ޚަބަރު

ރައީސްގެ އިތުބާރު ހުރިހާ ވަޒީރުންނާމެދު ވެސް އެބައޮތް: ހޫދު

މަރިޔަމް ޝަހުދާ

ސަރުކާރުގެ ހުރިހާ ވަޒީރުންނާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫދު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމު (ދޮންބިލެތް) މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

ހޫދު ވިދާޅުވީ، މަޖިލީހަކީ "ރަބަރު ސްޓޭމްޕު" ޖަހާ ތަނެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ހަގީގީ މަސައްކަތް މިހާރުގެ މަޖިލީހުން ކުރަމުންދާތީ، އެކަމާ ފަހުރުވެރިވާ ކަމަށް ވިދާޅުވިއެވެ.

ހޫދު ވިދާޅުވި ގޮތުގައި، ވަޒީރުންނާމެދު ސަރުކާރުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. އަދި ވަޒީރުންނަށް ރައީސް ސޯލިހު އިތުބާރު ކުރައްވާ ކަމަށާއި ވަޒީރުންގެ މަސައްކަތްތައް ރަނގަޅުކަން ހޫދު ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓަރުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ސަބަބެއް ކަމަށް މެންބަރު އަހުމަދު ހަލީމު ވިދާޅުވީ، މިނިސްޓަރުގެ ޒިންމާ އަދާކުރުމަށް ފެއިލް ވެފައިވާ ކަމަށް ބުނެއެވެ. އެގޮތުން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ، އިސްތިއުފާ ނުދީފިނަމަ މަޖިލިސް ހުޅުވުމުން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.