ކޮލަމް

ދީނާއި ސިޔާސަތުގެ ގުޅުން

އަބްދުﷲ ފާރޫގް ހަސަން

އަސްލު ލިޔުއްވީ : ޕްރޮފެސަރ މުހުސިން ޢުޘްމާނީ ނަދުވީ

ތަރްޖަމާ : އަބްދުﷲ ފާރޫގުޙަސަން

ތާރީޚީ ފަސްމަންޒަރު

އިސްތިޢުމާރީ ބާރުތަކުގެ މާކުރީން ޤަދީމީ ތާރީޚުގައި ޢިބްރީންނާއި ޔަހޫދީންގެ މުފައްކިރުންގެ ނަޒަރުގައި ސިޔާސީ ބާރަކީ އިލާހީ ނިއުމަތެކެވެ. އިލާހީ ރަޙްމަތެކެވެ. ހުރިހައި ޤާނޫނުތަކެއް ހަދާންވާނީ ކަލާނގެ ރުހިވޮޑިގެންވާ ގޮތް އަސްލަކަށް ބަލައިގެންނެވެ. ޔޫރަޕުގެ މީހުން ދީނީވެރިކަމަށް ގޮންޖަހަން ފެށި ދައުރު އައީ މާފަހުންނެވެ. ވަރަށް ދިގު އަރައިރުންތަކަކަށްފަހު ޔޫރަޕުގައި ވަނީ ސްޓޭޓާއި ދީނާ ވަކިކުރެވިފައެވެ. ޔޫރަޕުގެ އަހްލުވެރީން ބޯލަނބާންފެށީ ދީނާ ގުޅުމެއް ނެތް ވެރިކަމުގެ ނިޒާމަކަށެވެ. ވެރިކަމާއި ސަރުކާރާއި ކްރިސްޓިޔަނިޓީއާ އޮތް ގުޅުންވަނީ ކެނޑިފައެވެ.

އިސްތިއުމާރީ ބާރުތަކުން އިސްލާމީ ގައުމުތައް އަޅުވެތިކޮށް އިސްލާމީ ގައުމުތަކުގައި އެބައިމީހުންގެ ވެރިކަން ޤާއިމުކުރުމާވިދިގެން މުސްލިމުންގެ ވިސްނުން ބަދަލުކުރުމުގެ މަސައްކަތްފަށައިގަތެވެ. އިސްތިއުމާރީ ބާރުތަކުން މުސްލިމުންނަށް ވިސްނައިދޭން މަސައްކަތްކުރީ އިސްލާމް އަކީ ހަމައެކަނި ދީނެއްކަމެވެ. ކްރިސްޓިޔަނިޓީ ވެސް ފަދަ ދީނެއްކަމެވެ. ސަރުކާރާއި ދީނާދެމެދު އެއްވެސް ކަހަލަ ގުޅުމެއް ނެތްކަމުގައެވެ. އިސްތިއުމާރީން މުސްލިމުންގެ ސިކުނޑިތަކަށް ވައްދައިދޭން މަސައްކަތްކުރީ ދީނާއި ވެރިކަމާއި ސިޔާސަތަކީ ގުޅުމެއް ނެތް ދެކަމެއް ކަމުގައެވެ. ސިޔާސަތާގުޅުން ހުރީ އިންސާނާގެ ބުއްދިއާއި އޭނާގެ ތަޖްރިބާތަކާ ކަމުގައެވެ.އިރުމަތީގެ ޤައުމުތަކުގައި ހުޅަނގުވަންތަ މީހުން ދިރުވައިއާލާކުރާންފެށީ ހުޅަނގުގައި ތަޖްރިބާކުރެވިފައިވާ ފިކުރިއްޔާތުތަކެވެ. ނަޒަރިއްޔާތަކެވެ. ހުޅަނގަށް ހޭލުންތެރިކަން އައިސް "އަލުންކުރިއަރައި ރޯފިލުންއައީ" ދީނާއި ސިޔާސަތު ވަކިވީފަހުންނެވެ. ކަލާނގެ ޙައްޤުފުޅުތަކާއި ޗާޗުގެ ޙައްޤުތައް ވަކިކޮށްލެވުނު ފަހުންނެވެ. އެގޮތުގެ މަތީން އެއުރެން އިރުމަތީގެ ގައުމުތަކުގައިވެސް މަސައްކަތްކުރީ ދީނާއި ސިޔާސަތާ ވަކިކުރުމަށެވެ. އެބައިމީހުން ބުނަމުންއައީ ތަރައްޤީގެ ސިއްރު ފޮރުވިފައިވަނީ ދީނާއި ސިޔާސަތާއި، އަޅުކަންކުރުމާއި ވެރިކަންކުރުން އެއްކަމެއް އަނެއްކަމަކާ ވަކި ކުރުމުގައި ކަމަށެވެ.

