ވަން އޮންލައިން

2019ގައި "ވަން"

މިންހާ ފާއިޒް ރަޝާދު

1

މިއީ ވަން މީޑިއާ ގްރޫޕުގެ ފުރަތަމަ އަހަރެވެ. ދެ ޖާނަލިސްޓުންނާއެކު ފެށި މި ދަތުރަށް އެއް އަހަރު ފުރުނު އިރު ވަން އިން ވަނީ ބޮޑެތި ކާމިޔާބުތަކެއް ހާސިލު ކޮށްފައެވެ.

ރަސްމީ އޮފީހަކަށް މަސައްކަތްތައް ބަދަލުކޮށް މަސައްކަތް ކުރާން ފަސޭހަ ނިއުސް ރޫމް މާހައުލެއް ގާއިމުކޮށް މި ފާއިތުވި އަހަރުތެރޭގައި ވަން އިން ވަނީ ކިޔުންތެރިންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއް ތަނަކުން އެންމެ އަވަހަަށް ގެނެސްދެވޭތޯ މަސައްކަތް ކޮށްފައެވެ. ވީހާވެސް އަވަހަށް ހަބަރު ގެނެސްދިނުމަކީ ވަންގެ އަމާޒު ކަމަށް ވީނަމަވެސް، ހަބަރުގެ ތެދުކަން ކަށަވަރުކޮށް ކިޔުންތެެރީންގެ ފުރިހަމަ އިތުބާރު ދަމަހައްޓަން މަސައްކަތް ކޮށްފައި ވާނެ އެވެ. ކޮލިޓީ ގުރުބާންކޮށްފައެއް ނުވާނެ އެވެ.

2018 ވަނަ އަހަރުގެ ސެޕްޓަމްބަރު 20ގައި ވަން ފެށީ ހަމައެކަނި ދިވެހި ބަހުން ނެރޭ އޮންލައިން ނޫހެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިއަހަރުގެ ޖެނުއަރީ 16ގައި ވަންގެ އިންޓަނޭޝަނަލް އެޑިޝަން ތައާރަފުކޮށް ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި އެ އެޑިޝަން ހަރަކާތްތެރިވާން ފެށިއެވެ. ވަންގެ ކުޑައިގެ ދަށަށް މިއަހަރު އޮގަސްޓުގައި އިތުރުވެގެން ދިޔައީ އަންހެނުންނަށް ހާއްސަކޮށްގެން ނެރެން ފެށި "ހިޔަލަ" މަޖައްލާ އެވެ. މި ތިން ޕްރޮޑަކްޓާ އެކު "ވަން މީޑިއާ ގުރޫޕް" ވެސް ވަނީ މިއަހަރުގެ ތެރޭ ރަޖިސްޓްރީކޮށްފަ އެވެ.

ކިޔުންތެރިންގެ މެދުގައި މަގުބޫލު މީޑިއާއަކަށް ވަން ހެދުމަށް މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އޭގެ އެންމެ ބޮޑު ވަސީލަތަކަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުން ކުރެވުނެވެ. ވަންގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ވީހާވެސް އަވަހަކަށް ވީހާވެސް ގާތުން ހަބަރުތައް ފޯރުކޮށްދެވުނެވެ. މި މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށް މިދިޔަ މަހު ތައާރަފު ކުރި ވަންގެ ވައިބާ ކޮމިއުނިޓީ ގްރޫޕު އިތުރު އެހީއަކަށް ވެގެންދިޔައެވެ. މި ގްރޫޕް މެދުވެރިކޮށް ވެސް ވަގުތުން ވަގުތަށް ވަންގެ ހަބަރުތައް ކިޔުންތެރިންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

ވަންގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދިނީ ހީވާގި މުވައްޒަފުންނެވެ. މިވަގުތު ވަންގެ އެކި ޑިޕާޓްމަންޓުތަކުގައި ފުލްޓައިމްކޮށް 14 މުވައްޒަފުން މަސައްކަތްކުރަމުން ގެންދެ އެވެ. ރެޔާއި ދުވާލު، ބަންދު ދުވަހަކަށް ބެލުމެއް ނެތި، މުވައްޒަފުންގެ އަމިއްލަ އެއްޗެއް ގޮތުގައި ވަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކޮށްދިން އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަމެވެ. އެއީ ވަން ގެ އެންމެ ބޮޑު ރައުސްމާލެވެ.

މިއަހަރު ތެރޭގައި ވަންގެ މުވައްޒަފުންގެ އެއްބައިވަންތަކަމާއި ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ ގިނަ ކަންތައްތަކެއް ކުރެވިފައެވެ. އޭގެ ތެރޭގައި ރޯދަމަހާ ދިމާކޮށް ބޭއްވި މާހެފުމާއި، މުވައްޒަފުންގެ ރޯދަ ވީއްލުން ހިމެނެ އެވެ. ވަން އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވައި، މުވައްޒަފުންގެ އަގު ވަޒަން ކޮށްފައި ވާނެ އެވެ. މުވައްޒަފުންނާއި މެނޭޖްމެންޓުގެ ގުޅުން ބަދަހި ކުރުމަށް މެނޭޖްމެންޓުން އިންތިޒާމްކޮށްގެން ކުރި ދަތުރަކީ ވެސް އޭގެން ރަނގަޅު މޯޓިވޭޝަނެއް މުވައްޒަފުންނަށް ލިބިގެން ދިޔަ ދަތުރެކެވެ.

މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ލިޔުންތެރިންވެސް އަންނަނީ އެބޭފުޅުންގެ ލިޔުންތަކާއި ކޮލަމްތައް ވަންގައި ޝާއިއުކުރައްވަމުންނެވެ. އެގޮތުން އަބްދުﷲ ފާރޫގް ހަސަން ކޮންމެ ހަފުތާއަކު ގެނެސްދެއްވާ ކޮލަމާއި ދީނީ ވާހަކައަކީ ކިޔުންތެރިންގެ މެދުގައި މަގުބޫލު ލިޔުންތަކެކެވެ. މީގެ އިތުރުން މުހައްމަދު ބުޝްރީގެ "ކެޔޮނިރު" ކޮލަމް އަކީވެސް މިދިޔަ އަަހަރު ތެރޭގައި ވަންގައި ޝާއިއު ކުރަން ފެށި ކޮލަމެކެވެ. ޓެކްނޮލޮޖީގެ ދާއިރާއިން މަގުބޫލު ލިޔުންތެރިޔާ އާދަމް ނަސީރުގެ "ސިންގަލް ކްލިކް" ވެސް ވަނީ މިދިޔަ މަހު ވަންގައި ޝާއިއު ކުރަން ފަށާފައެވެ.

މިއަަހަރު ވަންއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބުގެ ގޮތުގައި ވަންގެ އެޑިޓަރާއި ޑެޕިއުޓީ އެޑިޓަރަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑު ލިބުން ފާހަގަ ކުރެވެއެވެ.

އެގޮތުން ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ ނޫސްވެރިކަމުގެ އަލިމަސް ގަލަން ވަންގެ އެޑިޓަރު އަދި ސީއީއޯ ސިނާން އަލީ އަށް ލިބިފައިވާއިރު ޑެޕިއުޓީ އެޑިޓަރު އިބްރާހިމް ޒަކީ (ޒަކީބެ) އަށް ވަނީ ރަން ގަލަން ލިބިފައެވެ.

ޝައްކެއްވެސް ނެތެވެ. ނޫހެއްގެ ކުރިއެރުމަށް ސްޕޮންސަރުންނާއި ޕާޓްނަރުންގެ އެއްބާރުލުން މުހިންމެވެ. މި ނޫސް ފެށިގެން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ކިޔުންތެރިންގެ އިތުބާރު ލިބިފައިވާ ނޫހެއްގެ ގޮތުގައި ކުރިޔަށް ދިޔުމަށް ޓަކައި، އެންމެ ފުރަތަމަ ދުވަހުންފެށިގެން ސްޕޮންސަރުންނާއި ޕާޓްނަރުން ބެހެއްޓި ގާތްކަން ފާހަގަ ކުރަމެވެ. އެދުވަހު ވަން އަށް ދެއްވި އިތުބާރަކީ މިއަދު ވަންއަށް ލިބިފައިވާ ކާމިޔާބީގެ އެއް ސަބަބެވެ.

އުމުރުން އަދި މިވީ އެންމެ އަހަރެއް ނަމަވެސް މިއަހަރު އެކަނިވެސް، ވަން އިން ވާނީ ބޮޑެތި ގިނަ އިވެންޓުތަކެއްގެ މީޑިއާ ޕާޓްނަރު ކަން ނަގައި ފުޅާ ކަވަރޭޖެއް ކޮންމެ އިވެންޓެއްގައިވެސް ގެނެސްދީފައެވެ. އޭގެ ތެރޭގައި ސްރީލަންކާގެ އަމަރިން ގާލާގައި ބޭއްވި ސަޓާ އެވޯޑްސް 2019 ފާހަގަކޮށްލެވެއެވެ.

މިއަަހަރު ތެރޭގައި ވަން އިން މީޑިއާ ޕާޓްނަރުކަމުގައި ސޮއިކޮށް ކަވަރޭޖް ގެނެސްދިން އިވެންޓްތައް:

1. މޯލްޑިވްސް ލިވިން އެކްސްޕޯ 2019ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން

2. ވިމް "ރަން ވިތު އަސް 2019"ގެ މީޑިއާ ޕާޓްނަރުކަން

3. "އައިއެމްޓީއެމް 2019"ގެ އޮންލައިން ނިއުސް ޕާޓްނަރުކަން

4. ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސް 2019ގެ އޮންލައިން ޕާޓްނަރުކަން

5. ވިމް "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019"ގެ މީޑިއާ ޕާޓްނަރުކަން

6. ވިމް ސްރީލަންކާ ޓޮޕް 50 ކޮންފެރެންސްގެ ލޯކަލް މީޑިއާ ޕާޓްނަރުކަން

7. ކޯޕަރޭޓް މޯލްޑިވެސް ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރުކަން

8. އިންޑިއާ އެކްސްޕޯ 2019ގެ މީޑިއާ ޕާޓްނަރުކަން

9. ވިލި މުއައްސަސާ ކަޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރުކަން

9. "ގޯ ގްރީން"ގެ މީޑިއާ ޕާޓްނަރުކަން

10. މޯލްޑިވްސް ބޯޓިން އެވޯޑްސް 2019 ގެ މީޑިއާ ޕާޓްނަރުކަން

މީގެ އިތުރުން ޒުވާނުންގެ ވެބް ސީރީޒް "ހާތްތެރި"ގެ އެކްސްކުލޫސިވް މީޑިއާ ޕާޓްނަރަކީވެސް ވަން އޮންލައިނެވެ. އަދި މިއަހަރު ވަން އިން ވަނީ ހަބޭސް ބޮޑުބެރު ގްރޫޕުގެ އޮންލައިން މީޑިއާ ޕާޓްނަރުކަމުގައިވެސް ސޮއިކޮށްފައެވެ.

އިޖުތިމާއީ ގޮތުން އަދި ކޯޕަރޭޓް ރެސްޕޮންލިބިލިޓީގެ ދަށުން ވަން އިން މި އަންނަނީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ މީޑިއާ ޕާޓްނަރުކަން ނަގައި އެ ޖަމިއްޔާއިން ކުރަމުން އަންނަ އިންސާނީ ހިދުމަތުގެ މައުލޫމާތުތައް ގެނެސްދެމުންނެވެ.

2020 ވަނަ އަހަރުގެ ބައެއް އިވެންޓްތަކުގައި ވަން އިން މިއަހަރު ސޮއި ކޮށްފައިވާއިރު ބައެއް އިވެންޓްތައް އިންތިޒާމު ކުރާ ފަރާތްތަކާއެކު ކުރެވޭ މަޝްވަރާތައް ދަނީ ކުރިޔަށެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100ގެ ގާލާގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވަން ހަމަޖައްސައި މިއަހަރު ވަނީ ސޮއި ކޮށްފައެވެ. 2020 ވަނަ އަހަރުގެ ސަޓާ އެވޯޑްސް ރާއްޖޭގައި ބާއްވާއިރު އެ އިވްނެޓްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވަން ހަމަޖައްސައި ޖެނުއަރީ މަހު ސޮއިކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުންވެސް އަންނަ އަަހަރުގެ ގިނަ ހަރަތާކްތަކެއްގައި ވަން ބައިވެރިވެ ކިތުންތެރިނަށް އިވެންޓްތަކުން އެންމެ އެދެވޭ ކަވަރޭޖެއް ގެނެސްދިނުމަށް ވަންގެ ވިޔަފާރި ސެކްޝަނާއި މާކެޓިން އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރަކީ ފާހަގަކޮށްލެވޭ، ބޮޑެތި ކަންތައްތަކެއް ހިނގި އަހަރެކެވެ. މި އަހަރުގެ އެންމެ ބޮޑު އިންތިހާބު ކަމަށްވާ، ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވަން އިން ވަރަށް ބޮޑަށް ތައްޔާރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހަބަރާއި ފޮޓޯ އަދި ނަތީޖާ ވަރަށް ތާޒާ ކަމާ އެކު ގެނެސްދީފައި ވާނެ އެވެ.

ލަންކާގަ ދިން ބޮމުގެ ހަމަލާއަކީ މިއަހަރު މުޅި ދުނިޔެއަށް އެންމެ ބޮޑު ސިހުމެއް ލިބިގެން ދިޔަ އެންމެ ބޮޑު ހާދިސާ އެވެ. ދިވެހިންގެ "ސެކަންޑް ހޯމް" ގެ ގޮތުގައި ބެލެވޭ، ލަންކާގެ ބޮމުގެ ހަމަލާއާ ގުޅިގެން ދިވެހިންނަށްވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވެ، ބައެއް ދިވެހިން ހައްޔަރުވެސް ކުރިއެވެ. އެތައް ބައެއްގެ ލޭ އޮހޮރިގެންދިޔަ މި ބިރުވެރި ހަމަލާގެ އެންމެ ފަހުގެ ހަބަރުތައް އެންމެ ތާޒާކަމާ އެކު ކިޔުންތެރިންނަށް ގެނެސްދިން އެއް މީޑިއާއަކީ ވެސް ވަން އެވެ.

ކިޔުންތެރިން ސްޕޮންސަރުން އަދި ޕާޓްނަރުން ވަންއަށް މި އަހަރު ދިން ލޯތްބާއި އިތުބާރާއެކީ 2020 ވަނަ އަހަރުގެ ދަތުރު ވަން އިން މި ފަށަނީ މި މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށަށް އާ މަސައްކަތްތަކެއް ތައާރަފުކޮށް މިދިޔަ އަހަރަށް ވުރެ ވެސް ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އުއްމީދާއި ހިތްވަރާ އެކުގަ އެވެ. ވަން އަކީ އެންމެނެވެ. ވީ އާ "ވަން" އެވެ.