Close
ޚަބަރު

ޑރ. ޝަހީމްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

މުހައްމަދު ޝަހީމް

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި ތަހުގީގަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެ ކޮމިޝަނުން ފުލުސް އޮފީހަށް ފޮނުވައިފިއެވެ.

މަރު ކޮމިޝަނުން ޑރ. ޝަހީމްގެ މައްސަލަ ތަހުގީގުކުރަން ހުށަހަޅާފައިވާކަން ފުލުހުން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ކޮމިޝަނުން އާއްމު ކުރި އިރު، ޑރ. ޝަހީމްގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. ރިޕޯޓުގައިވާ ގޮތުން އަވަހާރަކޮށްލި ރޭ ޑރ. އަފްރާޝީމް އަރާވަޑައިގެންނެވި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދަވައިދެއްވީ ޑރ. ޝަހީމު ކަމަށް ވިދާޅުވެ ދެއްވި ބަޔާނާ ބެހޭގޮތުން ފުށުއެރުންތަކެއް ވަނީ ފާހަަގަކުރެވިއެވެ.

އޭގެ ތެރޭގައި އެކަމާ ގުޅޭގޮތުން މެސެޖުން ކޮށްފައިވާ މުއާމަލާތްތައް ބަލައި ކޮމިޝަނުން ކުރި ތަހުހީގުން އެ މައްސަލައިގައި ޑރ. ޝަހީމު، ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް އެ ރިޕޯޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

މަރުގެ ރިޕޯޓް ދިރާސާކޮށް ކޮމިޓީން ނެރުނު ރިޕޯޓުގައި ފިޔަވަޅު އަޅަން ކަނޑައަޅާފައިވާ މީހުންގެ ތެރޭގައިވެސް ޑރ. ޝަހީމު ހިމެނިވަޑައިގަންނަވައެވެ.

މަރު ކޮމިޝަނުގެ ރިޕޯޓްގައިވާ ކަންތައްތަކާ ގުޅިގެން ޑރ. ޝަހީމު ވިދާޅުވެފައިވަނީ އެ ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަދި މަޖިލިސް ކޮމިޓީން ކުރި ތުހުމަތުތަކާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ އެއީ އޭނާގެ އަބުރު ކަތިލުން ކަމަށެވެ. އިންސާފު ލިބޭނެކަން ޔަގީންވާ ދުވަހަކުން އަބުރު ކަތިލި މީހުންނާ ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.