ތާރީޚުން ސާބިތުވާފަދައިން ހުޅަނގުގައި ދީނުގެ މަފުހޫމަކީ ޗާޗުގެ ބޮޑެތިމީހުންގެ ވެރިކަމެވެ. ނަމަވެސް ކްރިސްޓިޔަނިޓީގައި އޮންނަކަހަލަ ރުހުބާނިއްޔަތެއް ނުވަތަ ދީނީ ވެރީންގެ ސިޔާސީވެރިކަމެއް އިސްލާމްދީނަކު ނޯވެއެވެ. ޗާޗުގެ ބޮޑުން އެންމެ ފުރަތަމަ ވެރިކަން ގާއިމުކުރަނީ ގައުމުތަކުގެ މައްޗަށެވެ. އެއަށްފަހު މީހުންގެ ޖާނާއި މާލުގެ މައްޗަށްވެސް ވެރިވެގަނެއެވެ. ހުރިހައިކަމެއްގައި މޮހުމާއި ގޮށްޖެހުމުގެ ފުރިހަމަ ބާރު ތިމާމެންގެ މުށުތެރެޔަށް ގެނެސްގަނެއެވެ. ޗާޗުތަކުގެ ދީނީވެރީންނަކީ އިލްމާއި ސައިންސީ ކުރިއެރުމުގެ ދުޝްމިނުންނެވެ. އައުހޯދުންތަކާއި އިލްމީ ދިރާސާތަކުގެ އަހްލުވެރީންނަށް މަރުގެ އަދަބު ދިން މީހުންނެވެ. އެހައިތަނުން ފެށިގެން ޔޫރަޕުގައި ވަނީ ފައްޅީގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ހަރަކާތްފެށިފައެވެ. ޔޫރަޕުގައި ދީނާއި ސިޔާސަތު ވަކިކުރެވުނީ އެކޯޅުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޝައްކެއްނެތެވެ. ސިޔާސަތާއި ވެރިކަމުގެ ބޭނުންތެރިކަމާމެދު އެންމެންވެސް އިއްތިފާގުވެއެވެ. އިންސާނާއަކީ ރަށްވެހިކަމުގެ ޠަބީއަތެއްގެ މީހެކެވެ. އެންމެ ފުރަތަމަ އުފެދެނީ އާއިލާތަކެވެ. ދެވަނަޔަށް އަވަށެވެ. މުޖްތަމައެވެ. އެއަށްފަހު ކަންކަން ރާވައި އިންތިޒާމުތައް ހިފެހެއްޓުމަށާއި ހިންގުމަށް ގާނޫނުތަކަށާއި ސަރުކާރަކަށް ބޭނުންވެއެވެ. ގާނޫނާއި ސަރުކާރު ދީނާ ތަފާތުކުރެވި ވަކިކުރެވޭންޖެހޭނެކަމުގެ ވިސްނުން ޔޫރަޕުގައި އުފެދުނީ ކްރިސްޓިޔަނިޓީއާ އަރައިރުންހަދައިލި ފަހުންނެވެ.

އިރުމަތީގެ ގައުމުތަކުގައި ވެރިކަންކުރި ޔޫރަޕިޔަނުންވަނީ އިރުމަތީގައިވެސް ހުޅަނގުގެ ވިސްނުން އަށަގެންނެވުމުގައި ކާމިޔާބު ހޯދައިފައެވެ. ސަރުކާރާވެސް ސިޔާސަތާ ވެސް ދީނާ ގުޅުމެއް ނެތްކަމަށާއި ސަރުކާރު ހިންގުމާއި ސިޔާސަތު ރޭވުމަކީ އަލިފުން ޔާ އަށްވެސް ދުނިޔަވީ ކަމެއްކަމުގެ ވިސްނުން އަށަގަންނުވައިފައެވެ. ޔޫރަޕުގެ ވެރީންނާއި މުފައްކިރުން ވިސްނައިދިން ގޮތުގައި ދީނާ ގުޅުންހުރީ ﷲ އާއެވެ. ވެރިކަމާގުޅުން ހުރީ މުޖްތަމަޢާއެވެ. އާއްމު އިންސާނުންނާއެވެ.

