އަރަހުށިމާތްﷲ އިންސާނުންނަށް ދެއްވައިފައިވާ ގިނަގުނަ ނިއުމަތްތަކުގެ ތެރެއިން ވަރަށް ޚާއްޞަ އަދި ވަރަށް މުހިންމު އެއް ނިއުމަތަކީ ވަގުތުގެ ނިއުމަތެވެ. ވަގުތުގެ މުހިންމުކަން އަންދާޒާކުރެވޭ އެއްސަބަބަކީ ޚުދު އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި ވަގުތު ގަންދެއްވައި ހުވާ ވަހީކުރައްވައިފައިވުމެވެ. ވަގުތު ނުވަތަ ޒަމާނުގެ ނަމުގައި މުސްތަޤިއްލު ސޫރަތެއްވެސް (ވަލްޢަޞްރު) ބާވައިލައްވައި ފައިވުމެވެ. ދުވާލާއި ރޭގަނޑުގެ އެކިއެކި ތަންވަޅުތަކަށްވަނީ އެކިނަން ދެއްވައިފައެވެ. ދުވާލެވެ. ރޭގަނޑެވެ. ފަތިހެވެ. އިރުއަރާވަގުތެވެ. އަދި މިނޫންވެސް އެކި ވަގުތުތަކެވެ. ރޭގަނޑު (އައްލައިލި: 1) ދުވާލު- އައްނަހާރު (އައްލައިލި : 2) ފަތިސް (އައްތަކްވީރު : 18) އިރު އަރަމުންދާ ވަގުތު (އައްޟުޙާ : 1) ގަންދެއްވައި ވަނީ ހުވާ ވަޙީކުރައްވައިފައެވެ. މިގޮތުން ބަލާއިރު ވަގުތުގެ އަހަންމިއްޔަތުގެ އެތައް ހެކިތަކެއް ކީރިތި ޤުރްއާނުން ފެންނާން އެބަހުއްޓެވެ.
ވިސްނައިލަމާ ހިންގަވާށެވެ. ދީނުގެ ވަރަށް ގިނަ އަޅުކަންވެސް ވަނީ ވަގުތާ ގުޅައިލެވިފައެވެ. ފަސްނަމާދަކީ ދީނުގެ އެންމެ މުހިނމު އަޅުކަމެވެ. ނަމާދަކީ ވެސް ވަގުތު ކަނޑައެޅިފައިވާ ފަރުޟެކެވެ. ނަމާދު ސައްޙަވުމާއި ނުވުމާއި މަކްރޫހަވުމާ މިއިން ކޮންމެ ކަމެއްގައި ވެސް ވަގުތާ ގުޅުންތަކެއް އެބަހުއްޓެވެ. ހަމައެފަދައިން ރޯދަވެސް ވަނީ ނިހާޔަތުގެ ދަރަޖައަށް ވަގުތާ ގުޅިފައެވެ. ރޯދަ ފަށަންވަނީވެސް ނިންމަންވަނީ ވެސް ކަނޑައެޅިފައިވާ ވަގުތެއްގައެވެ.
އިންސާނުންކުރާ ހެޔޮކަމާއި، ނުބައިކަމާއި، ޘަވާބާއި، އަޒާބު ވަގުތު ހެޔޮގޮތުގައި ނުވަތަ ނުބައިގޮތުގައި ބޭނުންކުރުމާ އިންތިހާޔަށް ގުޅިފައިވާއިރު ވަގުތުގެ އަހައްމިއްޔަތު ކުޑަވާނީ ކޮންފަދައަކުންތޯއެވެ؟ ޤިޔާމަތްދުވަހުން އިންސާނާއާ ސުވާލުކުރެއްވޭނެ އެއްކަމަކީ އޭނާއޭނާގެއެމުރުގެ ދުވަސްތައް ހޭދަކުރި ގޮތެކެވެ. ވަގުތުހޭދަކުރިގޮތެވެ. އެކަމުން އަޅުގަނޑުމެންނަށް އެނގެނީ އިންސާނާގެ ޤިޔާމަތްދުވަހުގެ ސަލާމަތާއި ކާމިޔާބީވެސް ވަނީ ވަގުތުގެ ހިސާބު ކިތާބާ ވަރަށް ބޮޑަށް ގުޅިފައިކަމެވެ. މިދުނިޔޭގައި ކޮންމެ އިންސާނަކުވެސް ރޭދުވާ ހޭދަކުރެއެވެ. ވަގުތުގެ އަގު ވަޒަން ނުކުރުމުން އިންސާނާއަށް ކުރިމަތިވަނީ ކިހައި ބޮޑެތި ނާކާމިޔާބީ ތަކަކާ ތޯއެވެ؟ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުން އޭނާއަށް ހެޔޮނަން ލިބި މުރާދު ހާސިލުވަނީ ކިހައި މަތިވެރި ދަރަޖަޔަކަށް ތޯއެވެ.
މީގެ ފަސްވަރަކަށް ދުވަސް ފަހުން އާދެ، މިހިނގާ ޑިސެންބަރ މަހުގެ އެއްތިރީސްވަނަ ދުވަހުގެރޭ ގަޑީގެ ކަށި ބާރަޔާ ހަމަވުމާއެކު އެ ފާއިތުވަނީ އެއްއަހަރުދުވަހެވެ. ވިދިގެންއަންނަ ސިކުންތުގައި އެފެށެނީ އައު އަހަރެކެވެ. އައު އަހަރު އަޅުގަނޑުމެންގެ ސަމާލުކަމަށް ދަޢުވަތު ދެނީ ފާއިތުވި އަހަރުގެ ހިސާބުކިތާބު ބަލައިލައި އަރަނި ދަރަނި ސާފުކުރުމަށެވެ. ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލު ރާވައިލުމަށެވެ. އިންސާނާ ތިމާގެ ނަފުސު ހިސާބުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެކަނި ދީނީ ގޮތަކުންނޫނެވެ. ދުނިޔަވީ ކަންކަމުގައިވެސް މެއެވެ. ތިބާއަކީ ވިޔަފާރިވެރިޔެއް ކަމުގައިވާނަމަ މިދިޔަ އަހަރު ވިޔަފާރިޔަށް ގެންނެވުނު ކުރިއެރުމަކީ ކޮބައިތޯ ބައްލަވާށެވެ. ކުރިއެރުމެއް ލިބިވަޑައިނުގަންނަވާނަމަ އޭގެ ސަބަބުތައް ހޯއްދަވާށެވެ. އެކަމުގައި ތިބާގެ ފަރުވާކުޑަ ކުރެއްވުމެއް އޮތްތޯ ބައްލަވާށެވެ. ތިބާއަކީ ސަރުކާރުގެ ނުވަތަ އެހެންވެސް އިދާރާއެއްގެ މުވައްޒަފެއް ކަމުގައިވާނަމަ ރަނގަޅަށް ވާޖިބު އަދާކުރެއްވުނުތޯ ބައްލަވާށެވެ. ތެދުވެރިކަމާއި، އިޚްލާސްތެރި މަސައްކަތުން ވެރީންގެ ފަރާތުން އިތުބާރު ހޯއްދެވުމުގައި ލިބިވަޑައިގަތީ ކިހައިވަރެއްގެ ކާމިޔާބެއްތޯ ބައްލަވާށެވެ. މިގޮތަށް އެބޭފުޅަކު އެމަސައްކަތް ކުރައްވާ ދާއިރާއަކުން ކާމިޔާބީ އާއި ނާކާމިޔާބީ އާއި ކުރިއެރުމާއި ފަހަތަށް ދިޔުމުގެ ސަބަބުތައް ފާހަގަކުރައްވާށެވެ.
