ޕޮލިސް

ގާސިމް ހަސަންގެ ގާތިލު މަސައްކަތްކުރީ ބިރުދައްކައިގެން ފޭރެން، ހަމަލާ ދިނީ ކާރުގެ ދޮރުހުޅުވައި ހަޅޭއްލަވަން އުޅުމުން

މަރިޔަމް ޝަހުދާ

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައިވާ ގޮތް ފުލުހުން ދާދި ދެންމެ ކިޔައިދީފި އެވެ.

މި ހާދިސާ ހިނގި ގޮތް ފުލުހުންގެ ތަހުގީގަށް ކިޔައިދީފައި ވަނީ، ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވެފައިވަނީ، ގާސިމް ހަސަންގެ ގާތިލު، ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދު އެވެ.

ފުލުހުން ބުނީ، އަދުހަމް މުހައްމަދު ފުރަތަމަ މަސައްކަތް ކުރީ، ގާސިމް ހަސަނަށް ވަޅީން ބިރުދައްކައިގެން އޭނާ އަތުން ފޭރެން ކަމަށެވެ. ވަޅީން ބިރުދައްކައިގެން ފޭރެން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް ގާސިމް ހަސަން ވަޅީގައި ހިފަހައްޓައިި، ކާރުގެ ދޮރުހުޅުވައި، ހަޅޭއް ލަވަން އުޅުމުން ވަޅީން ހަމަލާ ދިނީ ކަމަށް އަދުހަމް ބުނެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އަދުހަމް މުހައްމަދު، މި މައްސަލައިގައި އިއުތިރާފުވެފައި ވީ ނަމަވެސް، މައްސަލަ ބިނާ ކުރާނީ އެ އިއުތިރާފު މައްޗަށް އެކަނި ނޫން ކަމަށާއި ހެއްކާއި ގަރީނާގެ މައްޗަށް ކަމަށެވެ. އެ ގޮތުން މިހާ ތަނަށް އައި އިރު، ހުޅުމާލެ، މާލެ، އަދި ހުޅުލެ ހިމެނޭ ގޮތުން 67 ތަނަކުން، 103 ފުޓޭޖެއް ބަލާފައިވާ ކަމަށާއި އިތުރު ފުޓޭޖު ހޯދައި ބެލުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ފުލުހުން ބުނެ އެވެ.

ގާސިމް ހަސަން މަރާލާފައި އޮއްފާ ފެނުނު، ހުޅުމާލޭ ރީތިގަސްމަގު، ގެ އެ ސަރަހައްދުގައި މަސައްކަތް ކުރާ އެފްޑަބްލިޔޫ ކޮންސްޓްރަކްޝަންގެ ސައިޓުގައި ވެސް ކެމެރާ ހުރި ކަމަށާއި އެހެން ނަމަވެސް އެ ކެމެރާ ބެލި އިރު އެއިން ރެކޯޑު ނުކުރެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ގާސިމް މަރާލި ދުވަހު އަދުހަމް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެގޮތުން އެދުވަހު މެންދުރު އޭނާ ހުޅުމާލެ ދިއުމުގެ ކުރިން މާލޭގައި މަސްތުވާތަކެތި ބޭނުންކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި ހުޅުމާލެއަށް އައުމަށްފަހުވެސް އޭނަ މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަ ކުރިއެވެ.

ފުލުހުން ބުނީ އަދުހަމް ހުޅުމާލެއަށް ދިޔައީ ފޭރުމުގެ މަގުސަދުގައި ކަމަށެވެ. ދުވާލުގަޑިކަމުން ހުޅުމާލެއިން ފޭރެން އުޅެ އެކަން ކާމިޔާބު ނުވުމުން ދެން މެންދުރު ފަސް ވުމުން ކޮންމެ ގޮތަކަށްވެސް އެކަން ހާސިލް ކުރުމަށް ވަޅިއަކުން ބިރުދައްކައިގެން ފޭރެން މަސައްކަތް ކުރީކަމަށް ތަހުގީގުގައި އަދުހަމް ކިޔައިދީފައިވާކަމަށް ފުލުހުން ބުންޏެވެ. ހުޅުމާލެއިން އެގޮތަށްވެސް ފޭރެން ފުރުސަތު ނުލިބުމުން އޭނާ ހުޅުލެއަށް ދިޔައެވެ. ހުޅުލެއަށް ދިޔައިރު އަދުހަމް ދިޔައީ ކެފޭއަކުން ވަޅިއެއް ހޯދައިގެން ކަމަށާއި، ކެފޭއިން ވަޅި ހޯދީ "މަސް ކަނޑަން" ކަމަށް ބުނެ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ވަޅި ބޭނުންކޮށްގެންވެސް ހުޅުމާލެ އިން ފޭރެން އުޅެ އެކަން އޭނާއަށް ކާމިޔާބު ވެފައި ނުވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

އަދުހަމް ހުޅުލެއަށް ދިޔައީ އިރުއޮއްސެނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އޭނާ ހުޅުލެއަށް ދިޔަ ޓެކްސީއިންވެސް ފޭރުމަށް މަސައްކަތް ކުރި ކަމަށާއި އެކަން އޭނާއަށް ކާމިޔާބު ނުވީ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެއާޕޯޓަށް ދިއުމަށްފަހުވެސް އަދުހަމް ވަނީ ފޭރުމަށް މަސައްކަތް ކޮށްފައިކަމަށާއި، ނަމަވެސް އެއާޕޯޓުގައި ފުލުހުން ހަރަކާތް ގިނަވުމުން އެކަން އޭނާއަށް ކާމިޔާބު ނުވީ ކަމަށް ފުލުހުން ބުންޏެވެ.

