އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 24

އަބްދުﷲ ފާރޫގް ހަސަން

(06 ޖެނުއަރީގެ އަދަދާ ގުޅޭ)

مثــنّـى ކޮންމެވެސް މުހިންމު މަސައްކަތްޕުޅެއްގައި ބޭރުތަނަކަށް ވަޑައިގެންވީ ރެއެކެވެ. مثــنّـى ގެ ފޭލިގެކޮޅުގެ ކުރިމަތީގައިއޮތް ހުސްތާނގައި ވޮލަންޓިޔަރުން އެއްވެތިއްބެވެ. އެބައިމީހުން މުބައްލިޣެއްގެ ތަޤްރީރު އަޑުއަހަނީއެވެ. މުބައްލިޣު އިސްލާމްދީން ފޮނުއްވުމުގެކުރީން ޢަރަބީންގެ ޙާލަތުއޮތްގޮތުގެ ލަފްޒީޗާޓެއް ކުރެއްސެވުމަށްފަހު محمّد صلّى اللّـه عليه وسلّم އަށް ތަބާވެގެންތިބި މީހުންނަށް މާތް اللّـه ހިބަކޮށްދެއްވި ނިޢުމަތުގެ ވާހަކަ ފެއްޓެވުމުން އަޑުއަހަންތިބި އެންމެންނަށް ރޮވޭގޮތްވިއެވެ. ތަޤްރީރު ނިމިގެން އެންމެން ފަރާތްފަރާތަށް ދާންފެށުމުން حسّان އިންނެވިތަނުން ތެދުވެވަޑައިގެން ދުވެވަޑައިގެންފައި މުބައްލިޣުގެ އަރިހަށް ވަޑައިގެން ބާރުއަޑުފުޅުން ވިދާޅުވިއެވެ. "އަޚުންނޭވެ! ހުއްޓިބަލާށެވެ. އަޅުގަނޑު އެއްޗެއް ބުނެލަން ބޭނުމެވެ." އެންމެން ހުއްޓި حسّان އާ ދިމާއަށް ބަލާންފަށައިފިއެވެ. حسّان ކުޑަކޮށް މަޑުކޮށްލައްވައިފައި އޭނާގެ ވާހަކަފުޅު ފެއްޓެވިއިރު އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ ޖަޒުބާތުގެ ވަރުގަދަކަމުން އަޑުފުޅު ތުރުތުރުއަޅައެވެ. އޭނާ ވަރަށް އުނދަގުލުން ވިދާޅުވިއެވެ. "އަޚުންނޭވެ! ތިޔަބައިމީހުން ހެކިވާށެވެ. އަހަރެން އިސްލާމްދީން ޤަބޫލުކޮށްފީމެވެ." އެ ލަފުޒުކޮޅާއެކު އޭނާގެ ލޯފުޅުން ކަރުނަފޮދު އޮހިގެންފިއެވެ. އެއްވެފައިތިބި މީހުންތައް އެކަކަށްފަހު އަނެކަކު އޭނާއާ ބަޣަލްޤީރުކުރަން ފަށައިފިއެވެ. އޭނާއަށް މުބާރިކްބާދު ދަންނަވާން ފަށައިފިއެވެ. حسّان ވިދާޅުވަމުން ގެންދެވިއެވެ. "އަޚުންނޭވެ! އަޅުގަނޑަށް ހެޔޮދުޢާ ކޮށްދެއްވާށެވެ. މާތް اللّـه ގެ މަގުގައި ސާބިތުކަމާއެކު ދެމިހުރެވޭތޯ ދުޢާކޮށްދެއްވާށެވެ!"

