އިޔާ އިން ރިވިއު 2019

2019 ގައި ސިޔާސީ މަސްރަހު: ނަގަމުންދާ ވިލާގަނޑު ބޮޑު! ރޫޅާލައި ވައި އަންނާނެ އިރެއް ނޭނގެ!

މި އަހަރު ސިޔާސީ މަސްރަހަށް ބަލާ އިރު، ބޮމެއްހެން ގޮވާފާނެ ކިތަންމެ ހާލަތެއް ފެނިގެން ދިޔަ އެވެ. މިފަހަރު ދެން މިކަން ހައްލެއް ނުވާނޭ، ބުނާން ޖެހޭ ކިތަންމެ ވަގުތެއް ދިޔަ އެވެ. އެކަމަކު އެއިން ކޮންމެ ހާލަތެއްގައި ވެސް ނެގި ވިލާގަނޑު، ކަހާލައިގެން ދިޔައީ އޭގެ ހަމަރޯޅި ސިޔާސީ މައިދާނަށް ނައިހެވެ. އެކަމަކު ވެސް ހަގީގަތަކީ އުފެދިފައިވާ އުދާސްތައް އެކީގައި ފިލައިގެން ނުދާ ކަމެވެ. 2019 ވަނަ އަހަރު، އަހަރެމެންނާ ބައްދަލުކުރި އިރު، ސިޔާސީ މަސްރަހު ދޮންވެ ފައްކާވަމުން އައީ ތާރީހީ، ބޮޑު އަދި ބިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށެވެ. ފުޅާ ކޯލިޝަނުގެ ތެރޭގައި ހުޅުރޯވީ އެހާ ހިސާބުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ބޮޑު މައްސަލައަކީ، ގޮޑިތައް ބެހުމުގެ މައްސަލަ އެވެ. ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ބުނަމުން އައީ، އެމީހުން ހުރިހާ ދާއިރާއަކަށް ނުކުންނަން ބޭނުންވާ ކަމަށެވެ. ރައީސް މައުމޫނާއި ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް އަދި އަދާލަތުން ބުނަމުން އައީ، މަޖިލިސް އިންތިހާބުގައި ވާދަކުރަން ވާނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. ހަތަރުބައި މީހުން ސަރުކާރު ހިއްސާކުރާ މިންވަރަކަށް މަޖިލީހުން ވެސް ބަޅި އެޅެން ވާނެ ކަމަށެވެ. މި މައްސަލަ ކޮޅެއްގައި ޖެއްސެވޭތޯ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ލީޑަރުންނާ އެކު އެއް މޭޒަށް ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް، އުފެދެމުން އައި އުދާސްތައް "ޒުވާބު" ގަނޑަކަށް ބަދަލުވެ، މަޖިލިސް އިންތިހާބަށް ކޯލިޝަނުގެ ޕާޓްނަރުން ނިކުތީ އެބަޔަކު ބޭނުން ގޮތަކަށެވެ. އެބަޔަކަށް ވީ ވަރަކުންނެވެ. ނަތީޖާއަކީ މިހާރު ފެންނާން އެ އޮތް ރައްޔިތުންގެ މަޖިލީހެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި އެންމެ ބޮޑަށް މަސްރަހު ހޫނުވީ، ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އާއި ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމުހޫރީ ޕާޓީއާ ދެމެދު އެވެ. އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ކޮންމެ ދުވަހަކު ދިޔައީ ބަދަލުކުރަމުންނެވެ. އެމްޑީޕީގެ އެތައް ޕްލެޓްފޯމެއްގައި، އެޕާޓީގެ އިސް ބޭފުޅުން، ކޯލިޝަނުން ޖޭޕީ ވަކިކުރަން ގޮވަމުން ދިޔަ އެވެ. ދެންމެ ދެންމެ ކޯލިޝަން ރޫޅިދާނެ ކަމަށް ހީވި ކިތަންމެ ދުވަހެއް ދިޔަ އެވެ.

މަޖިލިސް ރައީސްކަމުގެ ހޫނު ކެމްޕޭން!

