ޚަބަރު

ފުރަން އޮންނަ ގަޑިއަށްވުރެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އިލްތިމާސްކޮށްފި

ފުރަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދިއުމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.

އެމްއޭސީއެލް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މި ދުވަސްވަރަކީ ވީއައިއޭގެ ޑިޕާޗާ އަށް ވަރަށް ބާރު ބޮޑު ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން، ފުރުމުގެ ކަންކަން އޮމާންކަން ކުރިއަށް ދިއުމަށް، ފުރަން އޮންނަ ގަޑިއަށްވުރެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ.

މި ދުވަސްވަރު އެއާޕޯޓަށް ބާރުބޮޑުވެފައި މިވަނީ، ކްރިސްމަސް އަދި އާ އަހަރުގެ ޗުއްޓީ ނިންމާލުމަށްފަހު ރާއްޖެ އިން ފުރާ މީހުންގެ އަދަދު ގިނަވުމުންނެވެ.

އެގޮތުން މިދިޔަ މަހު އެމްއޭސީއެލް އިން ވަނީ ރަންވޭ މޫމަންޓް ދެފަހަރަށް އާކޮށްފައެވެ. އެގޮތުން ޑިސެމްބަރު އެއް ވަނަ ދުވަހު ޖުމްލަ 226 ރަންވޭ މޫވްމަންޓް ރެކޯޑް ކުރެވުނުއިރު، ޑިސެމްބަރު 23 ވަނަ އާ ރެކޯޑެއް ވަނީ ހަދައިފައެވެ. އެ ދުވަހު ޖުމްލަ 239 ރަންވޭ މޫވްމަންޓް ރެކޯޑް ކުރެވިފައިވެއެވެ.

ވީއައިއޭ ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް ކުރިއަށް ގެންދާއިރު، އެ މަޝްރޫއުގެ ދަށުން އާ ރަންވޭއަކާއި އާ ޕެސެންޖަރު ޓާމިނަލެއްގެ އިތުރުން ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އާ ރަންވޭ ހަދައި ނިންމާފައިވީ ނަމަވެސް އަދި ބޭނުން ކުރާކަށް ނުފަށަފައެވެ. އަލަށް ހަދާ ޕެސެންޖަރު ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ހަދާ ޓާމިނަލެކެވެ. ވީއައިއޭގައި މިހާރު ހުރި ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެކެވެ.