އިޔާ އިން ރިވިއު 2019

2019- މަޖިލިސް 19: ބާރުވެރިކަމާއި ޑްރާމާތަކުގެ ތެރެއިން ނަތީޖާ ނެރެދިން ބޮޑު މަޖިލިސް!

އިބްރާހިމް ޒަކީ

މިއަހަރުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހާއެކު، 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އެއީ ފެބުރުއަރީ މަހުގެ 7 ގައެވެ. ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ފެނިގެން ދިޔައީ އާ މަޖިލީހާ އެކުގައެވެ.

މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވީ މި އަހަރުގެ އެޕްރީލް މަހު 6 ވަނަ ދުވަހުއެވެ. އަދި 19 މަޖިލީހުގެ ފުރަތަމަ ދައުރު (އަހަރުގެ ދެވަނަ ދައުރު)ގެ ޖަލްސާތައް ފަށްޓާފައިވަނީ މެއި 28 ވަނަ ދުވަހުގެރޭގަ އެވެ. 19 ވަނަ މަޖިލީހުގައި 87 ގޮނޑި ހިމެނޭއިރު، މިއިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރިއެވެ. އިންތިހާބުގައި ވާދަކު ކުރި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސިޔާސީ 9 ޕާޓީއަކުން ވާދަކުރި 196 މީހުންނާއި އަމިއްލަ ގޮތުން ވާދަކުރި 190 މީހުންނެވެ. މިއީ ތާރީހުގައި އެންމެގިނަ މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ފަހަރަށް ވާއިރު، ތާރީހީގޮތުން ގިނަ ކަންތައްތަކެއް މި އިންތިހާބުން ވެސް ފާހަގަ ކޮށްލެވެއެވެ.

އިންތިހާބުގައި ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދިފަހުން މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރުމެވެ. އެމްޑީޕީން ވަނީ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބު ކޮށްފައެވެ. މަޖިލީހަށް އިންތިހާބުވި 87 މެންބަރުންގެ ތެރެއިން 80 މެންބަރުން ނިސްބަތް ވަނީ ފަސް ސިޔާސީ ޕާޓީއަކަށެވެ. ދެން ތިއްބެވި 7 މެމްބަރުންނަކީ އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބުކުރެއްވި ބޭފުޅުންނެވެ.

އެންމެފަހުން ރާއްޖޭގައި ވެރިކަންކުރި ޕީޕީއެމަށް މިއިންތިހާބުގައި ލިބިފައިވަނީ ފަސް ގޮނޑިއެވެ. އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކޮންގްރެސް ޕާޓީއަށް ލިބުނީ ތިން ގޮނޑިއެވެ. ވެރިކަން ކުރާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ވެސް ލިބުނީ ފަސް ގޮނޑިއެވެ. އަދި އެމްޑީއޭއަށް ދެގޮނޑިއެވެ. 65 ގޮނޑި ކާމިޔާބުކޮށްގެން މަޖިލީހުގެ ސުޕަމެޖޯރިޓީ ނެގީ ވެރިކަންކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއެވެ. މިއީ މިހާ ބޮޑު އަގުލަބިއްޔަތެއް އެއް ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ފޯރިގަދަ އިންތިހާބަކަށްފަހު 19 ވަނަ މަޖިލީހުގެ މަސައްކަތްތައް ތަރުތީބުވެގެން ދިޔައިރު ވެސް ރާއްޖޭގެ ތާރީހުގައި ލިޔެލާން ޖެހޭ ކަންތައްތަކެއް ހިނގައިގެންދިޔައެވެ.

އާ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވީ 2019 މެއި 28 ވަނަ ދުވަހުގެރޭގައެވެ. ހަމަ އެރޭ އެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވިއެވެ.

މަޖިލީހުގެ ރައީސަކަށް ހޮވި ވަޑައިގެންނެވީ، މައްޗަންގޮޅީ މެދު ދާއިރާއިން އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުއްމަދު ނަޝީދެވެ. މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު މަޖިލީހަށް ހޮވި ވަޑައިގެން މަޖިލީހުގެ ރައީސްކަމުގެ މަގާމު ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މަޖިލީހުގެ ނާއިބު ރައީސާއަކަށް ހޮވިވަޑައިގެންނެވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ އެވެ. ރައީސް ނަޝީދުގެ ދެބެންގެ ދެދަރި ކޮއްކޯފުޅު އީވާ އަބްދުﷲ އެމަގާމަށް ހޮވުމަކީވެސް ތާރީހީ ކަމެކެވެ. އެއީ އީވާއަކީ ރާއްޖޭގެ ތާރީހުގައި އެ މަގާމު ފުރުއްވާ ދެ ވަނަ އަންހެން މެންބަރެވެ. އެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގަތީ އޮގަސްޓް 2008 އިން މޭ 2009 ގެ ނިޔަލަށް ނައިބު ރައީސާކަން ކުރެއްވި އަނީސާ އަހުމަދަށެވެ.

