ޚަބަރު

އާސަންދައިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފި

އާސަންދަ ކުންފުނިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ، ހުޅުމާލެ ހޮސްޕިޓަލު ހިންގުން ހުއްޓާލާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. އަދި އެ ނިންމުން އެ ކުންފުނިން ނިންމާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް އޮފީހުން އެގޮތަށް އަންގާފައިވުމުން ކަމަށް އާސަންދައިން ބުނެއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ހުޅުމާލެ ހޮސްޕިޓަލް މިހާރު ހިންގަން ސަރުކާރުން ހަވާލުކޮށްފައިވަނީ ކޮން ފަރާތަކާ ކަމެއް އަދި ނޭނގެއެވެ.

އާސަންދަ ކުންފުންޏާ ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހަވާލުކުރީ 3 އޭޕްރިލް 2016ގައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ވަން" ވިދާޅުވީ އެ ނިންމުމަކީ، ބަޖެޓު ކުރެވިގެން ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެގޮތުން "މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް" ކިޔާ މިނިވަން މުއައްސަސާއެއް އުފައްދައި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗް އާއި ވިލިމާލެ ހޮސްޕިޓަލް ވެސް އެ މުއައްސަސާއެއްގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަަމަވެސް އާ ސެޓަޕްއަށް ބަދަލުވަންދެން ހުޅުމާލެ ހޮސްޕިޓަލް ހިންގާނީ އާސަންދަ ކުންފުނިން ކަމަށާއި އެ ސެޓަޕް ގާއިމުކުރެވޭނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.