ދުނިޔެ

އޮމާންގެ ރަސްގެފާނު އަވަހާރަވެއްޖެ

މަރިޔަމް ޝަހުދާ

އޮމާންގެ ރަސްގެފާނު، ސުލްތާން ގަބޫސް ބިން ސާއިދް އަލް ސާއިދު އަވަހާރަވެއްޖެއެވެ.

އޮމާނުގެ ގައުމީ މީޑިއާ އިން މިއަދު ބުނީ، ސުލްތާން ގަބޫސް އަވަހާރަވެފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އޮމާނުގައި މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ވެރިކަން ކުރެއްވި ސުލްތާމް ގަބޫސް އަވަހާރަވުމާއި ގުޅިގެން އެގައުމުގައި ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް ވަނީ އިއުލާންކޮށްފައެވެ. އަދި 40 ދުވަސް ވަންދެން އެ ގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ.

އޮމާނުގެ ރަސްގެފާނު އަވަހާރަ ވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުލްތާން ގަބޫސް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމާށެވެ. އަދި ސުލްތާން ގަބޫސް އަކީ ރާއްޖޭގެ ހަގީގީ އެކުވެރިއެއް ކަމަށާއި އެއީ ވިޝަނަރީ އަދި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައިވެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޮމާންގެ ރަސްކަމަށް 1970 ގައި އައްޔަން ކުރެއްވި ސުލްތާން ގަބޫސް އަވަހާރަވީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ.