މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ މޭސްތިރިން ކަމަށް ތުހުމަތުކޮށް ދައުވާކުރުމަށް މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފިއެވެ.
އެ މައްސަލަތަކުގައި މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ދެމީހެއްގެ މައްޗަށެވެ. އެއީ ރިލްވާނައި އަފްރާޝީމު އަދި ޔާމީން މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިކަމަށް ތުހުމަތުކުރެވޭ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.
އޭގެ އިތުރުން މިމަހުގެ ހަތަރު ވަނަ ދުވަހު ޑރ. އަފްރާޝީމުގެ މަރުގެ ތަހުގީގަށް ދޮގު މައުލޫމާތު ދީ ތަހުގީގަށް ހުރަސް އެޅުއްވިކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ މައްޗަށް ދައުވާ ކުރަން ވެސް ފޮނުވިއެވެ.
ޕީޖީ އޮފީހުން ބުނީ، އެ މައްސަލަތައް އަނބުރާ ފޮނުވާލީ ދައުވާ ނުކުރަން ނިންމައިގެން ނޫން ކަމަށާއި ނަމަވެސް އެ މައްސަލަތަކުގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރިކަމަށް އެ އޮފީހަށް ފާހަގަކުރެވޭތީ ކަމަށެވެ.
ރިލްވާނައި އަފްރާޝީމު އަދި ޔާމީންގެ މަރުގެ މައްސަލައިގައި މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ދައުވާކުރަން ފޮނުވި މަޒީދާއި ސާމިތަކީ އެކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި، ރާއްޖޭގައި ހިންގާ އަލްގައިދާ ގޮފީގެ މޭސްތިރިންނެވެ. އަދި އެ ގޮތްޕަކީ ރާއްޖޭގައި މީހުން ގަތުލުކުރުމުގެ ހަރަކާތްތައް ހިންގާ ގުރޫޕު ކަމަށް ކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ.
ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓު މަރުތަކާ ބެހޭ ކޮމިޝަނުން އާންމުކުރިއިރު، ޑރ. ޝަހީމުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވެއެވެ.
އެގޮތުން އެ ރިޕޯޓުގައި ބުނާގޮތުން، އަފްރާޝީމު އަވަހާރަކޮށްލި ރޭ އޭނާ އަރާވަޑައިގެންނެވި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދަވައި ދެއްވީ ޑރ .ޝަހީމު ކަމަށް ވިދާޅުވެ ދެއްވި ބަޔާނާ ބެހޭގޮތުން ފުށުއެރުންތަކެއް ވަނީ ފާހަަގަކުރެވިއެވެ.
އޭގެ ތެރޭގައި އެކަމާ ގުޅޭގޮތުން މެސެޖުން ކޮށްފައިވާ މުއާމަލާތްތައް ބަލައި ކޮމިޝަނުން ކުރި ތަހުހީގުން އެ މައްސަލައިގައި ޑރ. ޝަހީމު ކޮމިޓީއަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް އެ ރިޕޯޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީންވަނީ ބުނެފައެވެ. އެހެންކަމުން