ބިޔަ މަޖިލީހުގެ ބޮޑު މެޖޯރިޓީ، 65 ގޮނޑިޔާ އެކު އެމްޑީޕީން ނެގުން ވެގެން ދިޔައީ އެއްވެސް ބަޔަކު ހީކުރި ނަތީޖާއަކަށް ނޫނެވެ. އެއީ ހުދު އެމްޑީޕީގެ ލީޑާޝިޕުން ހީކުރި ވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ. މި ބޮޑު ކާމިޔާބީގެ އުފާ ފާޅުކުރުމަށް ބޭއްވި ހަފުލާގައި، ރައީސް ސޯލިހާއި ރައީސް ނަޝީދު ބައިވެރިވަޑައިގެންނެވި އެވެ. ހަފުލާގެ ފޮޓޯތަައް ބަލައިލި ކޮންމެ މީހަކަށް ވެސް އެ ދެބޭފުޅުންނަށް ކާމިޔާބީން ލިބިވަޑައިގެންނެވި އުފާ ފެންނާނެ އެވެ.

އެހެން ނަމަވެސް، އެ އުފާވެރިކަމަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެން ކުރިމަތިލާން ޖެހުނީ، ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަތުމަށްފަހު މިހާ ތަނަށް ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދު ގުޅުން އެންމެ ގޯސްވި ދުވަސްވަރު ކަމަށް ބުނެވިދާނެ އެވެ. މި ނުތަނަވަސްކަން އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް، ކަނޑައަޅާނެ މީހެއްގެ މައްސަލައިގަ އެވެ. ކޯލިޝަން އެއްބަސްވުމުގައި، އޮންނަ ގޮތުން ނަމަ، މަޖިލިސް ރައީސްކަން ލިބިވަޑައިގަންނަވަން ޖެހޭނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަމަށް ޖޭޕީންނާއި އެހެން ބައެއް ފަރާތްތަކުން ބުނަމުން އައި ނަމަވެސް، އެމްޑީޕީން ނިންމީ މަޖިލިސް ރިޔާސަތުގައި އެމްޑީޕީން ނޫން ގޮތަކަށް ބޭފުޅަކު އިންނެވުމަކީ އިންސާފު ނޫން ކަމަށެވެ.

މައްސަލައިގެ އަސްލު ފެށުނީ، މަޖިލިސް ރައީސް ކަމަށް ތަޅުމަށް ގެންދާނެ ނަމެއް ކަނޑައަޅަން އެމްޑީޕީން ބޭއްވި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ޗޮއިސް ތަފާތުވި ހިސާބުންނެވެ. ރައީސް ސޯލިހު ބޭނުންފުޅުވީ މަޖިލިސް ރައީސް ކަމަށް، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ހޮވާށެވެ. ރައީސް ނަޝީދު ކެމްޕޭން ފެއްޓެވީ އެ މަގާމަށް އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނާށެވެ. މި ހިޔާލު ތަފާތުވުންތަކުގެ ތެރެއިން، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ދެބަޔަށް ބެހި އެމްޑީޕީ ދެބަޔަކަށް ކަފިވެގެން ދިޔަ މަންޒަރު ފެނުނެވެ. ދެ ފަރާތުން ވެސް ފާޅުކަން ބޮޑު ގޮތެއްގައި ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުން ދިޔަ އެވެ. އެންމެ ފަހުން އޭގެ ތެރެޔަށް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ވެސް ވަދެވަޑައިގެންނެވިތަން ފެނުނެވެ. މި ހޫނުގަނޑުގެ ތެރޭގައި، ދެ ކެންޑިޑޭޓުންގެ އިތުރުން، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އަބުރުފުޅު ވެސް އައްމިލަފުޅު ޕާޓީ ތެރެއިން ކަތިލަމުން ދިޔައީ ވަކި ގޮތެއް ބަަލައިގެނެއް ނޫނެވެ. އެންމެ ފަހުން މައްސަލަ ނިމިގެން ދިޔައީ އެއްވެސް މީހަކު ހީނުކުރާ ފަދަ ގޮތަކަށެވެ. ކެންޑިޑޭޓަކު ކަނޑައަޅަން ވޯޓުލާން އޮތް ރޭ ޖަލްސާގެ ތެރެއިން މުޅި މަންޒަރު ބަދަލުވި އެވެ. ރައީސް ނަޝީދަށް އެމަނިކުފާނުގެ ވަރަށް ޒަމާންވީ އެކުވެރިޔަކު ފޯނުކޯލެއް ކުރެއްވި އެވެ. އެހާ ހިސާބުން އަސްލަމާއި އަފީފު ނަން އަނބުރާ ގެންދެވި އެވެ. މަޖިލިސް ރައީސް ކަމަށް ހޮވާނެ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސް ނަޝީދުގެ ނަންފުޅު ހުށަހަޅައި، ފާސްކުރި އެވެ. ބުނެވޭ ގޮތުގައި އެރޭ ވޯޓަށް އަހަން ތައްޔާރުވި އިރު، ރައީސް ސޯލިހު ތާއީދު ކުރެއްވި ކެންޑިޑޭޓު ކަމަށްވާ ހަސަން އަފީފަށް އޮތީ ބޮޑު ތަނުން ވޯޓު ކަށަވަރު ވެފަ އެވެ. އެރޭ ރައީސް ނަޝީދަށް ފޯނުކޯލު ކުރެއްވި ޒަމާންވީ އެކުވެރިޔަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ގިނަ މަސްދަރުތަކަކުން ބުނެ އެވެ.

