ކޮލަމް

ކެޔޮނިރު ކޮލަމް: އިންކަމް ޓެކްސް އާއި މާލޭގެ ބޮޑުވަމުންދާ ކުލި، އަދި ރައްޔިތުންގެ ހާދިމުން!

މުހައްމަދު ބުޝްރީ

މާލޭގައި ކުއްޔަށް އުޅޭ މީހަކު މި ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެކެވެ. ޑިސެމްބަރު މަހުގެ ކުލި ދައްކަން ދިޔައީމަ ގޭގެ ވެރިމީހާ ބުނީ ޖެނުއަރީ މަހުން ފެށިގެން ކޮންމެ އެޕާޓްމެންޓަކުން 2500 ކުލި ބޮޑުވާނެކަމަށެވެ. އިމާރާތުގައި 10 އެޕާޓްމެންޓް ހުރެއެވެ. ކޮންމެ އެޕާޓްމެންޓަކުން 2500 ރުފިޔާގެ ކުލި ބޮޑުވުމުން ގޭގެ ވެރިމީހާއަށް މަހަކު އިތުރަށް 25 ހާސް ރުފިޔާ ލިބޭނެއެވެ. އެކަމަކު މިހާރު އޮތް މިންގަނޑުން އިންކަމް ޓެކްސްގެ ގޮތުގައި އެއްކަލަ ގޭގެ ވެރިމީހާ ދައްކަން ޖެހޭނީ ގިނަވެގެން 2500 ވަރަކަށް ރުފިޔާއެވެ. ކޮންފަދަ ބޮޑު ފޭރުމެއްތޯއެވެ!

މާލޭގެ ތަންތަން ކުއްޔަށް ދީގެން ރާއްޖެތެރޭ މީހުންއަތުން "ފޭރޭ" މީހުން ތިބެނީ ކުލި ބޮޑުކޮށްލާނެ އުޒުރެއް ނުލިބިފައެވެ. ގޭގެ ވެރިމީހާ ބަލިވެގެން ބޭހަކަށް ބޭރަށް ދާން ޖެހުނަސް ކުލި ބޮޑުކޮށްލައެވެ. ވެރިމީހާގެ ދަރިފުޅު ހިތާނުކޮށްލަން ޖެހުނަސް ކުލި ބޮޑުކޮށްލައެވެ. ވެރިމީހާގެ ދަރިފުޅު އޭލެވެލް ނިމި ކިޔަވަން މެލޭޝިޔާއަށް ދާންވީމަވެސް ކުލި ބޮޑުކޮށްލައެވެ. ކޮންފަދަ ބޮޑު ފޭރުމެއްތޯއެވެ!

އިންކަމް ޓެކްސް ނަގަން ފެށުމުން ގެތަކުގެ ކުލި ބޮޑުވެ، ފިހާރަތަކުގެ ކުލި ބޮޑުވެ، ވިޔަފާރިވެރިން ވިއްކާ މުދާ އަގުބޮޑުވެ، ހިދުމަތްތަކުގެ އަގު ބޮޑުވުމުން ހުރިހާ ތަކުލީފެއް ނިކަމެތި، އާދައިގެ ރައްޔިތު މީހާއަށެވެ. މުއްސަނދި މީހާއަށް މިޓެކްސް ނެގުމުން މިވީ ފައިދާއެވެ. ޖީ.އެސް.ޓީ ގެ ނަމުގައި ޓެކުހެއް ނަގަން ފެށުމުންވެސް ވީ ހަމަ މިފަދައިންނެވެ. އާހިރުގައި ހުރިހާ ބުރައެއް ނިކަމެތިންނަށެވެ. ވިޔަފާރިވެރިން އަތުންދާ ހަރަދުގެ ދެގުނަ އެމީހުން މުދަލުގެ އަގުން ޖައްސާލައެވެ. މުދަލުގެ އަގު ބޮޑުވުމުން މަހުޖަނުންނަކަށް މާބޮޑު އަސަރެއް ނުކުރެއެވެ. ޓެކްސްގެ ހުރިހާ ހިތިކަމެއް ރައްޔިތުންނަށެވެ.

