ޓެކްނޮލޮޖީ

ސިންގަލް ކްލިކް: ކިޔަވާ ކުދިންނަށް ދޭންވީ މި ކޮންޕިއުޓަރު، އެންމެ ހަތްސަތޭކަ ރުފިޔާއަށް ލިބޭނެ

އާދަމް ނަސީރު

2

ދިވެހިންނަކީ އެންމެ އަގު ބޮޑެތި ސާމާނަށް އަބަދުވެސް ހިތްދޫވާ ބައެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކިޔަވާ އުމުރުގެ ދަރިންނަށްވެސް ދޭން ޖެހެނީ އެންމެ އަގުބޮޑު ސާމާނެވެ. ކޮމްޕިއުޓަރެއް ބޭނުން ވިޔަސް ގަނެދޭންޖެހެނީ އެންމެ ފަހުގެ އައި ސެވަން އައި ނައިން ޕުރޮސެސަރ ހުންނަ ކޮމްޕިއުޓަރެވެ. މަދުވެގެން 8 ޖީބީގެ ރެމްކޮޅެއް ނެތިއްޔާ ކަމަކު ނުދާނެއެވެ. ހަމަ އެކަނި ކިޔަވާ ފިލާވަޅުތައް ހެދުމަށް އިންޓަނެޓުގެ ބޭނުން ކޮށްލާ ކޮމްޕިއުޓަރު އެންމެ އަގުބޮޑު، އެންމެ މަތީ (ހައި އެންޑް) ކޮމްޕިއުޓަރަކަށް ހެދުމަކީ ކުރެވޭ އިސްރާފެކެވެ.

ދަރިންނަށް އެކުދިން ކުރަން ބޭނުންވާ ކަމެއް ކޮށްދިނުމަކީ ގޯހެއް ނޫނެވެ. އެހެން ނަމަވެސް ހަރަދުތައް ނުކަތައިގެން އުޅެންޖެހިފައިވާއިރު ކުރަން ބޭނުންވާ ކަންކަން ކުޑަ ހަރަދަކުން ކުރެވޭތޯ ބެލުމަކީ ވެސް ނެތް ކަމެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ޒަމާނެއްގައި ދަރިންގެ ކިޔެވުމަށް ބޭނުންވާ ކަންކަން ކުރެވޭނެ އަގުހެޔޮ ގޮތެއް ހޯދުމަކީ ޒަމާނަށް ލޯހުޅުވިފައިވާ، ތައުލީމީ މައިންނާއި ބަފައިން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ބާޒާރުގައި ހުންނަ އެންމެ އަގުބޮޑު ކޮމްޕިއުޓަރު ގަނެދިނުމަކީ ކުއްޖާ މޮޅުވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ތައުލީމު ހޯދާ ދަރިންނަށް ޓެކްނޮލޮޖީގެ އަސްލު ސިފަ ފެނިގެން ދާނެ އަގު ހެޔޮ ކޮމްޕިއުޓަރެއް ދިނުމަކީ ކުރެވިދާނެ ކަމެކެވެ. އެއީ އެންމެ 700 ވަރަކަށް ރުފިޔާއަށް ލިބޭ ރާސްޕެރީ ޕައި އެކެވެ. ކުޑަ ކުޑަ ކޮމްޕިއުޓަރެކެވެ. ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމް ބޭނުން ކުރަން އެދޭ ނަމަ އެ އޮޕަރޭޓިންގ ސިސްޓަމް ވެސް އެޅޭނެއެވެ. އޮފީސް ޕެކޭޖް ބޭނުން ކުރެވޭނެއެވެ. ގޭމް ވެސް ކުޅެވޭނެ އެވެ. ފިލްމުވެސް ބެލޭނެއެވެ.

ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމަކީ އެންމެ ގިނަ ދިވެހިން އަދި މުޅި ދުނިޔޭގައިވެސް އެންމެ ގިނަ ކޮމްޕިއުޓަރު ތަކުގައި ބޭނުން ކުރާ އޮޕަރޭޓިންގ ސިސްޓަމެވެ. އެހެން ނަމަވެސް ލިނަކްސް އޮޕަރޭޓިންގ ސިސްޓަމްގެ ބޭނުން ކުރާ ދިވެހިންވެސް މިހާރު މަދެއް ނޫނެވެ. ރާސްޕެރީ ޕައި އަކީ ރާއްޖޭގައި މިހާރުވެސް އެކި އެކި ބޭނުން ތަކަށް ގެންގުޅޭ ކުޑަ ކުޑަ ކޮންޕިއުޓަރެކެވެ. ބޮޑު ފޮށިގަނޑެއްގެ ސިފައިގައި ކޮންޕިއުޓަރު ހުރި ޒަމާން މިހާރު މިވަނީ މާޒީވެފައެވެ. މިނީ ޕީ.ސީ ނުވަތަ މައިކުރޯ ޕީސީ ވެސް އާންމު ވެފައިވާ އިރު ކުޑަ ކުޑަ ހާރޑްޑިސްކެއްގެ ސައިޒަށް ފެތޭ މި ކޮންޕިއުޓަރަކީ މިހާރުވެސް ރާއްޖޭގެ ބައެއް ހޮސްޕިޓަލު ތަކުގައި ބޭނުންކުރާ ޑޮކްޓަރުގެ ކިއު ނަމްބަރު އެރުވުމަށާއި ބައެއް ފިލްމު ވިއްކާ ފިހާރަ ތަކުގައި ފިލްމް ޕޯޓަލް ހިންގުމަށް ބޭނުންކުރާ، މައްސަލަ ޖެހުން މަދު ކުޑަ ކޮމްޕިއުޓަރެކެވެ.