ފަތިސްނަމާދަށްފަހު حسّان ހުންނެވީ މުޢަސްކަރުގެ ބޭރުގައިވާ އުސްފަސްގަނޑެއްގެ މަތީގައެވެ. އޭނާ ހުންނެވީ އިރުއަރާ މަންޒަރު ބައްލަވާށެވެ. ކުއްލިޔަކަށް އޭނާއަށް އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން އޭނާގެ ކަނާތްޕުޅުފަރާތުން އުސްފަސްގަނޑެއްގެ ބިއްދޮށުން مثــنّـى بــن حــارثـــة رضى اللّـه عنــه އާއި އެކަލޭގެފާނުގެ ތިން އެކުވެރީން ފެނިވަޑައިގެންފިއެވެ.

حسّان އަވަސްއަވަހަށް ފަސްފުނިމަތީން ފައިބައިވަޑައިގެންފިއެވެ. އެބޭފުޅުން ވަޑައިގަންނަވާ މަގުމަތީގައި ހުއްޓިވަޑައިގެންފިއެވެ. مثــنّـى حسّان އާ ހަމަޔަށް ވަޑައިގެންފައި އަސްމަޑުކޮށްލެއްވިއެވެ. حسّان ޝަކުވާގެ ރާގުގައި ވިދާޅުވިއެވެ. މުޢަސްކަރުގައިތިބި ކަލޭގެފާނުގެ އެކުވެރީންތިބީ ވަރަށް ކަންބޮޑުވެފައެވެ. އެބައިމީހުން ހީކޮށްގެންތިބީ ކަލޭގެފާނު އިއްޔެ ހަވީރު އެނބުރިވަޑައިގަންނަވާނެ ކަމުގައެވެ. ނަމަވެސް ވަޑައިނުގަތުމުން ރޭދެބައިވަންދެން އިންތިޒާމު ކުރުމަށްފަހު ކަލޭގެފާނު ހޯދުމަށްޓަކައި އަސްވާރުންގެ ބަޔަކުވަނީ ފޮނުވައިފައެވެ. އިއްޔެއާ ހަމައަށް އަޅުގަނޑަކަށެއް ކަލޭގެފާނު ކުރައްވާކަމަކާ ފާޑެއްދެންނެވުމުގެ ޙައްޤެއް ލިބިފައެއްނެތެވެ. ނަމަވެސް މިހާރު އަޅުގަނޑު އިސްލާމްވެއްޖައީމެވެ. އާ މުސްލިމެއްގެ ޝުޢޫރުތަކަކީ ކަލޭގެފާނުގެ އަރިހުގައި މާނައެއްހުރި އެއްޗެއްކަމުގައިވާނަމަ އަޅުގަނޑު ދެންނެވިޔަ ދެއްވާށެވެ. މިހާރު ކަންތައްހުރިގޮތުން ބަހުރައިންގެ މުސްލިމުންނަށް އެންމެބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ކަލޭގެފާނުގެ ސަލާމަތެވެ. އެހެންކަމުން ކަލޭގެފާނު މުޢަސްކަރުން ބޭރަށް ނުކުމެވަޑައިގަންނަވާނަމަ އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތަކެއް އެޅިފައި ހުންނަންޖެހޭނެއެވެ. ޚާއްޞަކޮށް މުރުތައްދުވެފައިވާ ބައެއްގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާނަމަ ކަލޭގެފާނުގެ އަރިހުގައި ކަލޭގެފާނުގެ އެކުވެރީންގެ އެކަށީގެންވާ ޢަދަދެއްގެ ބަޔަކު ގެންދަވަންޖެހޭނެއެވެ. ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ކަލޭގެފާނުގެ އައްޑަނަކޮޅުތަކަކަށާއި ކަނޑިކޮޅުތަކަކަށް ވުމަށްޓަކައެވެ.

