ރާއްޖޭގެ ޖަލުތައް ފުރިއްޖެ އެވެ. ތޮއް ޖެހިއްޖެއެވެ. މިއީ މިއަދު ވީ ކަމެއް ނޫނެވެ. ޖަލަށް ހުކުމް ކުރި ބައެއް ގައިދީން ލާނެ ތަނެއް ނެތުމުން މިދިޔަ ޑިސެމްބަރު މަހު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގައިދީންނާ ހަވާލުވުން ވެސް ވަގުތީ ގޮތުން ހުއްޓާލިއެވެ. ނަމަވެސް ފަހުން ޖާގައިގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސް ގައިދީންނާ ކަރެކްޝަންސް އިން ހަވާލުވާން ފެއްޓިއެވެ.
ރާއްޖޭގެ ޖަލުތަކުގައި މިދިޔަ ޑިސެމްބަރު ފަހުކޮޅުން ފެށިގެން ހިންގަމުންދާ ހަމަނުޖެހުން ތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ޖަލުތަކުގެ ހާލަތު ބެލުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައިދީން ޖަލުތަކުގައި ހަމަނުޖެހުން ހިންގަނީ ގައިދީންގެ ޒަރޫރީ ބައެއް ބޭނުންތައް ކަރެކްޝަންސް އަށް ފުއްދައި ނުދެވޭތީ ކަމަށެވެ.
އެގޮތުން، ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމާއި، އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށްނުދެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ. މާލޭ ޖަލުގެ ބައެއް ގައިދީން ދާދި ފަހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ވެސް ކޮށްފައި ވެއެވެ. އަދި މާލެ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރިކަން ވެސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. ހިއުމަން ރައިޓްސް އިން ނެރޭ މިފަދަ ބަޔާން ތަކުގައި އަބަދުވެސް ކުށްވެރީން ދިފާއުކޮށް، ކުށް ހުއްޓުވަން އުޅޭ މުއައްސަސާތަކާ މެދު ޝައްކު އުފެދޭ ގޮތަށް ވާހަކަތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ޖަލުތަކުގައި މައިގަނޑު ގޮތެއްގައި ތިބޭނީ ކުށްވެރީންނެވެ. ރާއްޖޭގެ ޖަލުތަކުގެ އާބާދީގެ ބޮޑު ބަޔަކީ މަސްތުވާތަކެތި ބޭނުން ކޮށްގެން ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރި ކޮށްގެން ނުވަތަ ވައްކަމާއި ފޭރުމުގެ އަމަލު ހިންގައިގެން ނުވަތަ ޖިންސީ ގޯނާއާއި ޖިންސީ ކުށް ކޮށްގެން ޖަލަށް ލާފައި ތިބި މީހުންކަން ތަފާސް ހިސާބު ތަކުން ދައްކައެވެ. އެފަދަ ކުށްވެރީންނަށްވެސް އަސާސީ، އަދި ޒަރޫރީ ބޭނުންތައް ފުއްދައި ދޭން ޖެހޭނެ ކަން ޔަގީނެވެ. ނަމަވެސް އެފަދަ ކުށްވެރީންނަކީ ވަރަށް ފަސޭހައިން ސިޔާސީ މީހުންގެ މަޅީގައި ޖެހި ޖަލުތައް ގަޑުބަޑު ކުރަން ބޭނުންވެއްޖެ ނަމަ ވަރަށް ފަސޭހައިން އެކަން ކުރެވިދާނެ ބައެއް ކަން ހަނދާން ކުރަން ޖެހެއެވެ. އަދި ބައެއް ހާލަތުތަކުގައި އެކަން އެހެން ހިނގާ ކަމަށް ދޭހަވެސް ވެއެވެ.
މާޒީގެ ހާދިސާ ތަކަށާއި މީޑިއާގެ ރިޕޯޓްތަކަށް ބަލާއިރު ރާއްޖޭގެ ޖަލު ތަކަކީ ފަސޭހައިން ފޯނާއި ޑްރަގްސް ފަދަ ތަކެތި ވަގަށް ޖަލަށް ވައްދައި، ދާދާ ހެދިގެން، ބައެއް ގައިދީން، ޖަލުތަކުގައި މާފިއާ ސްޓައިލަށް ވެރިކަން ކުރާ ތަންތަނެވެ. އެފަދަ ތަންތަނުގައި، ބޭރުން އަންނަ ކޮމާންޑަކަށް ހަމަނުޖެހުން ހިންގާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ދާދި ފަހުން ރާއްޖޭގެ ޖަލުތަކުގައި ހިންގި ބައެއް ހަމަނުޖެހުންތައް ފެށިފައިވަނީ ކަރެކްޝަންސް އޮފިސަރުން ގަޔަށް ގައިދީން މިރުސްފެން ޖެހުން ނުވަތަ އޮފިސަރުންނާ މާރާމާރީ ހިންގުން ފަދަ އަމަލުތައް ހިންގައިގެން، ނުވަތަ ޖަލުގައި އަލިފާން ޖަހަން މަސައްކަތް ކޮށްގެންނެވެ.
