އިޔާ އިން ރިވިއު 2019

ޓެކްނޮލޮޖީގެ ދުނިޔެއިން 2019 ގައި އެންމެ ފާހަގަކޮށްލެވޭ ކަންކަން

އާދަމް ނަސީރު

އަތަށްނޭރި ފަށްޖެހޭ ފޯނު

2019 ވަނަ އަހަރު އެންމެ ފާހަގަ ކޮށްލެވޭ ފޯނަކީ ފަށްޖެހޭ ފޯނެވެ. އެހެން ނަމަވެސް ތައާރަފު ކޮށް މީހުންނަށް އެތަކެއް ދަޅައެއް ދެއްކުމަށްފަހުން އެފޯނުގެ ތަފާތު މައްސަލަ ތަކާއި ހެދި އާންމުންގެ އަތަށް އަރާވަރެއް ނުވިއެވެ. ފަށްޖަހާލެވޭ (ލެއްޕޭ) ފޯނު އުފެއްދުމުގެ ރޭހުގައި އެޕަލް ނޫން ހުރިހާ ބޮޑެތި ކުންފުނިތަކުން ދިޔައީ ކުރި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ސަމްސަން ފޯނު ބައެއް މީހުންނަށް ލިބުމާއި އެކު ޑިސްޕުލޭގެ މައްސަލަތައް އޮއްސާލިއެވެ. އެއާއި އެކު އެ ފޯނު ލިބުނު މީހުން އަތުން ފޯނު އަތުލުމަށް ފަހު ވީނުވީ އެއް ނޭނގި އެކި އެކި ބަހަނާ ތަކާއި އެކު ފޯނު ނެރުން ވަނީ ލަސްވެފައެވެ. ވާވޭ އަކީ ވެސް މި އަހަރު ފަތްޖެހޭ ފޯނެއް ނެރެން ފޯރި ދެއްކި ދެވަނަ ފަރާތެވެ. މޮޓޮރޯލާގެ ކުރީގެ ފޯނެއް (ރޭޒަރ)ގެ ސިފައިގައި ޑިސްޕުލޭ ފަތްޖެހޭ ފޯނެއް ދައްކައިގެން އުޅުމަށް ފަހު މާޑިމާންޑް ބޮޑު ކަމަށްބުނެ ފޯނު ނެރުން ވަނީ ލަސްކޮށްފައެވެ.

5 ޖީ ރާއްޖެއަށް އުފަންވި އަހަރު

ރާއްޖެއަށްވެސް 5ޖީ ވަނީ ކޮންމެވެސް ސިފައެއްގައި ތައާރަފު ވެފައެވެ. ދިރާގުން އެ ހިދުމަތް މާލެ އޭރިޔާގައި ދެމުން އަންނަ އިރު އާބާދީ އެންމެ ބޮޑު ސައުތު އޭޝިޔާގެ އެންމެ ފުރަތަމަ 5ޖީގެ ރަހަ ކިރިޔާވެސް ލާނީ މި ކުޑަ ކުޑަ އާބާދީ އޮތް ދިވެހި ރާއްޖެއިންނެވެ. 5 ޖީ މަދު ބަޔަކު ބޭނުން ކުރާ އެންމެ ބޮޑު ސަބަބަކީ 5ޖީ ސަޕޯޓްކުރާ ގިނަ ފޯނު ތަކެއް ބާޒާރުގައި އަދި ނެތުމެވެ. ލިބެން ހުރި ފޯނުތައްވެސް އެހާ އަގުބޮޑުވެ. 2020 ވަނަ އަހަރު ވެގެން ދާނީ 5ޖީގެ އަހަރެއް ކަމަށް ބަލަމާ ހިނގާށެވެ.

އައިފޯން 11 އަދި ނޯޓު 10 ވެސް

އައިފޯން 11 އަދި ނޯޓު 10 ވެސް ނެރުނީ 2019 އަހަރުއެވެ. މޯބައިލް އުފައްދާ އެންމެ ބޮޑު ދެ ކުންފުނީގެ މޮޅެތި ފޯނުތައް ބާޒާރަށް ނެރުނު ނަމަވެސް ޗައިނާގެ ވާވޭ ކުންފުނިން ދުނިޔޭގެ މޯބައިލް ވިޔަފާރީގެ ރަސްކަމަށް އަރާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. ބެޓެރީ ބާރުގަދަ މޯބައިލް ފޯނު އުފެއްދުމަށް މަސްހޫރު ވާވޭ ކުންފުނިން 2019 ވަނަ އަހަރު 5 ޖީގެ ފޯނުތައް ނެރެންފެށުމާއި އެކު އެޕަލް އައިފޯނުގެ ވިޔަފާރިއަށް ބިރުހީވެފައިވާ އިރު އެމެރިކާ ސަރުކާރުން ވާވޭއަށް ވަނީ އެތަކެއް ދަތި ކުރުން ތަކާއި ކުރިމަތި ލާންޖެހިފައެވެ.

10 ގުނަ ހަލުއި އިންޓަނެޓް 5ޖީ

އަސްލު 5ޖީ އަކީ 10 ޖީބީ ސިކުންތެއްގެ ތެރޭގައި ފޮނުވާލެވޭ އިންޓަނެޓް ދުވެލި ގެނެސްދޭ ނެޓްވޯކެކެވެ. ބޭނުން ކުރާ އިރު އެ އަދަދު ނުލިބުމަކީ އަދި އެހެން ކަމެކެވެ. ރާއްޖޭގެ އިންޓަނެޓް ލަސްވުމާއި އަގު ބޮޑު ވުމަކީ މި ރާއްޖޭގެ ގިނަ ބައެއްގެ ބޮޑު ޝަކުވާ އެކެވެ. 2019 ވަނަ އަހަރުވެސް ނިމިގެން މިދަނީ އެ ޝަކުވާ ތަކަށް ހައްލެއް ނުލިބިއެވެ. ދުނިޔޭގެ އިންޓަނެޓްގެ ސުޕީޑަށް އެންމެ ބޮޑު އިންގިލާބެއް ގެނައީ 5ޖީ ނެޓްވޯކްތައް އާންމު ވުމުންނެވެ. 2019 ވަނަ އަހަރަކީ 5ޖީ ރާއްޖެއަށް ތައާރަފުވި އަހަރު ނަމަވެސް ރާއްޖޭގެ އޮޕަރޭޓަރުން 5 ޖީ ގެ ހިދުމަތް ފުޅާކޮށް އާންމު ރައްޔިތުންނަށް ހަލުވި އިންޓަނެޓް ފޯރު ކޮށްދޭނެ ކަމަށް ލަފާ ކުރެވެނީ 2020ގަ އެވެ. 5ޖީ އިންޓަނެޓްގެ ސުޕީޑަކީ އިންގިލާބީ ބަދަލު ތަކެއް ޓެކްނޮލޮޖީގެ ދުނިޔެއަށް ގެނުވާނެ ނެޓްވޯކެކެވެ.

ސޯޝަލް މީޑިއާގައި ޓިކްޓޮކް ވައިގަ ހިފި އަހަރެއް

ރާއްޖޭގެ ގިނަ ޒުވާނުން ތަކެއްގެ އެކްޓު ކުރުމުގެ ހުނަރު ދައްކައިދިން ސޯޝަލް މީޑިއާ ނެޓްވޯކަކީ 2019 ވަނަ އަހަރު އެންމެ ހިނގި ސޯޝަލް މީޑިއާއެވެ. ކުރިން މުސިކަލީގެ ނަމުގައި ފެނުނު އެޕްލިކޭޝަން ޓިކްޓޮކަށް ބަދަލުވެ 1 ބިލިއަން މީހުން މި ޕުލެޓްފޯމުގެ ޖާދޫގައި ވަނީ ޖައްސާފައެވެ. ދިވެހިންނަކީ ވެސް މި އެޕްލިކޭޝަންގެ އަވާގައި ޖެހި ފިސާރި ކެރިގެން ނެށުމާއި އެކި އެކި ހުނަރުތައް ދައްކަމުން އަންނަ ބައެކެވެ. އޮންލައިން ދުނިޔޭގެ ރަސްކަން ކުރަމުން އަންނަ ފޭސްބުކުގެ ފަހަތުގައި އެންމެ ގަދަޔަށް ފައި ހިއްޕާފަވަނީ ޓިކްޓޮކް ކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ. ގިނަ މީހުން މި އެޕެލިކޭޝަންގެ ބޭނުން ކުރަނީ މުނިފޫހި ފިލުވުމަށެވެ. އެކި މީހުން ހަދާފައި ހުންނަ ވީޑިއޯތައް ބެލުމަށެވެ. ލަވަތަކާއި ވީޑިއޯތައް ކުޅެ އެޕްލިކޭޝަން މެދުވެރިކޮށް ދުނިޔޭގެ 4 ބައްރަށް އެ ވީޑިއޯތައް އާންމު ކޮށްލަން ކެރޭ މީހުންގެ އަދަދު އެތައް ގުނައެއް ބޮޑުވެފައިވަނީ ވެސް ޓިކްޓޮކްގެ ސަބަބުންނެވެ.

ބޮއިން 737 ގެ އޮޓޯ ޕައިލެޓް ފެއިލްވުން

2019 ވަނަ އަހަރަކީ އިންގިލާބީ ގިނަ ޓެކްނޮލޮޖީގެ އުފެއްދުންތަކެއް ފެނިގެން ދިޔަ އަހަރެކެވެ. އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އެތައް ސަތޭކަ އައު އުފެއްދުން ފޯނު ތަކާއި ކޮމްޕިއުޓަރު ތަކަށް އަދި ގޭގޭގެ ސިޓިން ރޫމް ތަކާއި ހަމައަށްވަނީ ގެނެސްދީފައެވެ. ހަމަ އެއާއި އެކު 2019 ވަނަ އަހަރަކީ ޓެކްނޮލޮޖީގެ ބޮޑެތި ފެއިލްވުން ތަކެއްވެސް ފެނިގެން ދިޔަ އަހަރެކެވެ. ބޮއިން މަރުކާގެ 2 ފުލައިޓްގެ އޮޓޯ ޕައިލެޓް ޓެކްނޮލޮޖީ ފެއިލްވެ އެ ދުއްވަން ތިބި ޕައިލެޓުންނަށް ބޯޓު ކޮންޓުރޯލް ނުކުރެވި 2 ފުލައިޓުވެއްޓި އެތައް ބަޔަކު މަރުވެގެން ދިއުމަކީ 2019 ގެ އެންމެ ބޮޑު ޓެކްނޮލޮޖީ ފެއިލްވުން ކަމުގައި ގިނަ ބަޔަކު އެއްބަސް ވެއެވެ. އެ ހާދިސާގެ ތަހުގީގުތައް އަދިވެސް ދަނީ ކުރެވެމުންނެވެ.