ކޮލަމް

މަދީނާގެ އައު އިސްލާމީ ދައުލަތުގެ އިންގިލާބީ މަސައްކަތްޕުޅު 5

އަބްދުﷲ ފާރޫގް ހަސަން

މުސްލިމުންގެ ތާރީޚުގައި އެއީ ވަރަށް ނާޒުކު ދައުރެކެވެ. "އެކޮޅުން ޤުރައިޝުން މުސްލިމުންނަށް ދަތިދެނީއެވެ. މިކޮޅުން ޔަހޫދީން ދެކޮޅުވެރިކަން ފައްޓަނީ" އެވެ. މަދީނާގެ އާބާދީ އޭރުއޮތް ގޮތުން މުސްލިމުންގެ ގޭތެރޭގައި ވެސް އަޑިއަޑީން ނުބައި ރޭވުންތަކުގެ ދައުފަތުރައިލުމަކީ ޔަހޫދީންނަށް ވަރަށް ފަސޭހަކަމެކެވެ. ޔަހޫދީން ގެންދިޔައީ މުސްލިމުންނަށް ހަމަނޭވާލެވުނަނުދިނުމަށްޓަކައި މުނާފިގުން ލައްވައި ނުބައި ނުލަފާކަމުގެ ކުޅިތައްކުޅުވަމުންނެވެ. އެއްކުޅިޔަކަށްފަހު އަނެއް ކުޅިޔެއް ކުޅުވަމުންނެވެ. ބޭރުން ލިބެމުން އައީ ޤުރައިޝުންގެ ހަނގުރާމައިގެ ތައްޔާރީތަކުގެ ޚަބަރުތަކެވެ. ޤުރައިޝުންވަނީ އިސްލާމީ ދައުލަތުގެ ސަރަހައްދަށް ރޭގަނޑުގެ ބައެއް ހަމަލަ އަމާޒުކޮށްވެސްފައެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ހަނގުރާމަ ކުރައްވާން ޖެހިވަޑާއިގެންފައި އޮތީ އެތެރެއާއި ބޭރާ ދެމައިދާނުގައި އެއްފަހަރާއެވެ. ވެށިކިތަންމެހައިވެސް ނުރައްކަލެވެ. ނަމަވެސް އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަޒުމުފުޅަކަށް ކުޑަވެސް ލޮޅުމެއް އެރިޔަކަ ނުދެއްވައެވެ. ހިތްވަރުފުޅަކަށް ގުޑުމެއް ނާރުއްވަވައެވެ. ބަދުރުގެ މައިދާނުގައި މައްކާގެ މުޝްރިކުންގެ މައިކަށި ބިންދައިލެއްވެންދެން ވެސް ވަޑައިގެންނެވީ ސާބިތުކަމާއެކު ކުރިޔަށެވެ.

ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުން

ބަދުރު ހަނގުރާމަޔަކީ މުސްލިމުންގެ ދީނީ ލޯތްބާއި ވަފާތެރިކަމުގެ އިމްތިހާނެކެވެ. ރޯދަ ފަރުޟު ކުރެއްވީ ބަދުރު ހަނގުރާމައިގެ ގާތްގަނޑަކަށް ތިންހަފުތާއެއްހައި ދުވަސްކުރީންނެވެ. އެއީ ހިޖްރައިން ދެވަނަ އަހަރުގެ ޝައުބާން މަހުގެ ފަހުކޮޅެވެ. ރޯދަ ފަރުޟުކުރެއްވީ މުސްލިމުން ތަގްވާވެރިވުމަށްޓަކައެވެ. ކެތްތެރިކަމާއި، ނަފުސު މަތަކުރުމުގެ ތަމްރީނު ދެއްވުމަށްޓަކައެވެ. އެހެންކަމުން އަރަހުށި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީން އިސްވެދިޔަ މީސްތަކުންގެ މައްޗަށް ފަރުޟު ކުރެއްވިފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ. "