އިންސާނާ ކޮންމެވެސް ކަމެއްގައި ނުވަތަ ކޮންމެވެސް މައިދާނެއްގައި ފުކެއް ފަހަތުގައި ހުރުމަކީ މައްސަލައެއް ނޫނެވެ. ރަނގަޅުނޫން ކަމަކީ އިންސާނާއަކީ އިހްސާސެއްނެތް މީހަކަށްވުމެވެ. ފަރުވާކުޑަ މީހަކަށްވުމެވެ. އެއް ނާކާމިޔާބީ އަކަށްފަހު އަނެއް ނާކާމިޔާބީއަކަށް ހުރަހެޅެމުންދާއިރު އަސަރުނުކުރާ މީހަކަށްވުމެވެ. އެކަމުގެ ސަބަބު ހޯދަން ނުއުޅެހުރުމެވެ. ތިމާ ފަހަތަށް ފޭދެމުންދާއިރު ތިމާޔަށް ލިބޭ ގެއްލުންތަކުގެ ސަބަބު ހޯދުމުގެ ހޭލުންތެރިކަން ނުއުފެދޭނަމަ އެއީ މައްސަލައެކެވެ. ތިމާގެ ޙަޔާތުގެ މައިފޮތް ބަލައި ތިމާގެ އުނިކަމާއި ފަރުވާކުޑަކަން ފާހަގަކޮށް ނެހެދޭނަމަ އެއީ މައްސަލައެކެވެ. ކޮންމެމީހަކަށްވެސް ވެއްޓުމުން ތެދުވާން އެނގެންޖެހެއެވެ. ތިމާގެ ނަފުސު ހިސާބުކޮށް ތިމާގެ ހުރިނަމަ ހުރި ބަލިކަށިކަމަކަށް އިއުތިރާފުވުމުގެ ގާބިލުކަން ނެތްނަމަ އެމީހަކީ ކާމިޔާބީގެ މަންޒިލަށް ވާސިލްވެވޭނެމީހެއް ނޫނެވެ.
ދުނިޔަވީ ކަންކަމުގައި ތިމާގެ ނަފުސު ހިސާބު ކުރާ ފަދައިން ދީނާއި އަޚްލާޤާއި މުޢާމަލާތަކުގެ ދާއިރާގައި ވެސް ނަފުސު ހިސާބުކުރާންޖެހެއެވެ. އަހަރު ހިސާބު ހަދާން ޖެހެއެވެ. އަޅުގަނޑުމެންގެ އަޅުކަމުގެ ދާއިރާއަށް ނަޒަރު ހިންގައިލަމާތޯއެވެ. އިއްސެ އަހަރަށްވުރެ ބޮޑަށް ފައިބެ އަހަރު އަޅުގަނޑުމެންނަށް އަޅުކަމުގައި ހީވާގިވެވުނުތޯއެވެ. އަޅުގަނޑުމެންގެ މުއާމަލާތާމެދު ބަލައިލަމާތޯއެވެ. ދީނުގެ ހަރާމް ހަލާލް ކަންކަމާއި މަކްރޫހަ ކަންކަމާއި މުސްތަހައްބު ކަންކަމުގައި އަޅުގަނޑުމެންނަށް އަމަލުތައް ބެހެއްޓުނީ ކޮންގޮތަކަށްތޯ އެވެ؟ އިއްސެއަހަރަށްވުރެ ފައިބެއަހަރު އެއްވެސް ކަމެއް ރަނގަޅު ކުރެވުނު ތޯއެވެ؟ ޚާއްސަގޮތެއްގައި އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކު ވަޒަންކުރާންޖެހެއެވެ. މައިންބަފައިންނާމެދުގައްޔާއި ފިރީން އަނބީންނާމެދު ގައްޔާއި އަނބީން ފިރީންނާމެދުގައި މުއާމަލާކުރެވުނީ ރަނގަޅަށްތޯއެވެ؟ ފައިބެއަހަރު ކުޑަވެސް ހެޔޮބަދަލެއް ގެނެވުނުތޯއެވެ؟ ދަރީންނާއި ގާތްތިމާގެ މީހުންނާ މެދު ކަންކުރެވުނީ ކޮންގޮތަކަށްތޯއެވެ؟ ގާތްތިމާގެ މީހުންނާއި ދުރުތިމާގެ މިހުންނާއި އަވަށްޓެރީންނާމެދު ޢަމަލުތައް ބެހެއްޓުނީ ކޮން ގޮތަކަށް ތޯއެވެ؟ މަސައްކަތު ދާއިރާގެ އެކުވެރިންނަށް ފަސޭހަކޮށްދީ ހިތްހެޔޮކަން ސާބިތުކޮށް ދެވުނުތޯއެވެ؟ ނުވަތަ އެމީހުންގެ ކުރިއެރުމަށް ހުރަސްއަޅައި އަދާވަތްތެރިވެވުނުތޯއެވެ؟ އަޅުގަނޑުމެންނަކީ އެބައިމީހުންނަށްޓަކައި ކަށިތަކެއްތޯއެވެ؟ ނުވަތަ މާތަކެއްތޯއެވެ؟ އިންސާނާއަށް އަނެކުންގެ ކުރިމަތީގައި ތިމާގެ އުނިކަމާއި ދޯދިޔާކަން ފޮރުވިދާނެއެވެ. އެކަމަކު ތިމާގެ ކުށްތިމާގެ އަމިއްލަ ނަފުސަކަށް ވަންހަނާއެއް ނުވާނެއެވެ. ތިމާގެ މައްޗަށް ހިސާބު ބެއްލެވޭ ދުވަސް އައުމުގެ ކުރީން ތިމާ އަމިއްލަޔަށް ހިސާބު ކުރުމަށް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިރްޝާދު ދެއްވަނީ އެހެންވެގެންނެވެ. (ކަންޒުލްއުއްމާލު: 4403)
ފާއިތުވެދިޔަ އަހަރުގެ ހިސާބު ހެދުމަށްފަހު ދެން ކުރާންޖެހޭ ކަމަކީ އެ ހިސާބު ކިތާބުގެ މައްޗަށް ބިނާކޮށް ފެށޭ އަހަރަށް މަސައްކަތު ތާވަލެއް އެކުލަވައިލުމެވެ. ފައިބެއަހަރު ކުރެވުން ކަންކަމަށް ވުރެ ރަނގަޅުގިނަ ކަންތައްތަކެއް ކުރިޔަށް އޮތްއަހަރު ފަށައިގަތުމެވެ. ފައިބެއަހަރަށްވުރެ އަންނަ އަހަރު އުފެއްދުންތެރިކަން އިތުރު ކުރެވޭނެގޮތްތައް ވިސްނުމެވެ. ފައިބެއަހަރު އެޅުނު ކަތިފިޔަވަޅުތައް އެކަށް އިސްލާހުކޮށް ބަލިކަށިކަން ފިލުވައިލުމެވެ. ހުރިހައިކަމެއް މުޅީން ރަނގަޅު ނުކުރެވުން ކަމުގައި ވިޔަސް ހެދޭ ގޯސްތައް މަދުކުރުމެވެ. ދީނީކަންތައްތަކުގެ ދާއިރާގައެވެ. އުނގެނުމުގެ ދާއިރާގައެވެ. މަސައްކަތުގެ ދާއިރާގައެވެ. ވިޔަފާރިއާއި ވަޒީފާގެ ދާއިރާގައެވެ. އިޖްތިމާއީ ގުޅުންތަކުގެ ދާއިރާގައެވެ. ހުރިހައި ދާއިރާތަކަކާމެދު މިދެންނެވި ވިސްނުމުން ވިސްނައި ވަޑައިގެން މަޝްރޫޢުތައް އެކުލަވައިލެއްވުމަކީ ކުރިއެރުމާއި ކާމިޔާބީ ކަށަވަރުވާނެ ކަމެއްކަން ޔަޤީނެވެ.