ދެން އޮތީ ޓެކްސްގެ ފައިސާއިން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭ ވާހަކައެވެ. ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކޮށް، ތައުލީމުގެ ފެންވަރު މަތި ކުރުންފަދަ ހިދުމަތްތަކެވެ. ނަމަވެސް ފެންނަ މަންޒަރަކީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް، ސްކޫލެއް އަޅަން ވިޔަސް، ހޮސްޕިޓަލެއް އަޅަން ވިޔަސް ރައްޔިތުން ނަމުގައި ލޯނުނަގާ ތަނެވެ. އެއްކަލަ ޓެކުހަށް ލިބޭ ފައިސާ ކޮޅުގެ ބޮޑުބައި ހަރަދު ވަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ މާސިންގާ މުސާރަތަކަށާއި، ކުރީ ސަރުކާރުން ހޭވިހަޑީގެ ބަދަލު، އެކި ކުންފުނިތަކަށް، މިލިއަނުން ބެހުމަށެވެ. ސަންޓްރެވެލް ޝިޔާމް މަޖުލިސް ތަޅުމުގައި ވިދާޅުވީ ހަމަ ރަނގަޅަށެވެ. މީ ކީއްކުރަން ނަގާ އިންކަމް ޓެކުހެއްކަން އެނގެން އެބަޖެހެއެވެ. އެފައިސާ ހަރަދު ކުރާ ގޮތް، ދެފުށް ފެންނަ ގޮތަށް، ހާމަ ކުރެވެން އެބަޖެހެއެވެ. އަދި ޓެކުހުގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް ސުމާރެއް ނެތި ތަންތަނުގެ ކުލި ބޮޑު ނުކުރެވޭ ގޮތަށް ގަވައިދާއި އިންތަކެއް ކަނޑައަޅަން އެބަޖެހެއެވެ. މިފަދަ އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް އިންކަމް ޓެކްސް ނަގަން ފެށުމުން ހުރިހާ ތަކުލީފަކާއި ދެރައެއް އަދި ދަތިކަމެއް ކުރިމަތި މިވަނީ އާދައިގެ، ނިކަމެތި ރައްޔިތުންނަށެވެ.

މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި ދާދިފަހުން އުފެއްދި ޖަމިއްޔާއަކުން ކުލި ކޮންޓްރޯލް ކުރެވޭނެ ގާނޫނެއް ވުޖޫދުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި އާއްމުން ލައްވައި ސޮއި ކުރުވަމުން އެބަދެއެވެ. އެޖަމިއްޔާގެ ބަޔާނުގައިވާ ގޮތުން މާލޭގެ އާބާދީގެ 63 ޕަސެންޓް މީހުންނަކީ ކުއްޔަށް އުޅޭ މީހުނެވެ. މި ޕެޓިޝަން ރައްޔިތުންގެ މަޖުލިހަށް ހުށަހެޅުމަށް މާލޭ ޓެނަންޓްސް ޔޫނިއަން އިން ތައްޔާރުވަމުން ދިޔައަސް އޭގެ އާހިރު ނަތީޖާ ރައްޔިތުންނާ އެއްކޮޅަށް ނިކުތުމަކީ މާޒީއަށް ބަލާއިރު ނާދިރު ކަމެކެވެ. މަޖުލިސް ގިނަ މެންބަރުންނަކީ ވެސް ކޮންމެވެސް ލޭންޑް ލޯޑެކެވެ. ނުވަތަ ކޮންމެވެސް ލޭންޑް ލޯޑަކަށް ހެޔޮކަމެއް ކޮށްދޭން ޖެހިފައިވާ މީހެކެވެ.