مثــنّـى ހިނިފުޅުވަޑުވައިލައްވައިފައި އަސްމަތީން ފައިބައިވަޑައިގެންފިއެވެ. އެކަލޭގެފާނު حسّان އާ ބަޣަލްޤީރުކުރައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ކަލާއަށް މުބާރިކްބާދު ދަންނަވަމެވެ. އަޅުގަނޑަށް އެންމެފުރަތަމަ ކަލާ ފެނުމާއެކުވެސް ބަޙުރައިނުގެ މުސްލިމުންގެ ލަޝްކަރަށް ރަނގަޅު ސިފައިންގެ މީހަކު އެބައިތުރުވާކަން ވިސްނިއްޖެއެވެ. ނަމަވެސް ކަލާގެ ދޫފުޅުން ތައުޙީދުގެ ކަލިމަފުޅުގެ އަޑުއިވުމަށް އަޅުގަނޑު ޝައުޤުވެރިވާ ވަރަށްވުރެ ބޮޑަށް އަޅުގަނޑު އެދެނީ އަޅުގަނޑާމެދު ކަލާގެ ހިތްޕުޅުގައި އޮންނަ ޤަދަރަކާއި ކަމޭހިއްތެވުމެއްގެ ބަދަލުގައި އިސްލާމްދީނުގެ މޮޅުކަމާއި މާތްކަން އެނގިވަޑައިގަތުމަކީ ކަލާ އިސްލާމްވެވަޑައިގަތުމުގެ ސަބަބަކަށްވުމެވެ. އެދީނަކީ އަޅުގަނޑުކަހަލަ އެތައްލައްކަ އިންސާނުން ޖަހާލަތާއި މަގުފުރެދުމުގެ ނުރައްކާތެރި އަނދަވަޅުގެ ތެރެއިން ނެރެ ސަލާމަތުގެ ސަރާސަރު އަލިމަގުދެއްކި ދީނެވެ. މިހާރު ކަލާއަކީ އަޅުގަނޑުގެ އަޚެކެވެ. ކަލާގެ ޝުޢޫރުތައް ފާޅުކުރައްވަން އަޅުގަނޑުގެ އިޒުނަ ހޯއްދަވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް އަޅުގަނޑުގެ ޙަޔާތަކީ އެހެނިހެން މުސްލިމުންގެ ދިރިއުޅުމަށްވުރެ ބޮޑަށް އަހައްމިއްޔަތު ދޭންޖެހޭ ދިރިއުޅުމެއްކަމަށް ކަލާ ތިޔަކުރެއްވި ޚިޔާލަކީ ކުށްޚިޔާލެކެވެ. އަޅުގަނޑުމެން އެންމެންނަކީ އެއްމަގަކުން އެއްމަންޒިލަކަށް ދަތުރުކުރާ ދަތުރުވެރީންނެވެ. މިމަގުން ދަތުރުކުރުމުގެ ފުރަތަމަ ޝަރުޠަކީ އެމީހެއްގެ ހިތް މަރުދެކެ ބިރުގަތުމުން