ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ސުއޫދު ކުޅުނީ ސިޔާސީ ކުޅިގަނޑެއް، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ޖެހޭ: ޑރ. ޝަހީމް

1

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސްކަމުގައި ހުންނަވައިގެން ހުސްނުއްސުއޫދު ކުޅުއްވީ ސިޔާސީ ކުޅިގަނޑެއް ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އޭނާ ވަކިކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި ތަހުގީގަށް ޑރ. ޝަހީމް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ މަރު ކޮމިޝަނުން ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް އެދި ފުލުސް އޮފީހަށް ހުށަހަޅައިފައެވެ.

ޝަހީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަރު ކޮމިޝަނުން ފޮނުވި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް އަނބުރާ ފޮނުވާލުމުން ދޭހަވަނީ ސުއޫދު ކުޅުނީ ސިޔާސީ ކުޅިއެއްކަން ކަމަށާއި އެ ކޮމިޝަނުގެ ކުރީގެ ރައީސް ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒުލުކުރަން ޖެހޭ ކަމަށެވެ.

"ސުއޫދު ސުޕްރީމް ކޯޓުން އަޒުލުކުރަން ޖެހޭ. އޭނާއަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މީގެއް. ތަހުގީގު ފުރިހަމަނުކޮށް ރިޕޯޓު ނެރުނު މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މަރު ކޮމިޝަނަށް ލިބިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށް، އަފްރާޝީމްގެ މަރު ދީނީ މީހުންގެ ބޮލުގައި އަޅުވަން މަސައްކަތްކުރަނީ ހަގީގީ ގާތިލުން ފޮރުވަން ކަމަށާއި ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ކޮމިޝަނުން އާންމު ކުރި އިރު، ޑރ. ޝަހީމްގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. ރިޕޯޓުގައިވާ ގޮތުން އަވަހާރަކޮށްލި ރޭ ޑރ. އަފްރާޝީމް އަރާވަޑައިގެންނެވި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދަވައިދެއްވީ ޑރ. ޝަހީމު ކަމަށް ވިދާޅުވެ ދެއްވި ބަޔާނާ ބެހޭގޮތުން ފުށުއެރުންތަކެއް ވަނީ ފާހަަގަކުރެވިއެވެ.

އޭގެ ތެރޭގައި އެކަމާ ގުޅޭގޮތުން މެސެޖުން ކޮށްފައިވާ މުއާމަލާތްތައް ބަލައި ކޮމިޝަނުން ކުރި ތަހުހީގުން އެ މައްސަލައިގައި ޑރ. ޝަހީމު، ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް އެ ރިޕޯޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

މަރުގެ ރިޕޯޓް ދިރާސާކޮށް ކޮމިޓީން ނެރުނު ރިޕޯޓުގައި ފިޔަވަޅު އަޅަން ކަނޑައަޅާފައިވާ މީހުންގެ ތެރޭގައިވެސް ޑރ. ޝަހީމު ހިމެނިވަޑައިގަންނަވައެވެ.

މަރު ކޮމިޝަނުގެ ރިޕޯޓްގައިވާ ކަންތައްތަކާ ގުޅިގެން ޑރ. ޝަހީމު ވިދާޅުވެފައިވަނީ އެ ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަދި މަޖިލިސް ކޮމިޓީން ކުރި ތުހުމަތުތަކާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ އެއީ އޭނާގެ އަބުރު ކަތިލުން ކަމަށެވެ. އިންސާފު ލިބޭނެކަން ޔަގީންވާ ދުވަހަކުން އަބުރު ކަތިލި މީހުންނާ ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