19 ވަނަ މަޖިލީހުގައި ފާހަގަކޮށްލެވުނު އަނެއްކަމަކީ ކޮމިޓީތަކުގެ އަދަދުވެސް ރެކޯޑް އަދަދަކަށް އިތުރު ކުރުމެވެ. އެގޮތުން ކުރިން އޮތް 18 ވަނަ މަޖިލީހުގައި 13 ދާއިމީ ކޮމިޓީ ހިމެނޭއިރު 19 ވަނަ މަޖިލީހުގައި 17 ކޮމިޓީ ހިމެނެއެވެ. އޭގެ ތެރޭގައި އެކުލަވައިލި ކޮމިޓީތައް ހިމެނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ މޫސުމާބެހޭ ކަންތައްތަކަށް ހާއްސަ ކޮމިޓީ، "އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ" ސަރުކާރު ހިއްސާވާ ކުންފުނިތައް ޒިންމާދާރު ކުރުވުމަށް އުފެއްދި، "ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ" އަދި އިންސާނީ ހައްގުތަކާއި ހަމަހަމަކަމާބެހޭ ކަންތައްތަކަށް ހާއްސަ ކޮމެޓީގެ ގޮތުގައި، "ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ" ހިމެނެއެވެ. އަދި ޖުޑިޝަރީ ގެ ކަންތައްތަކަށް ހާއްސަ ކޮށްގެން އުފެއްދި، ޖުޑިޝަރީ ކޮމިޓީ ވެސް ހިމެނެއެވެ.

މި ކޮމިޓީތަކަކީ ޖުޑިޝަރީ އިސްލާހު ކުރުމާއި، ތިމާވެށީގެ ކަންތައްތަކަށް ސަމާލުކަން ދިނުމާއި، ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަންގެ ކަންކަން ނައްތައިލުމަށް، ބައްޓަން ކޮށްފައިވާ، ސަރުކާރުގެ ސިޔާސަތުތަކަށް ބާރުދިނުމަށް އުފައްދާފައިވާ ކޮމިޓީތަކެކެވެ.

މަޖިލީހުގެ މަސައްކަތްތައް ފަށައިގެން ސްޕީޑްގައި ކުރިއަށް ދިޔައިރު، މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ވެސް ދިވެހި ތާރީހަށް ފާހަގަ ކޮށްލެވޭ ނިންމުންތަކެއް ވަނީ މަޖިލީހުން ނިންމައިފައެވެ. އޭގެ ތެރޭގައި ދިވެހި ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަން ކުރަން ނިންމި ނިންމުން ފާހަގަ ކޮށްލެވެއެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، މ. ސީނާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މ. ކޮކާހަނދުވަރުގެ، އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުންވެސް މަޖިލީހުގެ ސްޕީޑް އެނގިގެން ދިޔައެވެ.

19 ވަނަ މަޖިލީގެ ފުރަތަމަ ދައުރު މެއި 28 ވަނަ ދުވަހުން ސެޕްޓެމްބަރު ފަހެއްގެ ނިޔަލަށް ކުރިއަށް ގެންދިޔައިރު ޖަލްސާތައް ބޭއްވުމާއި ބިލުތައް ފާސް ކުރުމުގައި ރެކޯޑެއް ވަނީ ގާއިމް ކޮށްފައެވެ. އެކަން މަޖިލިސް ރައީސްގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ތިން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކޮށްފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ މަޖިލިސް ކަމުގައިވާ 17 ވަނަ ރައްޔިތުންގެ މަޖިލިހާއި، ދެވަނަ މަޖިލިސް ކަމުގައިވާ 18 ވަނަ މަޖިލީހަށް ބެއްޔަސް މިފަހަރުގެ މަޖިލީހުގެ މަސައްކަތަކީ ހަމަ ރެކޯޑެކެވެ.

