ކުޅިވަރު

އޭއެފްސީ ކްލަބް ލައިސެންސް ނުލިބުނީ ކްލަބްތަކުން ޑޮކިއުމެންޓް ފުރިހަމަ ނުކުރާތީ: އެފްއޭއެމް

އަހުމަދު ޖައިޝަން

އޭއެފްސީން ފުޓްބޯޅަ ކްލަބްތަކަށް ދޭ ލައިސެންސް މިއަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް ލިބިފައިނުވަނީ ކްލަބްތަކުން ޑޮކިއުމެންޓްތައް ހަވާލުކޮށްފައި ނުވުމުގެ ސަބަބުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން ކްލަބް ލައިސެންސިން ސިސްޓަމް (ކްލާސް)ގެ ޑޮކިއުމެންޓްތައް ހަވާލުކުރުމުގެ ފަހު ތާރީހު ތަކުރާރުކޮށް އެންގި ކަމަށެވެ.

ނަމަވެސް ކްލަބްތަކުން އެ ޑޮކިއުމެންޓްތައް އަޕްލޯޑްކޮށްފައި ނުވާ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައެވެ. ޓީސީ ސްޕޯޓްސް ކްލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ގިނަ ޑޮކިއުމަންޓްތައް ހުށަހެޅި ކަމަށް އެފްއޭއެމް އިން ބުންޏެވެ. ނަމަވެސް ޑެޑްލައިން ހަމަވިއިރު އެ ކްލަބުތަކަށްވެސް ބައެއް ޑޮކިއުމަންޓްތައް ހަވާލު ނުކުރުވުމުގެ ސަބަބުން އޭއެފްސީން ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކްލަބު ލައިސަންސް ދީފައި ނުވާ ކަމަށް ވަނީ ބަޔާނުގައި ބުނެފައެވެ.

އެފްއޭއެމް އިން ބުނީ ކްލަބް ލައިސެންސިން ސިސްޓަމްގައި އެ އެސޯސިއޭޝަންގެ ދައުރަކީ މޮނިޓަރ ކުރުން ކަމަށެވެ.

އޭއެފްސީގެ ކްލަބް ލައިސެންސިން ސިސްޓަމް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. އޭއެފްސީއިން ތައާރަފްކުރި އެ ސިސްޓަމްއާއެކު ކްލަބް ލައިސެންސް ނެތް ކްލަބްތަކަށް މުބާރާތުގައި ބައިވެރިއެއް ނުވެވޭވެއެވެ. އަދި އެ ސިސްޓަމަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގައެވެ.

އެ ސިސްޓަމް އަށް ޑޮކިއުމެންޓްތައް ހަމަކޮށް އެތަކެތި އަޕްލޯޑް ކުރުމަށް ކޮންމެ ކްލަބަކަށް އޮންލައިން ޕޯޓަލްއެއް ދެވިފައިވާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.