ކ.ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނގިލި ފަޅުތެރޭގައި އޮތްވާ ރޯވި ޔޮޓް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މިއަދު 9:32 ހާއިރު ޔޮޓް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
"ވެރިތާ" ނަމަކަށް ކިޔާ އޮސްޓްރޭލިއާގެ އެ ޔޮޓްގައި ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓްކުރީ ރޭ ފަތިހު 5:42 އެހާކަންހާއިރުއެވެ. ހާދިސާ ހިނގިއިރު އޭގައި އޮސްޓްރޭލިއާގެ ތިން ފިރިހެނުން ތިއްބެވެ.
ނަމަވެސް ހާދިސާ ހިނގުމާއެކު އެމީހުން ވަނީ ކައިރީގައި އޮތް އެހެން ސަފާރީއަކަށް ނަގައި، ފަހުން ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް އެކަކަށް ވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ޔޮޓް އަޑިއަށް ގޮސްފައި މިވަނީ، އޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަލިފާން ނިއްވުމަށް ފޯމް ވެސް ބޭނުން ކުރަމުންދަނިކޮށެވެ.