އެއްޗެއް އަގު ހެޔޮ ވުމަކީ ދެރަ އެއްޗެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ނޫންކަން ރާސްބެރީ ޕައި ކޮންޕިއުޓަރުން ޔަގީން ކޮށްދޭނެއެވެ. އެކި އެކި ކޮންފިގަރޭސަންގެ ޕައި ލިބެން ހުންނަ އިރު އިންޓަނެޓް ބޭނުން ކުރުމަށާއި އޮފީސް ބަންޑަލް އަޅައިގެން އެކި އެކި މަސައްކަތް ކޮށްލުމަށް މި އަގުހެޔޮ ކޮންޕިއުޓަރު ބޭނުން ކުރުމަކީ އެތައް ހާސް ރުފިޔާއެއް ސަލާމަތްވާނެ ކަމެކެވެ.

ރާސްޕެރީ ޕައި އަކީ ގޭގައި ބޭނުން ކުރާ ސުމާޓް ޓީ.ވީ އާއި ގުޅައިގެން ފަސޭހަކޮށް ބޭނުން ކޮށްލެވޭނެ ވަސީލަތެކެވެ. ރާސްޕެރީ ޕައިގެ ފަހުން ނެރެފައިވާ އުފެއްދުން ތަކަކީ އޭގައި ވައިފައި ހިމެނިފައިވާ އަދި ނެޓްވޯކް ކޭބަލްވެސް ގުޅޭ ގޮތަށް ފަރުމާ ކޮށްފައިވާ ކޮންޕިއުޓަރެކެވެ. އެހެންކަމުން އާންމުކޮން މިބޭނުން ކުރާ ބޮޑެތި ފޮށިގަނޑު ކޮންޕިއުޓަރަކުން ކުރެވޭ ހުރިހާ ކަމެއް މި އަގުހެޔޮ ކުޑަ ކުޑަ ކޮންޕިއުޓަރުން ވެސް ކުރެވޭނެއެވެ. ކީބޯޑަކާއި މައުސްއެއް އަދި ގޭގައި ބޭނުން ކުރާ ސުމާޓް ޓީވީ ބޭނުން ކޮށްލުމުން ފުރިހަމަ ވީއެވެ. ގިނަ ފައިލްތަކާއި، ފޮޓޯތައް ރައްކާކުރަން ބޭނުން ނަމަ އެސް.ޑީ ކާޑުގެ ސައިޒް ބޮޑުކޮށްލުމުން އެކަންވެސް ހަމަ ޖެހޭނެއެވެ. (ސީ. ދިހައެއް) ދުވެލީގެ އެސް.ޑީ ކާޑަކަށް އޮޕަރޭޓިންގ ސިސްޓަމް އަޅައިގެން ބޭނުން ކުރާނަމަ ލަސްކަމެއް ނުވަތަ ފައިލް ހުޅުވާ ލެއްޕުމުގައި އެއްވެސް ތާށިކަމެއް ފާހަގައެއް ނުކުރެވޭނެއެވެ.

ސުކޫލުގެ ފިޅާވަޅުތައް ހެދުމަށް، ރީތި ފިލްމެއް ބަލާލަން، ޔޫޓިއުބުން ލަވައެއް ހޯދާލުމަށް، ނުވަތަ ކޮންޕިއުޓަރު ޕުރޮގުރާމް ލިޔާ ކުއްޖަކަށް އެ މަސައްކަތް ކޮށްލަން ވިހި ފަނަރަ ހާސް ރުފިޔާ ހަރަދު ކޮށް ބޮޑެތި ފޮށިގަނޑުލީ ކޮންޕިއުޓަރު ހޯދުމަކީ ބޭކާރު ހަރަދެކެވެ. ރާސްޕެރީ ޕައި ބޭނުން ކޮށްގެން އަމިއްލައަށް ގޭގައި އުފައްދާ ކޮންޕިއުޓަރުން މަތީގައި ބުނި ހުރިހާ ކަމެއް ކުރެވޭނެއެވެ. ކޮމްޕިއުޓަރު ގުރެފިކްސް ނުވަތަ ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުން ކުރާ ފެންވަރު ރާސްޕެރީ ޕައި ކޮންޕިއުޓަރުގައި ނެތުމަކީ ކިޔަވާ ކުއްޖެއްގެ ގޭގައި ކޮށްލަން ޖެހޭ، ކިޔެވުމަށް ބޭނުންވާ މަސައްކަތް ނުކުރެވެންވީ ސަބަބެއް ނޫނެވެ. ދިވެހިންނަކީ ބޭކާރު ހަރަދުކޮށް ލިބޭ ކުޑަ ލާރިކޮޅުން އަގުބޮޑެތި ކޮންޕިއުޓަރާއި ހަމައެކަނި ފޯނު ކޮށް ވައިބަރ ބަލައިލަން އަގުބޮޑު ފޯނު ގަންނަ ބަޔަކަށް ވެގެން ނުވާނެއެވެ.