މިނިވަންވެފައި އޮތުމެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ޙަޔާތުގެ މަޤްޞަދަކީ އެމަޤްޞަދަކަށްޓަކައި ދިރިހުރުމަކީ ބާއްޖަވެރި ކަމެއްކަމުގައިވާ ފަދައިން އެމަޤްޞަދަކަށްޓަކައި މަރުވެދިޔުމަކީ އެތަކެއްގުނަ ޘަވާބުބޮޑު މަޤްޞަދެއްކަމެވެ. ކަލާއަށް މިޙަޤީޤަތް ވިސްނިވަޑައިގަންނަވާނީ رسـول اللّـه صلّى اللّـه عليه وسلّم ގެ އަރިހުގައި އިސްލާމްދީނުގެ މަގުގައި ހިންގަވާންފެއްޓެވި ނަސީބުވެރީންގެ ބަރަކާތްތެރި ޙަޔާތްޕުޅުގެ ޚަބަރުތައް އޮޅުންފިލައިވަޑައިގަތުމުންނެވެ. އޭރުން ކަލާއަށް އެނގިވަޑައިގަންނަވާނީ މުއުމިނެއްގެ ޙަޔާތުގެ މިޢުރާޖަކީ މަރުގެދޮރާށީގެ ކުރިމަތީގައި ހުއްޓިހުންނައިރުވެސް އެމީހެއްގެ މޫނުމަތީން ދާއިމަށް ދިރިތިބޭ ދުނިޔޭގެ ހިނިތުންވުން ފެނުންކަމެވެ. އެބޭކަލުންގެ ޒަޚަމްތަކުން ލޭގެފައްވާރާތައް ނިކުންނަމުން ދިޔައިރުވެސް އެބޭކަލުންގެ ހިތްޕުޅު ހަމަޖެހިވަޑައިގެންފައިވަނީ އެބޭކަލުންގެ ލޭފޮދުން ސުވަރުގޭގެ ބަގީޗާގެ މާމެލާމެލީގެ ގަސްތަކަށް ފެންދެއްވުނު ކަމާމެދުގައެވެ. މުޙައްމަދީ ނޫރުފުޅުގެ ފުރިހަމަކަމުން އެބޭކަލުންގެ ލޯފުޅުތައް އަލިކުރެއްވުމުގެ ނަސީބު ލިބިވަޑައިގެންނެވި މާތްބޭބޭކަލުން އަދި ކަލާއަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އެބޭކަލުންގެ ޤާފިލާ މިތަނަށް އައުމުން ކަލާއަށް އިޙްސާސްކުރެއްވޭނީ އިންސާނީ މާތްކަމާއި، ހައިބަތާއި ޤަދަރާމެދު ކަލާއަށް ކުރެއްވޭ އެންމެމަތީ ޚިޔާލުފުޅުތައްވެސް އެޤާފިލާ ދަތުރުކުރާމަގުގެ ހިރަފުހުގެ ތެރެއަށް އޮބައިލައިފިކަމެވެ."