މިމާތް އާޔަތުން އެނގޭގޮތުގައި ރޯދަޔަކީ އިސްލާމީ އުންމަތުގެ މައްޗަށް ލާޒިމު އަޅުކަމެކެވެ. ތައުހީދުގެ އަހްލުވެރީންގެ މައްޗަށް އިހުއްސުރެ ވެސް ލާޒިމު ކުރައްވައިފައިވާ އަޅުކަމެކެވެ. އެހެނީ ރޯދަޔަކީ އޭގެ ސަބަބުން އިންސާނުންގެ ކިބައިގައި މާތްﷲ ގެ ރަސްކަންފުޅު ދެކެ ލޯބިވުމާއި ބިރުވެތިވުމުގެ ސިފައަށަގަންނުވާ އަޅުކަމެކެވެ. ޙައްޤު ހޯދުމަށް އެދުންވެރި ކުރުވާ އަޅުކަމެކެވެ. ނަފުސު މަތަކޮށް ހިފަހައްޓަން އާދަކުރުވާ އަޅުކަމެކެވެ. އެހެންކަމުން ރޯދަ އާއި ޖިހާދަކީ އެއްކަމެއް އަނެއްކަމަކާ ދެމެދު ވަރަށް ބޮޑަށް ގުޅުންހުރި ދެ އަޅުކަމެވެ. ރޯދަޔަކީ އަސްކަރީ ތަރުބިޔަތުގެވެސް ލާޒިމީ ބައެކެވެ. އެހެންކަމުން މުސްލިމުން ޖިހާދަށް ފެށުމުގެ ކުރީން އެބައިމީހުންނަށް ވަނީ ރޯދައިގެ ޒަރީއާއިން ކެތްތެރިކަމާއި ސާބިތުކަމުގެ ތަމްރީނު ދެއްވިފައެވެ.

* * * * * * * * * * * * * *

ޝައްކެނެތެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގެންދެވީ އިސްލާމީ ދައުލަތް އާރުލާ ބާރަކަށް ހެއްދެވުމަށާއި، މުސްލިމުންނަށް ދެދުނިޔޭގެ ފަލާޙާއި ކާމިޔާބީ ހޯއްދަވައި ދެއްވަން ނުހަނު ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެމާތް ސާހިބާއަށްޓަކައި މިންވަރުކުރައްވައިފައިވާ ދުނިޔަވީ ނަސީބުފުޅުގެމަތީންވެސް ހަނދުމަފުޅު ނައްތަވައެއްނުލައްވައެވެ. އިންސާނާގެ ދުނިޔަވީ ހަޔާތަކީ ވެސް އިންސާނާއަށް ހިބަކޮށްދެއްވައިފައިވާ އަގުބޮޑު ނިއުމަތެކެވެ. ފިތުރީ ހަމަތަކުގެ މަތީން ދުނިޔަވީ ހަޔާތުގައި އުފަލާއި ހިތްހަމަޖެހުން ލިބިގަތުމާއި ހިތްފަހިކަން ހޯދުމަކީ އިންސާނީ ފިތުރަތު ލާޒިމުކުރާކަމެކެވެ. މިގޮތުން ބަލާއިރު ޙަޔާތެއް ވޭތިކުރުމަކީ ވެސް ފަންނެކެވެ. އެކަމަށްޓަކައިވެސް ލިބިގަންނާންޖެހޭ އެންމެ އަގުހުރި ފިލާވަޅު ލިބިގަނެވޭނީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ރީތި ދިރިއުޅުއްވުން މުތާލިއާކޮށް ގެންނެވެ.

އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގެ ހަޔާތްޕުޅުގެ އެންމެ ފަހު ދައުރުގައި އެމާތްސާހިބާ އަޅުގަނޑުމެންނަށް ފެންނަނީ މުހާޖިރެއްގެ ގޮތުގައި ޔަޘްރިބުގައި ހުންނަވަނިކޮށެވެ. ވަރަށް ގިނަ އަދަދެއްގެ ދުޝްމިނުންތަކެއް އެމާތްސާހިބާ ވަށައިލައިގެން ތިއްބައެވެ. އިތުރުސާހިބާ ގެންދެވީ އެމާތްސާހިބާގެންނެވި އާލަމްތަކަށް ރަހުމަތެއްކަމުގައިވާ އިސްލާމީ ތަހްރީކު ބާރުބާރަށް ހިންގަވަމުންނެވެ. އިސްލާމީ ދައުލަތާއި މުޖްތަމައު ބިނާ ކުރެއްވުމުގައި ނުހަނު އަވަދިނެތިކޮށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. މަދީނާގެ ޖައްވު އޮތީ ފިނިހަނގުރާމަ އާއި ހޫނު ދިލަ ހަނގުރާމައިގެ ކަޅުވިލާތަކުން ބައްދައިލައިފައެވެ. ޔަހޫދީންނާއި މުނާފިގުން އަވަދިނެތި މަސައްކަތް ކުރަމުން ގެންދިޔައީ މުސްލިމުންނަށް ގެއްލުންދީ މުސްލިމުން ނައްތައިލުމުގެ ނުބައި ރޭވުންތަކުގައެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެމާތްސާހިބާގެ މަތިވެރި މިޝަނަށް ހިނދުކޮޅަކަށްވެސް ހުއްޓުމެއް އެރިޔަކަ ނުދެއްވައެވެ. އިތުރުސާހިބާ ހުންނަވަނީ ނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ. އުފާފުޅުންނެވެ. އިތުރުސާހިބާ އުފުއްލަވަނީ ހަމައެކަނި އިންސާނިއްޔަތާމެދު ކުރައްވާ ހިތާމަފުޅެކެވެ. އެހިތާމަފުޅުވެސް އުފުއްލަވަނީ ބުރައެއްގެ ގޮތުގައެއް ނޫނެވެ. އިތުރުސާހިބާ ގެންދެވީ މުސްލިމުންގެ ހިތްތައް އިލްމާއި ޙިކުމަތުން ފުރައިދެއްވަމުންނެވެ. ކީރިތި ޤުރްއާން މަޢުރިފާކޮށްދެއްވަމުންނެވެ. ކީރިތި ޤުރްއާނުގެ ހަވާލާއިން ހަޔާތުގެ ޙަޤީޤަތްތައް މޭރުންކޮށް ދެއްވަމުންނެވެ. ދިރިއުޅުމުގެ އަދަބުތަކާއި ރިވެތި ސުލޫކުތައް ދަސްކޮށްދެއްވަމުންނެވެ. އަސްކަރީ ތަރުބިޔަތު ދެއްވަމުންނެވެ. އެކަންކަމުގެ ތެރެއިން ކިރިޔާވެސް ހިލޭ ވަގުތު ކޮޅެއް ލިބިވަޑައިގެންފިނަމަ އިސްލާމީ ދައުވަތު ދެއްވުމަށާއި ސަފާރަތީ ގުޅުންތައް ގާއިމުކުރެއްވުމަށްޓަކައި އެކިދިމަ ދިމާޔަށް އެކި ޤަބީލާތަކުގެ މީހުންގެ ގާތަށް ދަތުރުކުރެއްވުމުގެ އުނދަގޫ މަސައްކަތްޕުޅު ހިންގަވަމުންނެވެ.

