ޚަބަރު

ކެޕްޓަން ގެއްލުނު ސަރަހައްދުން ވަޅިއަކާއި އިތުރު އެއްޗިހިތަކެއް ހޯދަައިފި

ކ. ކަގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ކަނޑަށް ވެއްޓި ގެއްލުނު އެ ދޯނީގެ ކެޕްޓަން، ހޯދުމަށް އެމްއެންޑީއެފް ކޮސްޓް ގާޑުގެ ޑައިވަރުން މިއަދު ކުރި މަސައްކަތުން އެ ސަރަަހައްދުގެ ކަނޑު އަޑިން ވަޅިއަކާއި ބައެއް ތަކެތި ހޯދައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ކ. ކަގި ފަރަށް އެރި މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުންދަނީ އެ ދޯނީގައި ހުރި ހަމައެކަނި ދިވެހި މީހާ، ހދ. ކުޅުދުއްފުށީ/ ހަވީރީ ނާޒު، މުހައްމަދު ޔޫސުފް، 37 އަހަރެވެ. ފަރަށް އެރިއިރު އޭގައި ތިބީ އޭނާ އާއި ދެ ބިދޭސީއެކެވެ.

ކެޕްޓަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ހަތަރު ދުވަސް ވެފައިވާއިރު އެމްއެންޑީއެފުން މިއަދު ބުނީ، ޔޫސުފް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ކުރި ޑައިވުގައި އެ ސަރަހައްދުގެ 48 މީޓަރު އަޑިން ތުވާއްޔެއްގެ ބަޔަކާއި 41 މީޓަރު އަޑިން ޑަސްޕިން ކޮތަޅެއްގެ ތެރެއަށްލާފައި އޮތް ވަޅިއަކާއި ބައެއް އިލެކްޓްރޯނިކް ތަކެތި ފެނިފައިވާ ކަމަށެވެ. ފެނުނު އިލެކްޓްރޯނިކް ސާމާނުގެ ތަފްސީލެއް ނުދެއެވެ.

ކަނޑު އަޑިން ފެނުނު ތަކެތި ފުލުހުންނާ ހަވާލުކުރާނެ ކަމަށާއި އެތަކެއްޗާ ބެހޭ އިތުރު މައުލޫމާތު އެނގޭނީ ފުލުހުންގެ ތަހުގީގަށްފަހު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.