މިފަދަ އެހެން ވާހަކައެެކެވެ. ޓޫރިޒަމް މިނިސްޓަރު ދާދިފަހުން ވިދާޅުވީ ސާރވިސް ޗާޖް ވެސް ބަރާބަރަށް، ރަނގަޅު އަދަދަށް ދެވޭ ކަމަށެވެ. ނަމަވެސް ސާރވިސް ޗާޖް ކުޑަވެގެން، ނުވަތަ ނުލިބިގެން އުޅޭ ރިސޯރޓް މުވައްޒަފުން ބައިވަރެވެ. މަދު ރިސޯރޓަކުން އެއްހާސް ޑޮލަރުގެ ސާރވިސް ޗާޖް ދޭއިރު އެއްބައި ރިސޯރޓް ތަކުން އެކައްޗެއްވެސް ނުދެއެވެ. އަދި އަނެއް ތާކުން ދެނީ އެންމެ ވިއްސަކަށް ޑޮލަރެވެ. އާދައިގެ ރައްޔިތު މީހާގެ ކޮޅަށް މަޖުލިސް މެންބަރުންނާއި މިނިސްޓަރުން އަރަން އެބަޖެހެއެވެ. މަހުޖަނުން ދިފާއު ކުރުމުގެ ބަދަލުގައި ގިނަ ރައްޔިތުންގެ ދިފާއުގައި ހައްގު ބަސް ބުނަން ކެރެން އެބަޖެހެއެވެ. މި ގައުމުގެ ހަގީގީ ވެރީންނަކީ ދިވެހި ރައްޔިތުން ކަމަށާއި، ވެރިކަމުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށް ސިޔާސީ މީހުން ބުންޏަސް އެކަން އެމީހުން ގަބޫލު ކުރާ ކަމަކަށް ނުބެލެވެއެވެ.

ޓެކްސްގެ ނިޒާމްގެ ފައިދާ އާއްމު ރައްޔިތުންނަށް ފުރިހަމައަށް ލިބި، ޓެކްސް ނަގަނީއޭ ކިޔައިގެން ނުހައްގުން ކުލި ބޮޑު ކުރުންފަދަ ކަނަތައްތައް ނުކުރެވޭނެ ގޮތަށް ކުލީގެ ގާނޫނެއް ހަދައި ބައްޓަން ކުރަން އެބަ ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވާ ނުކުތާވެސް ހަމަ އެހާ މުހިއްމެވެ. މާލޭގެ ކުލީގެ މައްސަލަަ ހައްލުކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައި އޮތް އޮތުން ބަދަލު ކުރުމެވެ. ސިއްހީ ހިދުމަތްތަކާއި، ތައުލީމީ ހިދުމަތަތައް ރާއްޖެތެރޭގައި ރަނގަޅުކޮށް، ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ރަނގަޅުކޮށް، ބޯހިޔާވަހިކަން ގާއިމްކޮށް ރާއްޖެތެރޭ އަތޮޅުތަކުގައި ވަޒީފާތައް އުފެއްދުމުން އެސަރަހައްދުތަކަށް މީހުން އެނބުރި ދިއުމުން މުޅި ރާއްޖެ އެކުގައި ތަރައްގީވެ، މާލެއަށް ހަމަޖެހުމުގެ ނޭވާއެއް ލެވި، ކުލިތައް ކުޑަވެ، މުދަލާއި ހިދުމަތްތަކުގެ އަގު ކުޑަވެ އިންފްލޭޝަންވެސް ދަށް ވާނެއެވެ. އަލަށް އެކުލަވައިލެވުނު ލާމަރިކަޒީ ގާނޫނުގެ ދަށުން މިފަދަ ބަދަލުތައް ފެނިގެން ދިއުން އެކަށީގެން ވެއެވެ. މާލޭ ސަރަހައްދުގައި ހެސް ކިޔާފައި އަދިވެސް ބުރިޖު އެޅުމަކީ މި ލާމަރުކަޒީ ފަލްސަފާއާ ބީރައްޓެހި ކަމެއްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މާލޭގެ ގެދޮރާއި ތަންތަނުގެ ކުލީގެ ގާނޫނެއް ހެދި، މާލޭގެ އާބާދީގެ 63 ޕަސެންޓް މީީހުނަށް މިކަމުގައި ލުޔެއް ލިބެން އެބަ ޖެހެއެވެ. އިންކަމް ޓެކްސްގެ ފައިސާ ޒިއްމާދާރު ކޮށް ހަރަދު ކުރެވެން އެބަ ޖެހެއެވެ. އިންކަމް ޓެކްސް ނެގުމަކީ އުޒުރަކަށް ހަދާފައި ކުއްޔާއި މުދަލުގެ އަގު ބޮޑު ނުވާނެ ގޮތެއް ރައްޔިތުންނަށް ހޯދައިދޭން އެބަޖެހެއެވެ.