ވޭތުވެދިޔަ 10 އަހަރުގެ މަޖިލީހުގެ ތާރީހަށް ބަލާއިރު އެއް ދައުރެއްގައި 18 ވަނަ މަޖިލީހުން ބާއްވާފައި ވަނީ 30 ޖަލްސާއެވެ. 17 ވަނަ މަޖިލިހުން އެންމެ ގިނަ އަދަދަކަށް ޖަލްސާ ބާއްވާފައި ވަނީ އެ މަޖިލީހުގެ ފުރަތަމަ ދައުރުގަ އެވެ. އެއީ 42 ޖަލްސާއެވެ. އެހެންކަމުން 47 ޖަލްސާ ބާއްވައިގެން ފުރަތަމަ ދައުރުގައި އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރިކޯޑު ހަދާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހަށް 161 މައްސަލައެއް ހުށަހެޅި އިރު، އޭގެތެރެއިން 70.2 ޕަސެންޓު ނިމިފައިވާ ކަމަށެވެ. މަޖިލިހުގެ ކޮމިޓީތަކުން 400 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި ކަމަށާއި ކޮމިޓީތަކަށް 500 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ދެވަނަ ދައުރު (އަހަރުގެ ފަހު ދައުރު) ނިންމައި ދެމަސް ދުވަހުގެ ޗުއްޓީއަކަށް މަޖިލިސް ދިޔައީ މިމަހު ހަތެއްގައެވެ. އޮކްޓޫބަރު ތިނަކުން ފެށިގެން ކުރިއަށްދިޔަ މި ދައުރުގައި 33 ޖަލްސާ ބާއްވައި މަޖިލީހުން މުހިއްމު ކަންތައްތަކެއް ނިންމިއެވެ.

ޗުއްޓީއަށް ދިޔައިރު މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ކަންތައްތަކަށް ބަލައިލާއިރު، 19 ވަނަ މަޖިލީހަށް 55 ބިލު ހުށަހެޅި އެވެ. އޭގެ ތެރެއިން 25 ބިލެއް ނިންމިއެވެ. މަޖިލިހަށް 26 ގަރާރެއް ހުށަހަޅައި 11 ގަރާރެއް ނިންމިއެވެ. މިނިސްޓަރުުންނާ 38 ސުވާލު ކުރަން ހުށަހެޅިއިރު 27 ސުވާލު ވަނީ ކޮށްފައެވެ.

މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތްތައް ފާހަގަ ކުރައްވަމުން މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުުހައްމަދު ނަޝީދު ވިދާޅުވީ، 128 ގަޑިއިރާއި 37 މިނެޓު މަޖިލީހުގައި މެންބަރުން މަސައްކަތުގައި ހޭދަކުރެއްވި ކަމަށެވެ. އަދި 92 ޕަސެންޓު ޖަލްސާތަކަށް މެންބަރުން ހާޒިރުވި ކަމަަށާއި 395 ކޮމެޓީ ބައްދަލުވުން ބޭއްވި ކަމަށެވެ. އަދި 444 ގަޑިއިރާއި 20 މިނެޓު ކޮމެޓީތަކުގައި މެންބަރުން ހޭދަކުރެއްވި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޕީޑް ކިތަންމެ ރަނގަޅުވެފައި، މަޖިލީހަށް ކިތަންމެ ބިލެއް ހުށަހެޅުނު ނަމަވެސް، މަޖިލީހުގެ މުހިއްމު ކަމާއި މަޖިލީހުގެ ބާރު ފެނިގެންދަނީ މަޖިލީހުން ނިންމާ ނިންމުންތަކުންނެވެ.

19 ވަނަ މަޖިލިސް ވެފައިވަނީ ބާރު ދައްކައިލި، އަދި ގައުމު ހިންގުމަށް ތާރީހީ ބަދަލެއް ގެނުވި މަޖިލީހަކަށެވެ.

މަޖިލީހުގެ މުހިއްމު ނިންމުންތަކަށް ބަލާލާއިރު، ގައުމު ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑު ބަދަލެއް ގެނައީ، މައި ސަރުކާރުގެ ބޮޑެތި ބާރުތަކެއް، ކައުންސިލްތަކަށް ދޫކޮށްލުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަށް އިސްލާހު ގެނެސްގެންނެވެ.

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް ގާނޫނުގައި ކަނޑައެޅިއެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސްގައިވާ ތަންތަން ތަރައްގީކޮށް ކުރިއެރުމަށް ކުރަން ޖެހޭ ކަންކަން އަމިއްލައަށް ކުރުމަށް، ބޮޑެތި ބާރުތަކެއް މި ބިލުން ކައުންސިލްތަކަށް ދީފައިވެއެވެ. މީގެ އިތުރުން ކައުންސިލްތައް އެތުރިފައިވާ ގޮތަށްވެސް މި ގާނޫނުން ވަނީ މުހިއްމު ބަދަލުތަކެއް ގެނެސްފައެވެ.

