ޚަބަރު

މާފުށި ސަރަހައްދުން ސަފާރީތައް ނަގަން އެންގުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ގެއްލުމެއް، ކަންބޮޑުވޭ: އެމްބީއޭއެމް

ކ. މާފުށީ ކައިރީގައި އަޅާފައިހުރި ސަފާރީތައް ނަގަން އެރަށު ކައުންސިލުން ނޯޓިސް ނެރުމުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާފުށީ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އެ ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިހުރި ސަފާރީތައް މާދަމާގެ މެންދުރުފަހު 2:00ގެ ކުރިން އިހްތިސާސް އިން ބޭރަށް ގެންދިއުމަށް އަންގާ ކަމަށެވެ.

މުއްދަތު ހަމަވުމުން ނުގެންގޮސްހުރި ސަފާރީތައް ކައުންސިލްގެ ފަރާތުން އެސަރަހައްދުން ނަގައި، އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާލާނެ ކަމަށާއި އަދި އިހްތިސާސްގައި ހުރި ތަކެތި ހުސްކުރުމުގެ ތެރޭގައި އެތަނުން ނުގެންގޮސް ހުރި ސަފާރީތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް މާފުށީ ކައުންސިލުން ސަފާރީތަކަށް އަންގާފައިވާ އެންގުމުގައިވެއެވެ.

އެކަމާ ގުޅިގެން އެމްބީއޭއެމްގެ ރައީސް އަހުމަދު އަފްރާހު "ވަން" އަށް ވިދާޅުވީ، ގާނޫނީ ގޮތުން އެއްވެސް މުދަލެއް އަދި ވިޔަފާރިއެއް ވެސް ނައްތާލުމުގެ އިހްތިސާސް މާފުށީ ކައުންސިލަކަށް ނޯންނާނެ ކަމަށާއި އެހެންކަމުން ސަފާރީތައް އެ ކައުންސިލުގެ އިހްތިސާސުން ބޭރު ނުކުރެވޭނެ ކަމަށެވެ.

"ސަފާރީ ބޯޓުތައް މާފުށި، ހިންމަފުށި، ގުރައިދޫ، ތުލުސްދޫ، ގުޅި ފަދަ ރަށްރަށުގައި އަޅަނީ އޯވާނައިޓް ކުރުމަށް. ދަތުރުގައި މަޑުކޮށްލާނީ އެންމެ ރެއެއް. މަޑުކުރާ ކުރުމުގައި ރަށް ރަށުގެ ސުވެނިއާ ފިހާރަތަކުންނާއި ރެސްޓޯރެންޓުތަކާއި ވޯޓާ ސްޕޯޓްސް ހިދުމަތް ބޭނުން ކުރޭ. މިއީ ކުދި ވިޔަފާރިތަކަށް ލިބޭ އާމްދަނީއެއް ގެއްލުން،" އަފްރާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާފުށީ ކައުންސިލުގެ އެ އެންގުމަކީ ވަރަށް ސީރިއަސް ގާނޫނީ މައްސަލައެއް ކަމަށާއި އެ އެންގުމާއެކު އެހެން ރަށްރަށުން ވެސް އެފަދަ އެންގުންތަކެއް ނެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްބީއޭއެމްގެ ބެލެނިވެރި ފަރާތް، ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކުރަމުންދާ ކަމަށް އަފްރާހު ވިދާޅުވިއެވެ.

އެމްބީއޭއެމްގެ އިތުރުން މާފުށީގައި ގެސްޓު ހައުސްތައް ހިންގާ ބައެއް ފަރާތްތަކުން ވެސް ދަނީ އެރަށު ކައުންސިލުގެ އެ ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.