އަމިއްލަ ގޭގައި ސިޔާސަ ދެތިން ކުދިން ބެލެހެއްޓުމަކީ ވެސް މިޒަމާނުގައި ފަސޭހަ ކަމެއް ނޫނެވެ. ވީއިރު މިޒަމާނުގެ ޑްރަގްސް އާއި މާރާމާރީގެ ކުށްވެރީން އެއްތަނަކަށް ލައިގެން ޖަލެއް ހިންގުމަކީ ވަރަށްވެސް ބޮޑު ގޮންޖެހުމެކެވެ. މީގެ މާނައަކީ މިމައްސަލަ ތަކުގައި ޖަލުތައް ބަަލަހައްޓާ ފަރާތްތަކުގެ ޒިއްމާއެއް ނެތް ވާހަކައެއް ނޫނެވެ. ގައިދީންގެ އިންސާނީ ޒަރޫރީ ހައްގުތައް ހިމާޔަތްކޮށް ފުއްދައި ދޭން ޖެހޭނެއެވެ. އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް އެއްވެސް ހާލަތެއްގައި ބާރުގެ ބޭނުންކޮށްގެން ނުވާނެއެވެ. އަނިޔާ ކޮށްގެން ނުވާނެއެވެ. ކަރެކްޝަންސް ގެ އޮފިސަރުން ތިބެންވާނީ ކެތްތެރިކަމާއި އެކު މައްސަލަ ހައްލުކުރެވޭ ފަދަ ފެންވަރަށް ތަމްރީނު ކުރެވިފައެވެ. ކަރެކްޝަންސްގެ ވެރީން މީޑިއާއާ ރައްޓެހިވެ، ދެފުށް ފެންނަ ގޮތަށް މައުލޫމާތު ދެވެން ޖެހޭނެއެވެ. ހަމައެއާއި އެކު ގައިދީންނަކީ ޖަލުތަކުގެ ބޭރުން އަންނަ ސިޔާސީ ނުފޫޒުގެ ސަބަބުން ޖަލުތައް ގަޑުބަޑުކޮށް، ހައިޖާނު އުފައްދަފާނެ ބައެއްކަން ޤަބޫލު ވެސް ކުރަން ޖެހެއެވެ.
ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ޖަލުތަކުގައި ހިންގަމުން އައި ހަމަނުޖެހުން މިހާރު ކޮންޓްރޯލު ކުރެވި ގައިދީން "ބަސްއަހައިފި" ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުދަ ދުވަހު ވަނީ ބުނެފައެވެ. ބުދަ ދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ޖަވާބު ނުދެއްވައި ބައްދަލުވުން ނިންމަވާލެއްވުމަކީ މުއައްސަސާގެ އިތުބާރު ކޮންމެވެސް ވަރަކަށް ގެއްލިދާނެ ކަމެކެވެ. ޖަލުތަކުގައި ހަމަނުޖެހުން ގިނަވެ، ގައިދީންނާއި ސިޔާސީ އިދިކޮޅު ފަރާތްތައް ގުޅިގެން ޖަލުތައް ގަޑުބަޑު ކުރާކަމަށް ޝައްކު އުފެދޭ ދަނޑިވަޅެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ގަޓުވެސް ހުންނަން ވާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއްގައި ޖަލުގައި ހުންނެވި ދުވަސް ވަރާ ދިމާކޮށް ޖަލުތައް ގަޑުބަޑު ވުމަކީ މިކަމާ އިދިކޮޅު ފަރާތްތަކާ ގުޅުން އޮތް ކަމަށް ޝައްކު ކުރުމުގެ ޖާގަ އޮތް ކަމެކެވެ. ޖަލުތަކުގައި ހަމަނުޖެހުން ގިނަވުމުން ރައީސް ޔާމީނުގެ ސަލާމަތާ މެދު ކަންބޮޑުވާ ކަމަށް އިދިކޮޅު ޕާޓީތަކުން މިހާރު ވެސް ވަނީ ބުނެފައެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ ޖަލުތަކުގައި ހަމަނުޖެހުން ހިނގިޔަސް ރައީސް ޔާމީނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ޖަލުތަކުގައި ހަމަނުޖެހުން އުފައްދައި، ސިޔާސީ ހަމުނުޖެހުމަކަށް ބަދަލުކޮށް، ރައީސް ޔާމީން ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރުމަށް ބާރުއެޅުން ކަމަށް ވުމަކީ ވުން ވަރަށް ގާތް ކަމެކެވެ. މިފަދަ ހަމަނުޖެހުންތައް ޖަލުގައި އުފައްދައިގެން ޕްރެޝަރު ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ވެސް އިދިކޮޅަށް ހޯދިދާނެ ކަމެކެވެ.
އެހެން ކަމުން މިފަދަ ދަނޑިވަޅެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި، ވަކީން ހާއްސަކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް އިން ލީޑަރޝިޕް ދައްކަން ޖެހެއެވެ. ގައިދީންގެ ހައްގުތައް ހިމާޔަތް ކުރުމާއި އެކުއެކީގައި ގައިދީން ގާނޫނުގެ އިމުން ބޭރުވިޔަ ނުދީ ހިފަހައްޓަން ވެސް ޖެހެއެވެ. ޖަލަށް ފޯނު ވެއްދުމާއި މަސްތުވާތަކެތި ވެއްދުމާއި، ދާދާ ހެދިފައި ޖަލުތަކުގައި ބައެއް ގައިދީން ވެރިކަން ކުރުން ފަދަ ކަންކަން ހުއްޓުވެން ޖެހެއެވެ.
އީވާން ނަސީމް ޖަލުގައި މަރުވުމާ ގުޅިގެން ރައީސް މައުމޫނުގެ ވެރިކަމަށް އައިފަދަ ލޮޅުމެއް މިއަދުގެ ސަރުކާރަށް ގެނައުމަކީ އިދިކޮޅުގެ ވިސްނުން ކަމަށްވެސް ވެދާނެއެވެ. އެފަދަ ހަމަނުޖެހުމަކަށް ގައުމު ހުށަހެޅުނަ ނުދިނުމަށް ޓަކައި ކޮމިޝަނާ އޮފް ޕްރިޒަންސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ތަކެއް ކުރަން އެބަ ޖެހެއެވެ.