އެއާޕޯޓުން ފޭރުމަށް ކާމިޔާބު ނުވުމާއި ގުޅިގެން ދެން އަދުހަމް މަސައްކަތް ކުރީ އެއާޕޯޓް ޓެކްސީ ކިއުއިން މީހަކު އަތުން ފޭރުމަށް ކަމަށް ފުލުހުން ބުނެއެވެ. އަދި އުމުރުން ދޮށީ މީހުންނަށް ޓާގެޓްކޮށްގެން ދެތިން މީހަކަށް އެޕްރޯޗް ކުރި ކަމަށާއި، އެންމެ ފަހުން ގާސިމްގެ ޓެކްސީއަށް އެއާޕޯޓު ކިއު އިން އެރީ އޭނާ އަތުން ފޭރުމުގެ ނިޔަތުގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ގާސިމަށް އޭނާ ހަމަލާ ދީފައިވަނީ ދެފަހަރެއްގެ މަތިން ރީތިގަސްމަގަށް ދިއުމަށް ފަހު ކަން ފުލުހުން ފާހަގަ ކުރިއެވެ. ފުލުހުން ބުނީ އެމަގަށް ޓެކްސީގައި ދިޔައީ އެ ހިސާބުގައި ހުންނަ ހާފްވޭ ހައުސްއަށް ދާން ކަމަށް ބުނެކަމަށެވެ. އަދި ފުރަތަމަ އެހިސާބަށް ދިއުމަށްފަހު އެހިސާބުގައި މީހުން ގިނަ ވުމުގެ ސަބަބުން، އެ ގެއަށް ވަންނަ ކާޑު އޭނާގެ އަތުގައި ނެތް ކަމަށް ބުނެ، ގާސިމަށް އޮޅުވާލައިގެން އެހިސާބުން ގެންގޮސްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ހާމަކުރިއެވެ.

އަދުހަމް ގާސިމަށް ހަމަލާދިނީ ދެވަނަ ފަހަރަށް ހިތިގަސް މަގަށް ދިއުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފުރަތަމަ އަދުހަމް މަސައްކަތް ކުރީ ވަޅިން ބިރުދައްކައިގެން ފޭރުމަށް ކަމަށާއި، ގާސިމް ސަލާމަތަށް އެދި ހަޅޭއް ލަވަން ފެށުމުން އެކަން ހުއްޓުވަން އަދުހަމް މަސައްކަތް ކުރި ކަމަށާއި، ވަޅި ޖެހީ ގާސިމްގެ ހަޅޭކުގެ އަޑު މަޑުނުވުމުން ސަލާމަތް ވާން ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ގާސިމްއަށް ހަމަލާދީފައިވަނީ، އޭނާގެ ކަރަށް އެންމެ ފަހަރަކުކަން ފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެސަރަހައްދުން އަދުހަމް ފިލީ، ކާރުން ނިކުމެގެން ގޮސް އެސަރަހައްދުން ވަލުގެ ތެރެއަށް ވަދެ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ފުލުހުން ބުނީ ހާފްވޭހައުސްކައިރިން އޮންނަ ހުސްބިމުން ވަދެގެން ގޮސް އަދުހަމް ވަނީ ގާސިމަށް ހަމަލާ ދިން ވަގުތު އޭނާ ލައިގެން ހުރި ގަމީސް ފޮރުވާފައިކަމަށެވެ. އަދި މާލެ ދިޔައީ ހުޅުމާލޭގައި އުޅެ ރަހުމަތްތެރިއެއް އަތުން ގަމީހެއް ހޯދައިގެން، އެގަމީސް ލައިގެންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަދުހަމް މިކަންކަން ކިޔައިދީފައިވާއިރު، އަދުހަމް ދެއްކި ވާހަކަތަކާއި ގުޅިގެން ސީސީޓީވީ ފުޓޭޖް ހޯދާ، އޭނާ ދަތުރުކުރަމުން ދިޔަ ސަރަހައްދުތައް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ހަމަލާގެ ކުރިން އެހެން މީހެއްގެ އަތުން ވަޅި ހޯދައި، ހަމަލާއަށްފަހު ލައިގެން ހުރި ހެދުން ބަދަލު ކުރުމުގައި އެހެން މީހެއްގެ އެހީތެރިކަން ލިބުނު ނަމަވެސް ގާސިމްގެ މަރުގެ ފަހަތުގައ އިތުރު މީހެއްގެ އަތެއްވާކަން މިހާތަނަށް ތަހުގީގަށް އެނގިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގުގައި އަދުހަމާއި ހިސާބަށް ފޯރީ، ގާސިމްގެ މަރަކީ އޭނާއަށް ޓާގެޓު ކުރެވިގެން ހިންގި ކަމެއް ނޫން ކަމަށް ބަލާ، ވައްކަމާއި، މާރާމާރީ އަދި ފޭރުމުގެ އޭންގަލަކުން ބަލައިގެން ކަމަށް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރިއެވެ. އަދި މިހާރު ޕީޖީގެ ވަކީލަކާއެކު މައްސަލައިގެ ކަންކަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ފުލުހުން މި މައްސަލަ ބިނާ ކުރަން މަސައްކަތް ކުރަމުން އަންނަނީ އަދުހަމްގެ އިއުތިރާފުގެ ބަހާއި ނުލާވެސް ކުށް ސާބިތު ކުރެވޭނެ ގޮތަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.