މިގާނޫނުން އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކޮށްފައި ވުމެވެ. މިއާއެކު ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުވެސް ފާހަގަ ކޮށްލެވެއެވެ.

19 ވަނަ މަޖިލީހުގެ މަސައްކަތްތައް ފެށިގެންދިޔައިރު، އެންމެންގެ ސަމާލުކަން ހުއްޓިފައި އޮތީ، ކޮރަޕްޝަނާއި، ގޮތް ނޭނގޭ މަރުތަކާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅުގެ ދަށުން އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބާރު ދިނުމެވެ.

ސަރުކާރުން ހުށަަހެޅި ގޮތަށް ފުލުހުންނާއި، އެންޓިކޮރަޕްޝަން ކޮމިޝަން ފަދަ ތަހުގީގީ އިދާރާތަކަށް ގާނޫނުން ލިބިދޭ ބާރުތަކާއެކު ވަރުގަދަ ބާރުތަކެއް ކޮމިޝަންތަކަށް ދޭން މަޖިލީހުން ފާސްކުރިއެވެ.

ގާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމާއި ވަކީލު ކަމުގެ ހުއްދަދީ ވަކީލުންނަށް ގޮތް ކިއުމުގެ ބާރު، ސުޕްރީމް ކޯޓުގެ ދަށުން ވަކިރުމަށް މަޖިލީހުން ފާސްކުރި، ގާނޫނީ ފަންނުގެ ބިލަކީވެސް މުހިއްމު ގާނޫނެކެވެ. ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އެޅުމުގެ ކަންކަން، ބާކައުންސިލާ މަތިކޮށް މަޖިލީހުން ގާނޫނު ފާސްކުރިއެވެ.

ބިދޭސީންނަށް ރާއްޖޭން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އުވާލަން މަޖިލިހުން ނިންމި ނިންމުމަކީވެސް މުހިއްމު ނިންމުމެކެވެ. ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު 19 ވަނަ މަޖިލީހުން ވަނީ ބާތިލުކޮށްފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރި ގާނޫނަކީވެސް މުހިއްމު ގާނޫނެކެވެ. އެއީ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ ފެށުމެވެ.

މީގެ އިތުރުން ޕެންޝަން ފަންޑުގެ ފައިސާއިން ހައްޖަށް ދެވޭނެ ގޮތް ހެދުމަށް، ޕެންޝަނާބެހޭ ގާނޫނަށް ގެނައި އިސްލާހާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ އިތުރުން ކޮރަޕްޝަން ފަޅާ އަރުވާލާ ފަރާތްތަކަށް ހިމާޔަތް ދިނުމަށް، ފާސްކުރި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަކީވެސް މުހިއްމު ގާނޫނެކެވެ. އަދި ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އޮފްޝޯ ޕްލެޓްފޯމް (ކަންނެލި ޖަގަހަ) ތަކާއި، ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީތައް ގާއިމް ކުރާ ގޮތަށް މަޖިލީހުން ފާސްކުރި، މަސްވެރިކަމުގެ ގާނޫނަކީ މަސްވެރިކަމަށް ބޮޑެތި އިންގިލާބުތަކެއް ގެނައުމަށް އަމާޒު ކޮށްފައިވާ ބިލެކެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކުން ކޮށްފައިވާ މަަސައްކަތް ތަކަކީވެސް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެވެ.

ކޮމިޓީތަކުގެ ބައެއް މަސައްކަތްތަކަށް ބަލާލާއިރު، މަރު ކޮމިޝަނުން ނެރުނު ރިލްވާން އާއި ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ކުރިއަށް ގެންދިޔަ މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ.

އެކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތަކާއި ދެން ކަންތައް ކުރިއަށް ގެންދަންވީގޮތް ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސްފައެވެ.

ހަމައެއާއެކު މުއައްސަސާތައް ޒިންމާދާރުކޮށް، މުއައްސަސާތަކަށް އިތުބާރު ހިފޭ ބޭފުޅުން އައްޔަން ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަ ކޮށްލެވެއެވެ. މިސާލެއްގެ ގޮތުން ބްރޯޑްކާސްޓިިން ކޮމިޝަންގެ ކުރީގެ ރައީސާއި، ބައެއް މެންބަރުންގެ އިތުރުން އޭސީސީގެ ކުރީގެ ރައީސް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކޮށްގެން މަގާމުން ވަކިކުރަން އެ ކޮމިޓީން ކުރި މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ އަކީ އެންމެ ވަރުގަދައަށް މަސައްކަތްކުރި އެއް ކޮމިޓީއެވެ. އެ ކޮމިޓީން ވަނީ ސަރުކާރުގެ ކުންފުނިތައް ހާޒިރުކޮށް މައްސަލަތައް ބަލައި، ޒިންމާދާރު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅައިފައެވެ.