مثــنّـى ގެ ވާހަކަފުޅު އެހައިތަނަށް ގެންދަވައިފައި އިރުކޮޅަކު ހިމޭނުން ހުންނެވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އަސްކޮޅުގެލަގަން އެކަލޭގެފާނުގެ އެކުވެރިއެއްގެ އަތަށްދެއްވައިފައި ވިދާޅުވިއެވެ. "ކަލޭމެންދާށެވެ. މިހާތަނުން އަހަރެންދާނީ ފައިމަގުގައެވެ."

مثــنّـى ގެ އެކުވެރީން އެތަނުން ދިއުމުން އެކަލޭގެފާނު އަނެއްކާވެސް حسّان އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަށް އެކަމަކާމެދު ފަޚުރުވެރިވެވޭފަދަ އެއްވެސްކަމެއް އަދިއެއް އަޅުގަނޑަކަށެއް ނުކުރެވެއެވެ. މުރުތައްދުވެފައިވާ ޤަބީލާތަކުގެ ކައިރިޔަށްދާއިރު އަޅުގަނޑަށް ޙިމާޔަތްދޭނެބަޔަކު ނުގެންދިއުމުގެ އެއްސަބަބަކީ އަޅުގަނޑުގެ ޤަބީލާއިން ބަދަލުހިފާނެކަމުގެ ބިރަށްޓަކައި އަޅުގަނޑާދިމާއަށް އަތްއުފުލަން އެބައިމީހުންނަށް ނުކެރޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބިފައިވުމެވެ. ބަޙުރައިނުގެ އެއްވެސް ޤަބީލާއެއްގެ ވެރިޔަކަށް އަޅުގަނޑުގެ ލެއިން އެބޭފުޅެއްގެ ފަސްބައިކޮޅުގައި ލައްޖައްސަވާކަށެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. ކަލާއަށްވާނީ ކަލާގެ މާބެ ފެނިވަޑައިގެންފައެވެ. އޭނާ ހުންނެވީ އެހެނިހެން ޤަބީލާތަކާއެކު މުސްލިމުންނާ ހަނގުރާމަކުރެއްވުމުގެ ނުރައްކަލާ ކުރިމަތިލައްވަން ތައްޔާރަށެވެ. ނަމަވެސް އޭނާގެ ގެ އަޅުގަނޑާ ހަނގުރާމަކުރެވޭ މައިދާނަކަށް ހައްދަވާކަށެއް އޭނާއަކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. حـطـم ބޭރުމީހުންތައް ރުޅިއަރުވާލިޔަސް ކަލާގެ މާބެގެ ޤަބީލާގެ ކަނޑިތައް އަޅުގަނޑުގެ ޙިމާޔަތުގައި އުފުލައިލެވޭނެކަން އެއަވަށަށް ދިޔައިރުވެސް އަޅުގަނޑަށް ޔަޤީންވެއެވެ. އަޅުގަނޑަށް حـطـم بـن ظبـيعــة ޤަތުލުކޮށް ބަހުރައިން ވަރަށްބޮޑު ފިތުނައަކުން ސަލާމަތް ކުރެވިއްޖައީހެވެ. އެއީ އަޅުގަނޑަށް މާއުނދަގޫ ކަމެއްވެސްނޫނެވެ. ނަމަވެސް އޭނާއަކީ قيس ގެ މެހުމާނެއްކަމާއި އަޅުގަނޑު ޙިމާޔަތްކުރައްވާގޮތަށް حـطـم ރައްކާތެރިކުރެއްވުމަކީވެސް قيس އޭނާގެ ވާޖިބެއްކަމުގައި ބައްލަވާނެކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑަށް އެއަވަށުން ލިބުނު ކާމިޔާބު އަޅުގަނޑު އުންމީދުކުރި ވަރަށްވުރެވެސް މާބޮޑެވެ. قيس ގެ އަވަށަށް އެއްވިމީހުންކުރެ ގިނަމީހުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިނުވާން ނިންމައިފިއެވެ. حـطـم އެތަނުން ފިލައިގެންދިޔައިރު އޭނާއާއެކު ދިޔައީ އެންމެ ތިރީސްމީހުންނެވެ. ކަލާގެ މާބެ އޭނާ ބާޣީންނާއި ބައިވެރިވެވަޑައިނުގަންނަވާނެކަން އަޅުގަނޑަށް އަންގަވައިފިއެވެ. މުރުތައްދުވީ މީހުންނާ ވަކިވެވަޑައިގަތުމަށްފަހު މާލަހެއްނުވެ އޭނާ އިސްލާމްދީނަށް އެނބުރިވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑު މިހިސާބުގަނޑުގެ ޤަދަރުހުރި ބޮޑުންގެ މީހަކު އޭނާގެ އަރިހަށް ފޮނުވައިފީމެވެ. ކަލާގެ މާބެ އަޅުގަނޑުމެންގެ އެކުވެރިޔަކަށް ވެވަޑައިގެންފިކަމުގެ އުފާވެރި ޚަބަރު ދެދުވަހެއްގެ ތެރޭގައި އަޅުގަނޑަށް ކަލާއަށް އެރުވޭގޮތްވުމަކީ ދުރުކަމެއްނޫނެވެ. ބަހުރައިންގެ އެތައްހާސްބަޔަކު ބާޣީންނާ ވަކިވަމުންދާކަމީ އަޅުގަނޑު އުފާކުރާކަމެކެވެ. އެހެންނަމަވެސް އަޅުގަނޑުކުރާ މަސައްކަތަކީ ހަމައެކަނި ކާމިޔާބުގެ ޔަޤީންކަމުގައި ކުރާމަސައްކަތްތަކެއް ކަމުގައިވެސް ހީފުޅުނުކުރައްވާށެވެ. އަޅުގަނޑަށް ވިދިވިދިގެން ނާއުންމީދާ ކުރިމަތިވާނެކަން ޔަޤީންވިކަމުގައިވިޔަސް އަޅުގަނޑުގެ ޢަޒުމަކަށް ގުޑުމެއް ނާރާނެއެވެ. އަޅުގަނޑުގެ ކުރިމަތީގައި ދުޝްމިނުން ލޮންސިތަކުގެ ފާރުތައް ބިނާކުރިކަމުގައިވިޔަސް، އަޅުގަނޑުގެ އެކުވެރީން ކަލެޔަކަށް ސަލާމަތަކުން އެނބުރިއެއް ނާދެވޭނެއޭ ބުނިކަމުގައިވިޔަސް އަޅުގަނޑު އެބައިމީހުންގެ ގާތަށް ދިޔައީމުސްކަން ކަށަވަރެވެ. އެބައިމީހުންގެ އެތިއެތިފަހަރު އަޅުގަނޑު މޭމައްޗަށް އެރުވީމުސްކަން ޔަޤީނެވެ. އަޅުގަނޑު ޒަޚަމުވެގެން ވެއްޓި ނޭވާހޮޅިޔަށް އެޅެމުންދާއިރު އަޅުގަނޑަށް ލިބިފައިވާނީ ވާޖިބު އަދާކުރެވިއްޖެކަމުގެ ހިތްހަމަޖެހުމެވެ. އަޅުގަނޑުގެ ހަށިގަނޑާއި ސިކުނޑީގެ ހުރިހައި ބާރެއް މާތް اللّـه ގެ ދީން ފެތުރުމަށްޓަކައި މަގުކޮށަން ހޭދަކުރެވުނުކަމުގެ ހިތްހަމަޖެހުމެވެ. އަޅުގަނޑުގެ ލޭ އެބިމަކަށް އޮހޮރިގެންދިޔަ ބިމުގައި މާތް اللّـه ގެ ދީނުގެ ދިދަ ވިހުރުވޭނެކަމުގެ ޔަޤީންކަމެވެ. ޤިޔާމަތްދުވަހުން އަޅުގަނޑުގެ ކުރިމަތީގައިވާނީ ބަދުރާއި އުޙްދާއި ޙުނައިނުގެ ޝަހީދުންގެ ސަފުތައްކަމާއި ވާތް ކަނާތްފަރާތުގައިވާނީ ޢަރަބިކަރަ ފިޔަވައި ދުނިޔޭގެ އެހެނިހެން މައިދާންތަކުގައި محمّد صلّى اللّـه عليه وسلّم ގެ ދީން މަތިވެރިކުރުމަށްޓަކައި ޖިހާދުކޮށް ޝަހީދުވެގެންދާނެ ޝަހީދުންގެ ސަފުތައްކަމެވެ. ބަލިވުން ނުވަތަ ނާކާމިޔާބުވުމަކީ މިވަގުތީ ދުނިޔެ ވިއްކައިފައި އާޚިރަތުގެ ދާއިމީ ޙަޔާތު ގަނެފައިވާ މުޖާހިދުންގެ ތަޤްދީރުގައިވާ ކަމެއް ނޫނެވެ. މަރު އެބަޔަކަށް ކުރިމަތިވާ ނާކާމިޔާބަކަށްވަނީ އާޚިރަތަށް އީމާންނުވާ މީހުންނަށެވެ. ދެން ހިންގަވާށެވެ. އަޅުގަނޑަށް ވަރަށް ލަސްވެއެވެ."