ފަހަކަށް އައިސް އަޅުގަނޑުމެންގެ ޘަގާފަތުގެ ތެރެޔަށް ވަދެފައިވާ އެއްކަމަކީ އައު އަހަރު ފާހަގަކުރުމެވެ. އައުއަހަރުގެ މުނާސަބާގައި އުފާފަޅުކުރުމުގެ ނަމުގައި ހައްދުފަހަނަޅައި ދިޔުމެވެ. އައު އަހަރުގެ މުނާސަބާއާ ގުޅުވައިގެން ސުމާރެއް ނެތް ވަރަށް އިސްރާފުކުރުމެވެ. ފާފަވެރި އަމަލުތަކުގައި ހައްދުފަހަނަޅައި ދިޔުމެވެ. އެކަމަކު ކުޑަކޮށް މަޑުޖެހިލައި، ހަމަޖެހިލައި، ވިސްނައިލަމާ ހިންގަވާށެވެ. އައުއަހަރުގެ މުނާސަބަތަކީ ޙަޤީޤަތުގައި އުފާފާޅުކުރުމަށްވުރެ ހިތާމަ ކޮށް މޮޅިވާންޖެހޭ މުނާސަބަތެކެވެ. ކަރުނައަޅާންޖެހޭ މުނާސަބަތެކެވެ. ޕާޓީކުރުމަށްވުރެ ބޮޑަށް އިބްރަތާއި، ނަސޭހަތް ލިބިގަތުން އައުލާކަން ބޮޑު މުނާސަބާއެކެވެ. އަހަރެއް ފާއިތުވެ އަހަރެއް ފެށުމަކީ އަޅުގަނޑުމެންގެ އުމުރު ދިގުވާކަމެއް ނޫނެވެ. އައުއަހަރެއް ފެށުނު ކަމުގައިވިޔަސް އަޅުގަނޑުމެންގެ އުމުރަކަށް އަހަރެއް އިތުރެއް ނުވެއެވެ. ހަޔާތުގެ މުއްދަތު އިތުރެއްނުވެއެވެ. ހައްތާވެސް އެމުއްދަތު ކުރުވީއެވެ. ކަށްވަޅަށް ދާމަގުގައި އެއްއަހަރުގެ ރާސްތާ ކަޑައްތުވީއެވެ. އެހެންކަމުން އައުއަހަރަކީ ޣާފިލުކަމުގެ ޠަބީޢަތުގެ މީހުންނަށް ހޭލެއްވުމުގެ ބަރުގޮނެކެވެ. ނިދައިފައިތިބިމީހުން ކަންނެތްކަންދޫކޮށްލަން ފުމެލެވޭ ކަށިގަނޑެކެވެ. ހިނދުކޮޅު ގެނައުމާއި ޕާޓީކުރުމަށް ސަމާލުކުރުވާ ކަމެއް ނޫނެވެ. އައުއަހަރަކީ އީމާންކަމުގެ އަހްލުވެރީންގެ ނިތްކުރި މާތްﷲ އަށްޓަކައި ބިންމަތީގައި ޖައްސައިލަން ޖެހޭ ވަގުތެކެވެ. މުނާޖާ ދަންނަވަންވީއެވެ. އަޅުގެ ވެރި ދީލަތިވަންތަ ރަސްކަލާނކޯއެވެ. އިބަރަސްކަލާނގެ ވަނީ މިއަޅާއަށްވުރެހަގު އެތައްބަޔަކާއި މިއަޅާއާ އެއް އުމުރެއްގެ އެތައްބަޔަކު އިބަރަސްކަލާނގެ ޙަޟުރަތަށް ގެންދަވައިފައެވެ. ނަމަވެސް އިބަރަސްކަލާނގެ ވަނީ މިއަޅާއަށް މުހުލަތު ދެއްވުމުގައި ދީލަތިވަންތަވެ ވޮޑިގެންފައެވެ. އެހެންކަމުން މިއަޅާ އިބަ އިލާހުގެ ޙަޟުރަތަށް ޝުކުރުވެރިވަމެވެ. އިބަރަސްކަލާނގެ އިހްސާންވަންތަކަން ބަލައިގަންނަމެވެ. ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނކޯއެވެ! މިއަޅާގެ އިސްވެދިޔަ ތަނަށްވުރެ މިއަޅާގެ ކުރިމަގު އުޖާލާކުރައްވައިފާނދޭވެ! މިއަޅާއަށް މުރާދު ހާސިލުނުވެދާ ދިޔުން ކާމިޔާބީއަށް ބަދަލު ކޮށްދެއްވާނދޭވެ! މިއަޅާގެ ފަހަތަށް ފޭދުން ކުރިއަރައިގެންދިޔުމަށް ބަދަލުކޮށް ދެއްވާނދޭވެ! ޚާއްޞަކޮށް އަޅުގަނޑުމެންގެ ނަފުސަށާއި ގައުމަށާއި މިއްލަތަށްޓަކައި މި މޭރުމުން ދުޢާކުރާންޖެހެއެވެ.
