ޚަބަރު

ފާއިތުވި 24 ގަޑިއިރު ތެރޭ މާލެއިން ވައްކަމުގެ 10 މައްސަލައެއް!

މަރިޔަމް ޝަހުދާ

1

ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުން ވައްކަމުގެ 10 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު މާލޭގެ ހަތަރު ނެއިބަހުޑަކުން ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކުރައްވައި ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިފަދަ ކުށްތައް މަދު ކުރުމުގެ ގޮތުން މާލެތެރޭ ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި އެފަދަ ވައްކަމުގެ ކަންކަމުގައި ހަރަކާތްތެރިވަނީ ގޭންގު ހަދައިގެން އުޅޭ، ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށް ވެސް ވިދާޅުވިއެވެ.

ހަމީދު މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި ވައްކަމުގެ މައްސަލަ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނެއިބަހުޑު ތިނަކުންނެވެ. އެއީ މަގުމަތިން ފޭރުމުގެ ތިން މައްސަލައަކާއި ފިހާރަ/ގުދަނަކުން ވައްކަން ކުރި މައްސަލައެކެވެ.

ދެން އެންމެ ގިނައިން ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ ނޭބަހުޑުން ގޭގެއިން ވައްކަންކުރި ކަމުގެ ދެ މައްސަލައަކާއި މަގުމަތިން ފޭރުމުގެ މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި ނެއިބަހޫޑު ހަތަރަކުން މަގުމަތިން ފޭރުމުގެ ދެ މައްސަލައެއް އަދި ނެއިބަހޫޑު އެކަކުން މަގުމަތިން ފޭރުމުގެ އެއް މައްސަލަ ހުށަހަޅާފައިވާކަން ވެސް ސީޕީ އާންމުުރެއްވި ތަފާސްހިސާބުން ދައްކައެވެ.

އެ ތަފާސްހިސާބުން ފެންނަ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވައްކަމުގެ މައްސަލަ އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަވީރު ފަހަކާއި ހަޔަކާ ދެމެދުގައެވެ. އަދި އެންމެ ގިނައިން ހުށަހަޅާފައިވަނީ މަގުމަތިން ފޭރުމުގެ މައްސަލައެވެ.