ރޭގަނޑު އިންސާނުންނާ ބައްދަލު ކުރަނީ ނިންޖާއި އަރާމު ލިބި ގަތުމުގެ ދައުވަތާއިގެންނެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ވެސް އަވަހާރަފުޅުލެއްޕެވުމުގެ އުފާހޯއްދަވައެވެ. ނަމަވެސް އެމާތްސާހިބާގެ ހިތްޕުޅު އަވަހާރަފުޅެއް ނުލައްޕަވައެވެ. އެމާތްހިތްޕުޅަށް އަވަހާރަފުޅުލެއްޕެވޭނީވެސް ކިހިނަކުންތޯއެވެ؟ އެހިތްޕުޅުވަނީ އެހިތްޕުޅުގެވެރި އަދި ލޯބިވެރި ވަންތަ ﷲ އާ ބައްދަލުކުރެއްވުމުގެ އިންތިޒާރުގައެވެ. ޝައުގުވެރިކަމުގައެވެ. ރޭގަނޑުގެ ދޮޅުބައި ނުވަތަދެބައިންބައި ހޭދަވުމާއެކު ކައުސާހިބާ އަވަހާރަފުޅުން ތެދުވެ ވަޑައިގަންނަވައެވެ. ވުޟޫ ކުރައްވައިގެން ރޭއަޅުކަމަށް ފައްޓަވައެވެ. ފަޖުރުލުމާ ހަމަޔަށް ހޭދަކުރައްވަނީ އަޅުކަމުގައެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ރެޔާ ދުވާލުގެ ބުރަ މަސައްކަތްޕުޅާއި އުފުއްލަވަންޖެހިވަޑައިގަންނަވާ އަފޫރުއްބަ މަސްއޫލިއްޔަތާއެކުވެސް އެމާތްސާހިބާގެ އެކުވެރީންނާއި، އަނބި އަނބިކަނބަލުންނާއި ދަރިދަރިކައުކަނބަލުންނަށްވެސް އެބޭބޭކައުކަނބަލުންގެ ޙައްޤު ދެއްވައެވެ. ވާހަކަފުޅު ދައްކަވައެވެ. އެބޭބޭކައުކަނބަލުންގެ އެކުވެރިކަމުގެ އުފާ ހޯއްދަވައެވެ. ކުޑަކުދީންނާއެކު ކުޅިވަރުކުޅުއްވައެވެ. ގޭތެރޭގެ މަސައްކަތްޕުޅުތަކުގައި އަތްބާރު އަޅުއްވައި ދެއްވައެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރައްވައެވެ. އިޖްތިމާއީ ޚިދުމަތްތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ޚާއްޞަ އެކުވެރީންގެ ބައްދަލުކުރެއްވުން ތަކުންވެސް ހިތްޕުޅު އުފާކުރައްވައެވެ.

އިތުރުސާހިބާގެ އާއިލީ ދިރިއުޅުއްވުމުގައި އެމާތްސާހިބާ އަކީ ނަމޫނާ ފިރިކަލެކެވެ. ލާމަސީލު ބައްޕާކަލެކެވެ. ގެކޮޅުގެ އުފާފާގިތިކަން ގުނަގުނައިން އިތުރުކޮށްދެއްވައެވެ. ޝައްކެތްނެތެވެ. އިންސާނެއްގެ އުފެއްދުންތެރިކަމުގެ ބާރުތައް ފުރިހަމަޔަށް ކުރިއަރައި ބަރާބަރަށް މަސައްކަތް ކުރަމުންދާނީ އެމީހެއްގެ ގޭތެރޭގެ ދިރިއުޅުން ހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް ވެގެންނެވެ. މައްކާގައި ކުރިމަތިލެއްވި ވަރުގަދަ އަނިޔާތަކާއި ބޮޑެތި މުސީބަތްތަކުގެ ދައުރުގައިވެސް އިތުރުސާހިބާގެ ގެކޮޅުގެ ދިރިއުޅުއްވުން ހުރީ އިތުރުސާހިބާ ފުރިހަމަޔަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާގޮތަށެވެ. މަދީނާގައި ކުރެއްވި ހަނގުރާމަތަކާއި އިސްލާމީ އުންމަތަށް ކުރިމަތި ކުރެވުން ނުބައިރޭވުންތަކުގެ ދުވަސްވަރުވެސް އިތުރުސާހިބާގެ އާއިލީ ދިރިއުޅުއްވުންވަނީ ފުރިހަމަޔަށް ހަމަޖެހިފައެވެ. މުދަލާއި ފައިސާގެ ސަބަބަކުން ނޫނެވެ. ލޯތްބާއި އިޚުލާސްތެރިކަމުގެ ސަބަބުންނެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގެންދެވީ ފިސާރި ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައި އެމާތްސާހިބާގެ މަތިވެރި މުހިންމަތު ފުރިހަމަ ކުރެއްވުމުގެ މަސައްކަތްޕުޅާއިގެން ކުރިޔަށެވެ. އަޅުގަނޑުމެން ބަލައިގަންނާންވީ އެންމެ ރިވެތި ނަމޫނާ އަކީ އެއީ އެވެ.

(ނިމުނީ)