حسّان مثــنّـى ގެ އަރިހުގައި ހިންގަވައިގެންނެވިއެވެ. ތަންކޮޅަކަށް ވަޑައިގެންފައި އޭނާ ސުވާލުކުރެއްވިއެވެ. "އަޅުގަނޑަށް އަޑުއިވިފައިވާގޮތުގައި ޖުވާޘާގައި މުސްލިމުން ޙިސާރުކޮށްގެންތިބި މުރުތައްދުވެފައިވާ މީހުންގެ ޢަދަދު ދުވަހެއްދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ޙިޖާޒުން އަންނާނެކަމަށް ކަލޭގެފާނު ތިޔަ އިންތިޒާރުކުރައްވާ ލަޝްކަރު އަންނާނީ ކިހައިތަނަކުތޯއެވެ؟"

مثــنّـى ޖަވާބުދެއްވިއެވެ. "އެންމެލަސްވެގެންވެސް ހަތަރު ދުވަހުގެ ތެރޭގައި އަންނާނެއެވެ."

"ބާޣީންގެ ޢަދަދު ދިހަހާހަށް އެރިވާހަކަޔަކީ ތެދުވާހަކައެއްތޯއެވެ."

"އާދެހެވެ. އެކަމަކު މާތް اللّـه ގެ އިރާދަފުޅާއެކު ބާޣީންގެ ޢަދަދު ދެނެއް އިތުރެއް ނުވާނެއެވެ. ވައިގެ މިސްރާބުވަނީ ބަދަލުވެފައެވެ. ވޭތުވެދިޔަ ފަސްދުވަހުގެ ތެރޭގައި حـطـم އާއި އޭނާގެ އެކުވެރީން އެބައިމީހުންގެ ޖަމާޢަތަށް ވެއްދިމީހުންގެ ދެގުނައަށްވުރެވެސް ގިނަމީހުން އަޅުގަނޑާ ބައިވެރިކުރުވައިފީމެވެ."

ފަހަރެއްގައި ޙިޖާޒުގެ ލަޝްކަރު އައުން ތަންކޮޅެއްލަސްވެ ބަނޑުހައިހޫނުކަމާއި ފެންބޮވައިގަތުމުގެ ސަބަބުން ހަލާކުވަމުންދާ މުސްލިމުން ހަތިޔާރު ބަހައްޓައިފިނަމަވާނީ ކިހިނެއްތޯއެވެ؟"

مثــنّـى ޖަވާބުދެއްވިއެވެ. "އަޅުގަނޑު ތިޔަކަހަލަ ޚިޔާލުތަކެއް ނުކުރަމެވެ. އަޅުގަނޑު އުންމީދުކުރާވަރަށްވުރެ މާއަވަހަށް ޙިޖާޒުގެ ލަޝްކަރު އަންނާނެއެވެ. ބަނޫ ޢަބްދުލްޤައިސުގެ ހިތްވަރުގަދަ މުޖާހިދުން ކިތަންމެ ދަތިއުނދަގޫ އިމްތިޙާނަކާ ކުރިމަތިވިޔަސް މުރުތައްދުވީ މީހުންގެ ކުރިމަތީގައި ހަތިޔާރެއް ނުބަހައްޓާނެއެވެ."

حسّان ވިދާޅުވިއެވެ. "އަޅުގަނޑުމެން އެންމެފުރަތަމަ ބައްދަލުވީ ދުވަހު ކަލޭގެފާނު އީރާނާ ހަނގުރާމަ ފެއްޓެވުމުގެ ނުރައްކަލާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ވާހަކަ ވިދާޅުވުމުން އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އަޅުގަނޑު އުފާވީ ޒަމާނުގެ ޙާދިޘާތައް އަޅުގަނޑު އީރާނުގެ ދުޝްމިނަކަށް ހަދައިފައިވާތީއެވެ. އޭރު އަޅުގަނޑު ވިސްނީ ނާކާމިޔާބުވެފައިވާ މީހެއްގެ ސިކުނޑީންނެވެ. ނަމަވެސް އަޅުގަނޑު ސިފައިންގެ މީހެއްގެ ޙައިޘިއްޔަތުން ވިސްނާއިރު އަޅުގަނޑު ދެކެނީ އީރާނާ ދެކޮޅަށް ޢަރަބީން ތެދުކުރުވުމަކީ ތާރީޚުގެ އެންމެބޮޑު މުޢުޖިޒާކަމުގައި ވާނެކަމަށެވެ."

(ނުނިމޭ)