވުމާ އެކު 5ޖީ ނެޓްވޯކްތައް އިނގިރޭސީން ލަސްތަކެއް ނުވެ ބޭނުން ކުރަން ފަށާނެއެވެ.

ރާއްޖޭގެ ދެ އޮޕަރޭޓަރުންވެސް ބުނަނީ 5ޖީ ނެޓްވޯކް ފައްކާ ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ރަސްމީ ސިފައެއްގައި އެ ހިދުމަތް ދެނީ ދިރާގުން އެކަންޏެވެ. ގުރޭޓަރ މާލޭ އޭރިއާއަށް 5ޖީ ލިބެމުން އަންނައިރު އޫރިދޫގެ މާބޮޑު ހަރަކާތެއް އަދި ނުފެނެއެވެ. އެކަމަކު އޫރިދޫން ވެސް މި ހިދުމަތް ފޯރުކޮށްދިނުން މާ ލަސްތަކެއް ވާނެ ކަމަކަށް ނުބެލެވެ އެވެ. ސައުތު އޭސިޔާގައިވެސް އެންމެ ފުރަތަމަ 5ޖީ ނެޓްވޯކް ރަސްމީކޮށް ހުޅުވާލީ ދިރާގުންނެވެ. މިހާރު ބޭނުން ކުރާ އިންޓަނެޓް އެތަކެއް ގުނަ ހަލުއިކޮން 5ޖީ ނެޓްވޯކެއްގައި ލިބޭނެއެވެ. އެހެން ކަމުން ދެން އޮތީ 5ޖީގެ އައު ޒަމާނެކެވެ. 2020 ވެގެން ދާނީ އިންޓަނެޓްގެ ރަންޒަމާނެއް ދިވެހިންނަށް ވެސް ފެނިގެން ދާނެ އަހަރެއް ކަމަށް ބަލަމާ ހިންގާށެވެ.