ކުޅިވަރު

އިޓަލީ އާއި އެއްވަރުކޮށް ސެމީގެ ފުރަތަމަ ޖާގަ ޕޯޗުގަލް ހޯދައިފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީ އާއި އެއްވަރުކޮށް ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލްއިން އަންނަ އަހަރު އޮން ނޭޝަންސް ލީގުގެ ސެމީފައިނަލް ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ޕޯޗުގަލް ސެމީގެ ޖާގަ ކަށަވަރުކުރީ ރޭ ރަށުން ބޭރުގައި އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުކޮށް، ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްގެންނެވެ. ރޭގެ ނަތީޖާއަށް ފަހު މި ގްރޫޕްގެ އެއްވަނައިގައި ބާކީ އަދި އެއް މެޗު ނުކުޅެ އޮތް ޕޯޗުގަލް އޮތީ 7 ޕޮއިންޓާއެކުއެވެ. އިޓަލީ އަށް 5 ޕޮއިންޓު ލިބިފައިވާއިރު، އެޓީމަށް ބާކީ ދެން މެޗެއް ނެތެވެ. ގްރޫޕް ފުލުގައި ޕޮލެންޑް އޮތީ 1 ޕޮއިންޓާއެކު ރެލިގޭޓްވެފައެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ކެޓަގަރީގެ ހަތަރު ގްރޫޕުގެ އެއް ވަނަ ޓީމެވެ. އެގޮތުން، ޕޯޗުގަލް ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކުރިއިރު ސެމީގެ ބާކީ ތިން ޖާގަ ހޯދުމުގެ ފުރުޞަތު ބާކީ އޮތް ގްރޫޕް ތަކުން އެއްޓީމަށް ވުރެއް ގިނަ ޓީމަށްވެސް ފުރުޞަތު އެބައޮތެވެ. އެގޮތުން، ގްރޫޕް އެކަކުން ނެދަލެންޑްސް އާއި ފްރާންސް އަށް ފުރުޞަތު އޮތްއިރު، ދެ ވަނަ ގްރޫޕުން ސްވިޒަލެންޑް އާއި ބެލްޖިއަމް އަށް އަދި ގްރޫޕް ހަތަރަކުން ކްރޮއޭޝިއާ އާއި އިންގްލެންޑް ގެ އިތުރުން ސްޕެއިނަށް ވެސް ހަނި ފުރުސަތެއް އެބައޮތެވެ.

ރޭގެ މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބި ބޭކާރުވެގެން ދިޔައެވެ. އެގޮތުން މޮޅުވަން މަޖުބޫރުވެފައި އޮތް އިޓަލީގެ ލޮރެންޒޯ އިންސީނިއޭ އާއި ސީރޯ އިމޯބިލޭ އަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލްގެ ވިލިއަމް ކަވާލިއޯ އާއި ޔާއޯ މާރިއޯ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުތަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނަގާފައިނުވަނީ އޭނާ އެގޮތަށް ބޭނުންވެގެން އެދުމުން ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ މީގެ ކުރިން ބުނެފަ އެވެ. ނިމިގެންދިޔަ ފީފާ ވޯލްޑްކަޕަށްފަހު ޕޯޗުގަލް ކުޅުނު އެއްވެސް މެޗަކުން އަދި ރޮނާލްޑޯ ފެނިފައެއް ނުވެއެވެ.