ޕީޕީއެމް ތެރެއިން ޕީއެންސީ އުފެދުން

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް ދެބައިކޮށް، އޭގެ ތެރޭން ޕީއެންސީގެ ނަމުގައި ވަކި ޕާޓީއެއް އުފަންކުރުން އެއީ ވެސް ސިޔާސީ މައިދާނަށް އައި މުހިންމު ބަދަލެކެވެ. ޕީއެންސީ އުފެއްދުމުގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެކަން ހަގީގަތުގައި ފެށިގެން އައީ، ޕީޕީއެމްގެ މިލްކުވެރިކަމާއި އެ ޕާޓީގެ ލީޑާޝިޕާ ގުޅޭ ގޮތުން ޝަރުއީ މަރުހަލާގައި ހުރި މައްސަލަތަކުގެ ސަބަބުން، މަޖިލިސް އިންތިހާބަށް އަސަރުކޮށްފާނެތީ އެވެ. އަދި ހަމަ އެހެންމެ ބައެއް ކަހަލަ ކަންކަމަށް ފަހިވާ ފުރުސަތުތައް އިތުރުކުރުމުގެ ސިޔާސީ އުކުޅަކީ ވެސް އޭގައި އޮތް މުހިންމު ސަބަބަކަށް ވެދާނެ އެވެ. ޕީޕީއެމް އާއި ޕީއެންސީގެ ސިޔާސީ ހަރަކާތްތައް މިއަދު ފެންނަނީ އެއްބަނޑުއެއްބަވާ ދެބޭން ގުޅިގެން ކުރަމުން އަންނަ މަސައްކަތެއްގެ ގޮތުގަ އެވެ. އެ ދެޕާޓީގެ ވެސް މައިގަނޑު އަމާޒު ހުރީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރުމާ ދިމާއަށެވެ.

ރައީސް ޔާމީން ޖަލަށް!

މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރުމަކީ ވެސް ސިޔާސީ މައިދާނަށް ބޮޑު ލޮޅުމެއް ގެނުވި ކަމެކެވެ. އެކަމާ ގުޅިގެން އިދިކޮޅުގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކޮށް، މަގުމަތީގެ އިހުތިޖާޖަށް ނުކުތްތަން ވެސް ފެނުނެވެ. ރައީސް ޔާމީން މިނިވަން ކޮށްފައި ނޫނީ މަސައްކަތް ހުއްޓައިނުލާނެ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. އެ މަސައްކަތުގައި އިދިކޮޅުން ވަނީ ރާއްޖޭން ބޭރަށް ދަތުރުކޮށް ބޭރުގެ ސަފީރުންނާ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި ހަމަ އެހެންމެ ރައީސް ސޯލިހާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.

އެމްއާރްއެމް އުފެއްދުން

ކުރީގެ ރައީސް، ރައީސް މައުމޫނު އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެދިގެން ދިޔައީ ވެސް މި އަހަރުގެ ތެރޭގަ އެވެ. ޕާޓީގެ ވަގުތީ ރައީސް ކަމަށް މައުމޫން އިންތިހާބުކޮށްފައި ވާއިރު، އެމްއާރްއެމް އަކީ، ރައީސް މައުމޫނު ރައީސްކަން ކުރައްވާ ތިން ވަނަ ސިޔާސީ ޕާޓީކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ޑީއާރްޕީގެ ލީޑަޝިޕަށް ޖާބިރު!