ކުންފުނިތައް ކޮމިޓީއަށް ހާޒިކޮށް ކުރި މަސައްކަތްތަކުގެ ތެރެއިން، ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން ދީބާޖާއަށް ބަދަލުދިނުން ފަދަ މައްސަލަތައް ރިވިއުކުރަން ޖެހި، ތިލަފުށީ ފަޅުގައި އޮތް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާ ގުޅުން އޮތް މައްސަލަ އާއި މޯލްޑިވް ގޭހާއި އސްޓީއޯ އާއި މިފްކޯފަދަ ކުންފުނިތަކުން ފެންމަތިވެގެން އައި މައްސަލަތައް ފާހަގަ ކޮށްލެވެއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަކީވެސް މުހިއްމު މައްސަލަތަކެއް ފެންމަތިކޮށް އެ މައްސަލަތައް ބަލައި، އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަންކަން ގެނެސް ޒިންމާދާރު ކުރުވުމުގެ މުހިއްމު މަަސައްކަތްތަކެއް ކޮށްފައިވާ ކޮމެޓީއެވެ. އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް ގެނައި ބަދަލާއި، އަލަށް އުފެއްދި ކުޑަކުދިންގެ އަދުލުގެ ގާނޫނުން ފަހިކޮށްދިން ކަންތައްތައް ފާހަގަ ކޮށްލެވެއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް ވަނީ މުހިއްމު ކަންތައްތަކެއް ކޮށްފައެވެ. ހާއްސަކޮށް ޝަރުއީ ނިޒާމް އިސްލާހު ކުރަން އެ ކޮމިޓީން ކުރި މަަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިންވެސް ކޯޓުތަކުގައި ލަސްވާ މައްސަލަތަކާއި، ވާނުވާގައި ޖަލުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރި މަަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ.

ކޯޓުތަކުގައި ހުރި މައްސަލަތައް ލަސްވާ މައްސަލަ ބެލުމުގެ ސިލްސިލާގެ ދަށުން ޖުޑިޝަރީ ކޮމިޓީން ފުރަތަމަ ބެލީ ކްރިމިނަލް ކޯޓުގައި ހުރި މައްސަަލަތަކެވެ. އެ މައްސަލަތައް ބެލުމަށްފަހު، އެކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވައިލަން ކޮމިޓީން ހުށަހަޅައިގެން ޖޭއެސްސީއަށް ލަފާ ދޭން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުންވެސް ރައްޔިތުންނަށް އެންމެ މުހިއްމު ކަންތައްތައް ކަމުގައިވާ ބޯހިޔާވައިކަމާއި ސިއްހަތާއި ތައުލީމާ ގުޅުންހުރި ގަރާރުތަކުގެ ރިޕޯޓުތައް ވަނީ ކޮމިޓީތަކުން މަޖިލީހުގެ ތަޅުމަށް ގެންގޮސްް ފާސް ކޮށްފައެވެ. އެ ގަރާރުތަކަށް އަމާޒު ކޮށްގެން މަޖިލީހުން ކުރިއަށް އޮތް ތަނުގައި މުހިއްމު ކަންތައްތަކެއް ފާސް ކުރާނެއެވެ.

ޔަގީނުންވެސް މި އަހަރު މަޖިލީހުން ކޮށްފައިވާ މަސައްކަތް ތަަކަކީ ސްޕީޑްގައި ރެކޯޑްތައް ގާއިމް ކޮށް މަޖިލީހުގެ ބާރު ދައްކައިލި މަސައްކަތްތަކެކެވެ. އާނއެކެވެ. ބޮޑު މަޖިލީހުން ކުރި މަސައްކަތްތަކުގެ ސައިޒުވެސް ފިސާރި ބޮޑެވެ. އޭގެން ނެރުނު ނަތީޖާ ވެސް ބޮޑެވެ. މީގެ އިތުރުން މަޖިލިސް 19 ފާހަގަވެގެން ގޮސްފައި ވަނީ މުނިފޫހި ފިލުވައިލަން ވެސް ކަމުދާ މަޖިލީހަކަށެވެ. ބައެއް މީހުންގެ ބަހުރުވައިން ނަމަ މަޖިލިސް ތަޅުމުން "ކަސޯޓީ" ފެންނަ ދުވަސްތައް ވެސް މަދެން ނޫނެވެ. މުނިފޫހި ފިލުވައިލަން ވެސް އެވާހަކަތައް ކަމުދެ އެވެ.