ނަމަވެސް ޙަޤީޤަތާ ހަމަޔަށް ވާސިލުވާއިރު ދީނާއި ޝަރީއަތާއި ވަޠަނާއި މިހުރިހައިކަމަކާވެސް ކަލާނގެ ރަސްކަންފުޅާ ގުޅުން އެބަހުއްޓެވެ. އެއިންކޮންމެކަމަކާވެސް އިންސާނީ މުޖްތަމައާވެސް ގުޅުން އެބަހުއްޓެވެ. ހުޅަނގުގެ މީހުން ދީނާ ގުޅުންހުރީ ހަމައެކަނި ކަލާނގެ ރަސްކަންފުޅާ ކަމުގައި ބުނާއިރު އެބައިމީހުންގެ މުރާދަކީ ދީނަކީ ހަމައެކަނި އިންސާނުންގެ ޒާތީ މުއާމަލާއެއް ކަމުގައި ބުނުމެވެ. ދީނާ ގުޅެނީ ހަމައެކަނި އިންސާނާގެ ރޫޙާނީ ކަންކަމާއި އަޅުކަމުގެ ކަންކަމާ ކަމުގައި ބުނުމެވެ. އިންސާނީ މުޖްތަމައާވެސް އިންސާނުންގެ މައްސަލަތަކާވެސް ދީނާ ގުޅުމެއް ނެތް ކަމުގައި ބުނުމެވެ.
އިސްލާމީ ދުނިޔޭގައި ދީނާއި ސިޔާސަތު ވަކިކުރުމުގެ އެންމެ ނުބައިނަމޫނާއަކީ ތުރުކީގެ ސެކިއުލަރ ސްޓޭޓެވެ. ސެކިއުލަރ ތުރުކީގެ ބާނީ އަކީ މުސްޠަފާކަމާލެވެ. އެއްވެސް ކަހަލަ ރަހްމެއް ހަމްދަރުދީއެއް، ހިތެއްފިތެއްނެތި ގޮށްމުށުބާރުން އެކަން ހިންގައިލެއްވީ އޭނާއެވެ. އޭނާ އިސްލާމީ ޚިލާފަތު އުވައިލެއްވިއެވެ. އޭނާ މުސްލިމުންގެ މަތިވެރި ސިޔާސީ ނިޒާމުގެ އެންމެ ފަހަށްހުރި ތަނބުވެސް ތަޅުއްވައިލެއްވިއެވެ. އެއީ ސަލީބީ ހަނގުރާމަތަކާއި ޔަހޫދީންގެ ޒަމާންވީ ހަތުރުވެރި ރޭވުންތަކާއެކު ވެސްނުވެއްޓި ބާކީ ހުރި ތަނބެވެ. މުސްތަފާ ކަމާލު މުސްލިމުންގެ ޕާސަނަލް ލޯ (ވަރިކައިވެންޏާއި އެކަންކަމާ ގުޅުން ހުރި ގާނޫނު ތައް) އަށް ދާންދެން ހުޅަނގުގެ ގާނޫނުތަކަށް ބަދަލުކޮށްލެއްވިއެވެ.

ތުރުކީ އަކީ ނަމޫނާ އެއް ކަމުގައި ބަލައިގެން އިސްލާމީ ބައެއް އެހެނިހެން ޤައުމުތަކުންވެސް ތުރުކީގެ ފިޔަވަޅުމަތީގައި ހިނގަން މަސައްކަތްކުރިއެވެ. ޖިނާއި ގާނޫންތަކާއި މަދަނީ ގާނޫނުތައްވެސް އިސްލާމީ ފިގުހާ ގުޅުން ކަނޑުވައިލިއެވެ. ހުޅަނގުގެ ޘަގާފަތާއި ތަހްޒީބަށް ތަބާވެގެން ހިނގާން ފެށިއެވެ. ބައެއް ޤައުމުތަކުގައި ނުކުޅެ ދޫކޮށްލީ ހަމައެކަނި ޕާސަނަލް ލޯ އެވެ. ދުނިޔެއަށް މަގުދައްކައި އިރްޝާދު ދިނުމުގެ މަގާމުން އިސްލާމީ އުސޫލުތައް ބޭރުކޮށްލިއެވެ. އިސްލާމްދީނަކީ ހަމައެކަނި ބައެއްކަހަލަ އަޚްލާޤީ އަދި ރޫހާނީ އުނގަންނައިދިނުންތަކެއް ކަމުގައި ހަދައިލިއެވެ. މިސުރުގެ ވަރަށް ބޮޑު ސިޔާސީ ޕާޓީ އެއްގެ ލީޑަރެއް އަތާތުރުކުގެ ލާދީނީ ސިޔާސީ ތަސައްވުރަށާއި ސެކިއުލަރ ދައުލަތަށް ފާޅުގައި ސާބަސް ދެއްވައި ތާރީފު ކުރެއްވިއެވެ. އިޚްވާނުލް މުސްލިމީންގެ ބާނީ އަދި އާއްމު މުރްޝިދު ވަގުތުންއެކަން ފާހަގަ ކުރެއްވިއެވެ.

