ބީބީސީ އިން ހޮވާ 2018 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ނަން އިޢުލާންކޮށްފިއެވެ. މިއަހަރުގެ މި އެވޯޑަށް ވާދަކުރަނީ ޔުވެންޓަސް އަށް ކުޅޭ މޮރޮކޯގެ މެހްދީ ބެނާޝިއާ އާއި، ނަޕޯލީއަށް ކުޅޭ ސެނެގޯލްގެ ކަލީޑޫ ކޫލިބަލީ އާއި، ލިވަޕޫލްގެ ދެ ކުޅުންތެރިން ކަމަށްވާ މިސްރުގެ މުޙައްމަދު ޞަލާޙް އާއި ސެނެގޯލްގެ ސަޑިއޯ މާނޭގެ އިތުރުން އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ގާނާގެ ތޯމަސް ޕާޓޭއެވެ.
ޔުވެންޓަސްގެ ސެންޓަރ ބެކަށް ކުޅޭ އުމުރުން 31 އަހަރުގެ ބެނާޝިއާ ވަނީ މިދިޔަ ދެ ސީޒަނުގައި ޔުވެންޓަސް އަށް އިޓަލިއަން ލީގު ހޯދައިދިނުމުގައި މުޙިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އޭގެ ކުރީ ދެ ސީޒަނުގައި ބެޔާން މިއުނިކްގަވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ނިމިގެންދިޔަ ވޯލްޑް ކަޕްގައި މޮރޮކޯގެ ކެޕްޓަންގެ ޒިންމާވެސް އަދާކުރީ ބެނާޝިއާއެވެ.
އުމުރުން 27 އަހަރުގެ ނަޕޯލީގެ ޑިފެންޑަރު ކޫލިބަލީ ވަނީ ވޯލްޑް ކަޕްގައި ސެނެގޯލް ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައެވެ. އަދި ނިމިގެންދިޔަ ސީޒަނުގައި އިޓަލިއަން ލީގު ހޯދުމަށް ނަޕޯލީ އެންމެ ފަހުވަގުތާ ހަމައަށް ކުރި މަސައްކަތުގެ އެންމެ މުޙިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ އޭނާއެވެ. އޭނާ ވަނީ ނިމިގެންދިޔަ ސީޒަނު ޔުވެންޓަސް އަތުން މޮޅުވި މެޗުގައި ލަނޑުވެސް ޖަހާފައެވެ.
ލިވަޕޫލްގެ އުމުރުން 26 އަހަރުގެ މާނޭ ވަނީ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައި ޖަޕާން ކޮޅަށް ލަނޑުވެސް ޖަހާފައެވެ. އަދި ދެ މެޗެއްގައި ކެޕްޓަންކަން ކުރި މާނޭ ވަނީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގައި 10 ގޯލު ޖަހާފައެވެ. ރެއާލް މެޑްރިޑް އަތުން ފައިނަލްގައި ބަލިވި އިރު، އެ މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ވެސް ކާމިޔާބުކުރީ މާނޭއެވެ.
ގާނާގެ އުމުރުން 25 އަހަރުގެ ޕާޓޭ ވަނީ ސިމިއޯނީގެ އެތުލެޓިކޯ މެޑްރިޑުގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ހޯދަން ފަށާފައެވެ. ޖަޕާނާއި، އައިސްލެންޑް އާއި ދެކޮޅަށް ގާނާ ކުޅުނު އެކުވެރިކަމުގެ މެޗުގައި އޭނާ ވަނީ ލަނޑުވެސް ޖަހާފައެވެ. މެދު ތެރޭގައި މޮޅު ކުޅުމެއް ދައްކާ، ހަށިގަނޑުން ވަރުގަދަ މި ކުޅުންތެރިޔާއަށް ޔޫރަޕުގެ ބޮޑެތި ކުލަބު ތަކުން އަންނަނީ ފާރަލަމުންނެވެ.
ނިމިގެން ދިޔަ އަހަރު މި އެވޯޑު ހޯދި ސަލާޙް އަކީ މިފަހަރުވެސް މި އެވޯޑު ހޯދުމާއި އެންމެ ގާތް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އުމުރުން 26 އަހަރުގެ ޞަލާޙް ވަނީ 32 ގޯލާއެކު ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ނިމިގެންދިޔަ މޭ މަހު ހޯދާފައެވެ. އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގުގައިވެސް 10 ގޯލު ކާމިޔާބުކޮށްފައެވެ. ވޯލްޑް ކަޕްގައި މިސްރު ޓީމަށް އޭނާ ކުޅުނު ދެ މެޗުގައިވެސް ލަނޑުޖަހާފައިވެއެވެ.
ބީބީސީއިން ހޮވާ މި އެވޯޑު އެއްފަހަރަށް ވުރެއް ގިނަ ފަހަރު ހޯދާފައިވަނީ ތިން ކުޅުންތެރިއެކެވެ. އެއީ، 1997 ގައި އިންޓަ މިލާނުގައާއި 1999 ގައި އާސެނަލްއަށް ކުޅުނު ނައިޖީރިއާގެ ފޯވާޑު ނުވާންކްވޯ ކާނޫ އާއި، 2003 އަދި 2004 ގައި ބޯލްޓަން ވަންޑަރާސް އަށް ކުޅުނު ނައިޖީރިއާގެ ޖޭޖޭ އޮކޯޗާ އަދި 2013 އަދި 2015 ގައި މެންޗެސްޓާ ސިޓީގައި އައިވޮރީ ކޯސްޓުގެ ޔާޔާ ޓޫރޭއެވެ. މީގެއިން ކޮންމެ ކުޅުންތެރިޔަކު މި އެވޯޑު ދެފަހަރު ހޯދާފައިވެއެވެ.
މި އެވޯޑަށް ވާދަކުރާ ކުޅުންތެރިން ހޮވާފައިވަނީ އެފްރިކާ އަށް ނިސްބަތްވާ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިންގެ ޕެނަލަކުންނެވެ. މި މަޤާމު ހޯދާ ކުޅުންތެރިޔާގެ ނަން ހާމަކުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 14 ވާ ހުކުރު ދުވަހު ބީބީސީ ދުނިޔޭގެ ޚަބަރު ގަޑީގައެވެ.