މައުމޫނުގެ ފުރަތަމަ ޕާޓީ، ޑީއާރްޕީގެ ލީޑަޝިޕާ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހަވާލުވެވަޑައިގަތުން ވެސް އެއީ ސިޔާސީ މަސްރަހުން ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ޑީއާރްޕީގެ ހަރަކާތްތައް ހުއްޓިފައިވަނިކޮށް، އެ ޕާޓީގެ ނަން މިހާރު އަނެއްކާވެސް ވަނީ އިވެން ފަށާފަ އެވެ.

ޗައިނާ އާއި ރައީސް ނަޝީދު!

ޗައިނާގެ މައްސަލައިގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކުން، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ވެސް ސިޔާސީ މަސްރަހަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ. އޭގެ ފައިދާ ސިޔާސީން ދަނީ ނަގަމުންނެވެ. ރައީސް ނަޝީދު ޗައިނާގެ މައްސަލައިގައި، އެގައުމާ ވާދަވެރި އިންޑިއާގެ ނޫސްތަކަށް އިންޓަވިއުތައް ދެއްވަމުން ގެންދަވާ އިރު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގެންދަވަނީ ޓުވީޓަކު ފުލު ޓުވީޓެއް ކުރައްވައި ނަޝީދަށް ރައްދު ދެއްވަމުންނެވެ. މައްސަލަ ހޫނުވެފައިވާ މިންވަރާއި ގުޅުންތަކަށް އަސަރުކޮށްފައިވާ މިންވަރު ސަފީރުގެ ޓުވީޓުތަކުން ކިތަންމެހާ ވެސް ބޮޑަކަށް ސާފުވެ އެވެ.

ދިވެހީންގެ ލޭކެއްކުވައިލި އެމްޑީއެންގެ މައްސަލަ!

އިސްލާމް ދީނަށް އިހާނެތި ވާހަކަތަކެއް ހިމަނައި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ ވެގެން ގޮސްފައި ވަނީ މި އަހަރުގެ އެންމެ ހޫނު މައުޟޫއަށެވެ. ސަރުކާރު ހޫނު ފެނަށް ވެއްޓި، އެންމެ ގިނަ ރައްޔިތުންގެ ސީދާ ފާޑުކިޔުން ސަރުކާރަށް އަމާޒުވި މައްސަލައަކީ ވެސް އެއީ އެވެ. މި މައްސަލަ ފިނި ނުވެ އިތުރަށް ހޫނުވަމުން ދިޔަ އެއް ސަބަބަކަށްވީ، ވެރިކަން ކުރާ މައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކެވެ. އެކި ގޮތްގޮތުން އެމްޑީއެންގެ ރިޕޯޓު، ރައީސް ނަޝީދު ދިފާއުކުރެއްވުން ރައްޔިތުން މާނަކުރީ ސަރުކާރުގެ ބަހުގެ ގޮތުގަ އެވެ. މި މައްސަލައިގައި، އެމްޑީއެން އުވާލަން ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑެތި އިހުތިޖާޖުތައް ކޮށްފައިވެ އެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ގިނަ ރަށުގައި އެންމެ ގިނަ ރައްޔިތުން އިހުތިޖާޖު ކުރި މައްސަލައަކީ އެމްޑީއެންގެ މައްސަލަ އެވެ. އެމްޑީއެން އުވާލުމަށް ގޮވާލައި 140 އަށްވުރެ ގިނަ ރަށުން ބަޔާން ނެރެފައިވެ އެވެ. މި މައްސަލަ ފެންމަތިވުމާ އެކު، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ސަރުކާރުން ހިންގި އެވެ. އަދި އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ސާފުކުރާން ޖެހޭ މުއައްސާތަކުން ކަށަވަރުކުރަން ޖެހޭ މިންވަރަށް އެކަން ކުރުމަށް ފަހު، ސަރުކާރުން އެޖަމިއްޔާ އުވާލީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ސަރުކާރުގެ ހިންގުމުގެ ތެރެޔަށް ރައްޔިތުންގެ މަޖިލިސް!

ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ކަންކަމާ ބެހެން ނުޖެހޭ މިންވަރަށް ބެހި، ސަރުކާރު ހިންގާން އުނދަގޫ ކުރާ ކަމަށް ބުނެ، އުފެދިފައިވާ ނުތަނަސްވަންކަން އަދިވެސް އޮތީ އެގޮތުގަ އެވެ. މަޖިލީހުން ބުނަމުންދަނީ ސަރުކާރު ހިންގުމުގެ ކަންކަމާ ނުބެހޭ ކަމަށެވެ. މަޖިލީހުގެ މެންޑޭޓު ތެރެއިން، އަދާކުރާން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަނީ ކަމަށެވެ. އެހެން ނަމަވެސް އެއާ ދެކޮޅަށް ވާހަކަދައްކާ މީހުން ބުނަނީ މަޖިލީހުން ސަރުކާރުގެ ކަންކަމާ ބެހެނީ އެކަން ކުރާން ޖެހޭ މިންވަރަށް ވުރެ މާ ބޮޑަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރު ހިންގުމަށް އުނދަގޫވެ، ސަރުކާރު ބަދުނާމުވާ ފަދަ ހާލަތަށް ކަންކަން ދާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެ އެވެ. ރައީސް ނަޝީދު މަސައްކަތް ކުރަމުން ގެންދަވަނީ މަޖިލިސް ތެރެއިން ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ކަމަށް ބުނާ ބަޔަކުވެސް އުޅެ އެވެ.

ޔާމީންގެ އަރިސް ބޭފުޅުން ޖޭޕީއަށް!

ރައީސް ޔާމީންގެ އަރިސް، އަދި އެމަނިކުފާނުގެ ވެރިކަމުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅުންތަކެއް ކުއްލި ގޮތަކަށް ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވުން ވެސް ވެގެން ދިޔައީ ސިޔާސީ މަސްރަހުން ފާހަގަކޮށްލެވޭ މުހިންމު ހަބަރަކަށެވެ. މި ކަމުގެ ސަބަބުން ވެސް ސިޔާސީ މަސްރަހު އިތުރަށް ނުތަނަވަސްވި އެވެ. ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަދި 18 ވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާއި ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަސްއަދު އަދި ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު ހިމެނިވަޑައިގަންނަވަ އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އަރިހަށް އެބޭފުޅުން ވަޑައިގަތީ ހިމާޔަތް ހޯއްދަވަން ކަމަށް އެއްބަޔަކު ބުނެއެވެ. ގާސިމް އިބްރާހީމް ސަރުކާރާ އިދިކޮޅު، ސަރުކާރަށް ފާޅުގައި ފާޑުކިޔަމުންދާ ބަޔަކު ގާތް ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ގެންދަނީ ބުނަމުންނެވެ.

ސަރުކާރުން ޝަރުއީ ދާއިރާއަށް އަތް ބާނަނީ؟

ސިޔާސީ މަސްރަހުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ކަންކަމުގެ ތެރޭގައި، ޝަރުއީ ދާއިރާގެ ކަންކަން ވެސް ހިމެނެ އެވެ. މި ސަރުކާރު އައީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ވައުދާ އެކު ކަމަށްވީ ނަމަވެސް، އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި، މިހާރު ޝަރުއީ ދާއިރާއަށް އަތް ބޭނުން ވަނީ އިންތިހާއަށް ގޮސްފަ އެވެ. ޖޭއެސްސީ އަށާއި ސުޕްރީމް ކޯޓަށް ވެސް އައްޔަންކޮށްފައި ވަނީ ސިޔާސީ މީހުން ކަމަށާއި މިނިވަން މުއައްސަސާތަކަށް ވެސް ލަމުން ގެންދަނީ ސިޔާސީ މީހުން ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވަކި ކުރުން ވެސް އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ފާހަގަކުރާ އިރު، މަނީ ލޯންޑަރިންގެ މައްސަލައިގައި ރަޔީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ވެސް ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އެމްޑީޕީގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަން!

އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި ދެ ފެކްޝަން އުފެދި އެ ދެފެކްޝަނުންވެސް ޕާޓީގެ ބާރުވެރިކަން އަދި ސަޕޯޓު އިތުރުކުރަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މިއީ އަސްލެއް ނެތް ވާހަކައެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، މި ނުތަނަވަސްކަން ބޮޑުވެ، އުދާސްތައް ބޭރަށް ފަޅައިގެންދާނެ ވަގުތެއް އަންނާނެ ކަމަށް ދިރާސާވެރީން ބުނެ އެވެ. އެއީ ކިހާ ކައިރިޔަކު ހިނގައިފާނެ ކަމެއް ކަމެއް ނޭނގެ އެވެ. މިހާތަނަށް އެކަން ހިނގައިފާނެ ކަމަށް ބެލެވުނު ބައެއް ހާލަތުތައް ވަނީ މާޒީގެ ތެރެޔަށް ގޮސްފަ އެވެ. އެއިން ކޮންމެ ހާލަތެއްގައި ވެސް ރައީސް ސޯލިހު ކަންކަން ކުރައްވާފައި ވަނީ ނުހަނު ހިކުމަތްތެރިކަމާ އެކުގަ އެވެ. އެހެން ނަމަވެސް، ހުދު އެމަނިކުފާނާ ދިމާއަށް ކަމެއް އަންނަ ދުވަހު، ހައްދަވާނީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެކެވެ. އަންނަ ރިޔާސީ އިންތިހާބުގައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާނަންތޯ ކުރެވުނު ސުވާލަކަށް، ރައީސް ނަޝީދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު އަދި އޮތީ ކުރިޔަށް ކަމަށެވެ. އަދި ކޮންމެ ގޮތެއް ވިޔަސް ކުރިޔަށް ވަޑައިގަންނަވާނީ ރައީސް ސޯލިހާއި ދެބޭފުޅުން އެއް ވިސްނުމެއްގައި ކަމަށެވެ. އެހެން ނަމަވެސް މިއީ ވުމަށް ވުރެ ނުވުން ގާތް ގޮތެއް ކަމަށް ސިޔާސީ މުފައްކިރުން ބުނެ އެވެ.

މި ފަދަ އެތައް ކަމަކަށް ބަލާ އިރު، 19 ވަނަ ރައްޔިތިންގެ މަޖިލީހުގެ ކެމްޕޭނާ ހިސާބުން ފެށިގެން ވެސް ސިޔާސީ މައިދާން މިއޮތީ އެއް ހޫނަކުން އަނދަ އަނދައޭ ބުނެވިދާނެ އެވެ. ވެރިކަން ކުރާ ކޯލިޝަނުގެ އެތެރެ އޮތީ ހިހޫކޮށޭކޭ ބުނެވޭކަށް ނެތެވެ. ރައީސް ސޯލިހު މަހަކު އެއް ފަހަރު ބާއްވަވާނެ ކަމަށް ވިދާޅުވީ ލީޑަރުންގެ ބައްދަލުވުންތައް ބޭއްވެވޭ ގޮތެއް ނުވެ އެވެ. ރައީސް ނަޝީދާއި ގާސިމް އިބްރާހީމްގެ ނުތަނަވަސްކަން ވެސް އިތުރަށް ފަޅައިގެން ދިޔަ ނުދީ ހިފަހައްޓަވަނީ ރައީސް ސޯލިހުގެ ހިކުމަތުންނެވެ. އެކަމަކު އެކަން ވެސް ދެމި އޮންނާނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ އެވެ. ޕީޕީއެމާއި ޕީއެންސީގެ ހަރަކާތްތައް މަޑުމަޑުން ފަނޑުޖެހެމުންދާ އިރު، އޭގެ ތެރެއިން މި ވަގުތު ބޭރުގައި ހުންނެވި، ކުރީގެ ހޯމް މިނިސްޓަރު، އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، އުމަރު ނަސީރު ވެސް މައިދާނުގެ ތެރެޔަށް ކޮންމެ ދިމާއަކުން ވެސް ވަދެވަޑައިގަތުމަކީ ގާތުގައި އޮތް ކަމެކެވެ. އެހެން ވެއްޖެ ނަމަ އެދިމާއަކުން ސިޔާސީ ހަރަކާތްތައް ފެށިވެސް ދާނެ އެވެ. ރައީސް ޔާމީން މިނިވަން ކުރާން އިދިކޮޅުން ކުރަމުން އަންނަ މަސައްކަތް ކޮޅެއްގައި ޖެހި އެމަނިކުފާނަށް ލުޔެއް ލިބިވަޑައިގަތުމަކީ ވެސް އޮއިވަރު ބަދަލުކުރުވާނެ ކަމެކެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، ގަބޫލު ކުރާން ޖެހޭ ހަގީގަތަކީ، ސިޔާސީ މަސްރަހު މައްޗަށް ނަގަމުންދާ ނުވަތަ ނަގާފައިވާ ވިލާގަނޑު ބޮޑު ކަމުގަ އެވެ. ނޭނގެނީ އެ އެވިލާގަނޑު ރޫޅާލައި ރޯޅި އަންނާނެ އިރެކެވެ.