މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

އަލަށް ހަދާ ސީޕްލޭން ޓާމިނަލަށް ހޭދަވާނީ 26 މިލިއަން ޑޮލަރު، އެތަން ހިންގާނީ އެމްއޭސީއެލުން

މަރިޔަމް ޝަހުދާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލުގެ މަސައްކަތަށް ހޭދަވާނީ ޖުމުލަ 26 މިލިއަން ޑޮލަރު ކަމަށާއި އެތަން ހިންގާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގިނަ މީޑިއާ ތަކަކުން، އަލަށް ހަދާ ސީޕްލޭން ޓާމިނަލަށް ހަރަދުވާނީ 55 މިލިއަން ޑޮލަރު ކަމަށް ބުނެފައި ވީނަމަވެސް އެއީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ. އަލަށް ހަދާ ސީޕްލޭން ޓަމިނަލާއި ވީވީއައިޕީ ބިލްޑިންގެ މަސައްކަތަށް ޖުމުލަކޮށް ހަރަދުވާނީ 26 މިލިއަން ޑޮލަރު ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ސީޕްލޭން ޓާމިނަލާއި ވީވީއައިޕީ އިމާރާތްވެސް ހިންގާނީ އެމްއޭސީއެލުން ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް ވަކިވަކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަންތައް ހިންގާނީ އެކަމަށް ބޭނުންވާ ޖާގަ ޓާމިނަލުން ކުއްޔަށް ހިފައިގެން ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެކުންފުނިން ބުނީ 26 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ކޮމްޕްލެކްސްގައި ހަތަރު ފަންގިފިލާގެ ސީޕްލޭން ޓާމިނަލަކާއި އެއް ފަންގިފިލާގެ ވީވީއައިޕީ އިމާރާތެއް ހިމެނޭނެ ކަމަށެވެ. އަދި މި ސީޕްލޭން ޓާމިނަލް ފަރުމާކޮށްފައިވަނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތް ކުރެވޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރަށް ނިންމުމަށް ގަސްތުކޮށްފައިވާ ކަމަށާއި މި ޓާމިނަލް ހުޅުވުމުން މި ޓާމިނަލް ވެގެން ދާނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަންސް ހިންގާ އިމާރާތަށް ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން އަލަށް ހަދާ ސީޕްލޭން ޓާމިނަލް އެ ކުންފުނީން އަމިއްލައަށް ނުހިންގައި، ޓީއެމްއޭއަށް އެތަނުގެ ހިންގުން ހަވާލުކުރަން އުޅޭ ކަމުގެ އަޑުތަކެއް ދާދި ފަހުން ވަނީ ފެތުރިފަ އެވެ. އެކަމާ ގުޅިގެން އެމްއޭސީއެލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.