ޚަބަރު

ވެލާނާ އެއާޕޯޓުން އަނެއްކާވެސް ރެކޯޑެއް! އިއްޔެ އެކަނި 239 ފުލައިޓް ހަރަކާތް

މަރިޔަމް ޝަހުދާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެއް ދުވަހެއްގައި ރެކޯޑް އަދަދަކަށް ރަންވޭގެ ހަރަކާތްތައް ހިނގައިގެން އިއްޔެ އާ ޓްރެފިކް ރެކޯޑެއް ހަދައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް ކޮމެޕްނީ (އެމްއޭސީއެލް) އިން ބުނީ މިމަހު އެއްވަނަ ދުވަހު 226 ފުލައިޓް ހަރަކާތާއެކު ހެދި ރެކޯޑު އިއްޔެ މުގުރާލައި، އާ ރެކޯޑެއް ހަދާފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ އެކަނިވެސް، އިންޓަނޭޝަނަލް 101 ފުލައިޓް ދަތުރާއި ޑޮމެސްޓިކް 121 ފުލައިޓް ދަތުރު އަދި އެޑްހޮކް ނުވަތަ ޝެޑިއުލް ނުކުރާ 17 ފްލައިޓު ދަތުރާއެކު ޖުމްލަ 239 ފުލައިޓް ހަރަކާތް ވެލާނާ އެއާޕޯޓުގައި ހިނގި ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އާ ރެކޯޑާ ގުޅިގެން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ މިއީ އެމްއޭސީއެލްގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އެމްއޭސީއެލުން އިއްޔެ އާ ރެކޯޑެއް ހެދިއިރު، މިއީ މިއަހަރުގެ ތެރޭގައި ޓްރެފިކް ރެކޯޑު މުގުރާލި ތިންވަނަ ފަހަރެވެ.