އެދުވަސްވަރު ދީނާއި ސިޔާސަތު ވަކިކުރުމުގެ ތަސައްވުރެ އުފެދިފައިއޮތީ ހަމައެކަނި ސިކިއުލަރ ފިކުރުގެ މީހުންގެ ތެރެޔަކު ނޫނެވެ. ދީންވެރި ބައެއް ފަރާތްތަކާއި ދަންނަބޭކަލުންކުރެ ބައެއްބޭކަލުން ވެސް އެމަގުފުރެދުމުގެ ސިކާރަޔަކަށް ވިއެވެ. އެގޮތުން ޖާމިއުލް އަޒްހަރުގެ އިލްމުވެރިޔެއްގައިވާ ޝައިޚު ޢަލީ އަބްދުއްރައްޒާގު ލިޔުއްވި ފޮތެއް ކަމުގައިވާ "އަލްއިސްލާމް ވަ އުސޫލުލް ހަކަމި" އަކީ އެފިކުރުގެ މޫނުބަލާ ލޯގަނޑެކެވެ. އެފޮތް ޝާއިޢު ކުރެވުމާއެކު ވަރަށްގިނަ ފަރާތްތަކުން އެފޮތަށް އިލްމީގޮތުން ރައްދުދެއްވިއެވެ. ޖާމިއުލް އަޒްހަރުން އަލީ އަބްދުއް ރައްޒާގުގެ ޑިގްރީ އަތުލިއެވެ. އަޒްހަރުގެ އިލްމުވެރީންގެ ލިސްޓުން އޭނާގެ ނަންފުޅު އުނިކުރިއެވެ. އެހެނީ ދީނާއި ސިޔާސަތު ވަކިކުރުމުގެ ތަސައްވުރަކީ އަޒްހަރުގެ އިލްމުވެރީންގެ އަރިހުގައިވެސް އިސްލާމްދީނާ ޚިލާފު ފިކުރެކެވެ. އޭގެފަހުންވެސް މިސުރުގައި ދީނާއި ސިޔާސަތު ވަކިކުރުމުގެ ބަޙުޘު ހިނގަމުން އާދެއެވެ. ދެވިސްނުމުގެ ވެސް މަންދޫބުން ތިއްބަވައެވެ. އަލީ އަބްދުއްރައްޒާގު އޭނާގެ ފޮތް ލިޔުއްވި ދުވަސްވަރު މިސުރުގައި ވެރިކަމުގެ ލަގަންއޮތީ ސެކިއުލަރ ފިކުރުގެ މީހުންގެ އަތުގައެވެ. އެމީހުން ތިބީ ދީނީ ފިކުރުގެ ވެރިކަމާ ދެކޮޅަށެވެ. އިޚްވާނުންގެ ވެރިކަން ވައްޓައިލީ އެބައިމީހުންނެވެ. ނަމަވެސް އިސްލާމީ ދުނިޔޭގައި އޭރުއްސުރެ އަންނަނީ ސަރުކާރާއި ދީނާ އެއްވެސް ގުޅުމެއް ނެތްކަމަށް ދައުކުރާ ސެކިއުލަރ ތަސައްވުރާ ދެކޮޅަށް ޖިހާދުކުރެވެމުންނެވެ. އެ ލާދީނީ ތަސައްވުރުގެ އިދި ތަސައްވުރަކީ އިސްލާމަކީ ދީނެކެވެ. ދުނިޔެއަށް ވެސް މަގުދައްކާ އުސޫލެކެވެ. އަޅުކަމާއި ސިޔާސަތާއި، ދައުލަތުގެ އަސާސެކެވެ. ނިޔާކަނޑައެޅުމުގެ ވެސް ނިޒާމެކެވެ. އިންސާނީ ހަޔާތުގެ އެއްވެސް ކަމެއް ދީނުގެ އިމުން ބޭރުވެގެންނެއް ނުދެއެވެ. އިސްލާމްދީންވަނީ ތަނާއި، ޒަމާނާއި، އިންސާނުންގެ މައްޗަށް ފެތުރި އާއްމުވެގެންނެވެ. މިމޭރުމުން ވާހަކަ ދައްކަވާ ބޭފުޅުންގެ ފިކުރެވެ. ކީރިތި ޤުރްއާނުގައި އިރްޝާދުދެއްވައިފައިވެއެވެ. " އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަހްމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއްކަމުގައެވެ. (އައްނަހްލު : 89)

(ނުނިމޭ)