ދިވެހި އުންމަތުގައި މިހާރުވަނީ ދީނުގެ ހުރުމަތް ކެނޑުމާއި، ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަޔަށް ފުރައްސާރަކުރުމުގެ ޖަރީމާ ހިންގާ ފަރާތްތަކާމެދު އުފެދޭންޖެހޭ ޣީރަތުގެ ހިއްސު ކެނޑިފައެވެ. ބައެއްމީހުންގެ ނަޒަރުގައި އެއީ އެއްވެސް ކަމެއް ނޫނެވެ. އެމީހެއްގެ ދީންއެމީހަކަށެވެ. މިއީވަރަށް ހިތާމަހުރި ކަމެކެވެ. މުސްލިމުންގެ ސަލަފުން ދައްކަވައިފައިވާ ނަމޫނާއާ ޚިލާފު ކަމެކެވެ. އިސްލާމްވަންތަކަމާ ފުށުއަރާކަމެކެވެ. މުސްލިމުންވާންޖެހޭނީ މުޅި ދުނިޔެއިންވެސް ބާޠިލު ނައްތައިލައި ޙައްޤު ޤާއިމުކުރާ ބަޔަކު ކަމުގައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހިތްތަކުގައި ދީނުގެ ހުމިއްޔަތު އުފައްދަވައި ދެއްވުން އެދި ދުއާކުރާންޖެހެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުން ޙިމާޔަތްކޮށްދެއްވައި މުސްލިމުންގެ މުޤައްދަސާތު ރައްކާތެރިކޮށް ދެއްވުން އެދި ދުއާކުރާންޖެހެއެވެ.
ހިތާމަ ހުއްޓެވެ. އިބްރަތާއި ނަސޭހަތް ލިބިގަތުމުގެ މިވަގުތު މިހާރު ރާއްޖޭގެ ގިނަ ބަޔަކު ހަދައިފައިވަނީ މިޔުޒިކު ޝޯތަކާއި، މައްސުނި ނެށުންތަކާއި ހަމައިގައި ނުތިބުމުގެ ހިނދުކޮޅުތަކެއް ކަމުގައެވެ. ރިސޯޓުތަކުގައިވެސް، ހުސްމައިދާނެއް އޮވެއްޖެނަމަ އެތަނެއްގައިވެސް، އާއިލާތައް އެކުގައި ދިރިއުޅޭ ގެދޮރުގައި ވެސް އެއްވެސް ނިވާކަމެއް ފޮރުވުމެއް ނެތި ލަދުހަޔާކުޑަ މަންޒަރުތައް ތަމްސީލުކުރުމުގެ "ލައިސަންސު" ލިބިފައި އޮންނަ ވަގުތެއްކަމުގައެވެ. މިއީ ހިތާމައިގެ މައްޗަށް ހިތާމަ ހުރިކަމެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޯއެވެ! އަޅަމެންނަށް ތެދުމަގު އިލްހާމް ކުރައްވާނދޭ! އާމީން
(ނިމުނީ)