އަލީ އަޝްފާގު

ގްރީން ދޫކޮށް، ދަގަނޑޭ އެނބުރި ޓީސީއަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކްލަބު ގްރީން ސްޓްރީޓްސް ދޫކޮށް، އަލުން ޓީސީ ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.

ގްރީނުން ބުނީ ދަގަނޑޭ ޓީސީއާ ގުޅެން އެދުމުން އޭނާއަށް ރިލީޒް ދީފައިވާ ކަމަށާއި ކްލަބުން އޭނާގެ ހިދުމަތް ފާހަގަކުރުމުގެ ގޮތުން މިސީޒަން ނިމެންދެން ހަތް ނަމްބަރު ޖޭޒީގައި އެއްވެސް ކުޅުންތެރިޔަކު ނުފެންނާނެ ކަމަށެވެ.

އެންމެ ފުރަތަމަ ޓީސީން ދަގަނޑޭ ފެނުނީ މިދިޔަ ސީޒަނުގައެވެ. އެ ސީޒަނުގެ މެދުތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ދޫކޮށް، ޓީސީއާ ގުޅުމަށްފަހު އޭނާ ވަނީ އެ ކްލަބާއެކު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ. ޓީސީއަށް މިދިޔަ ސީޒަނުގެ ލީގު ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން އެއް ކުޅުންތެރިޔަކީ ދަގަނޑޭއެވެ.

ކްލަބު ވެލެންސިއާ އިން 2001 ވަނަ އަހަރު ކެރިޔަރު ފެށި ދަގަނޑޭ ވަނީ ވެލެންސިއާގެ އިތުރުން ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ޓީސީގައި ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެ އިތުރުން މެލޭޝިއާގެ ޕީޑީއާރުއެމްއާއެކު ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. ޕީޑީއާރުއެމްގައި ދަގަނޑޭ ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.

ގައުމީ ޓީމަށް 2006 އިން ފެށިގެން ކުޅެމުން އަންނަ ދަގަނޑޭ، ގްރީން ދޫކޮށްލި އިރު އޭނާއަކީ އެކްލަބުގެ ކެޕްޓަނެވެ.