ތިމާވެށި

އައިސީއެސް މޯލްޑިވްސްގެ ފަރާތުން ބާއްވާ "ޒީރޯ ޕްލާސްޓިކް" ރަން، އަންނަ އަހަރުވެސް

އާނިފާ ހުސެއިން ސިރާޖް

އައިސީއެސް މޯލްޑިވްސްގެ ފަރާތުން އަންނަ އަހަރުވެސް ޒީރޯ ޕްލާސްޓިކް ރަން ބޭއްވުމަށް ނިންމައިފިއެވެ.

މި ދުވުމަކީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ގެ ސަބަބުން ތިމާވެއްޓަށާއި، ދިރޭތަކެއްޗައް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ދުވުމެކެވެ.

އަންނަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެންމެ ފުރަތަމަ މި ދުވުން ބާއްވާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ޖުމުލަ 1000 މީހުން ބައިވެރިވެފައިވާ ކަމަށް އައިސީއެސް އިން ބުންޏެވެ.

މިއަހަރު ބޭއްވި ދުވުމުގެ ތެރެއިން ބައިވެރިންނަށް ސެންޓްރަލް ޕާކް ސަރަހައްދުގައި ފެންނަން ހުރި ޕްލާސްޓިކް ފަދަ ތަކެތި އެއްކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި އެތަނުން ހޮވި ހުރިހާ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕާލޭ އަށް ހަވާލުކޮށްފައިވާ ކަމަށް އައިސީއެސް އިން ބުންޏެވެ. އަދި ގޭގައި އުކާލަންޖެހިފައި ހުންނަ ޕްލާސްޓިކް ގެނެސް ހަވާލުކުރުމުގެ ފުރުސަތުވެސް ދުވުމުގެ ތެރެއިން ވަނީ ހުޅުވާލާފައި ކަމަށް އައިސީއެސް އިން ބުންޏެވެ.

އެގޮތުން، މިއަހަރު ބޭއްވި ޒީރޯ ޕްލާސްޓިކް ރަންއެކޭ އެއްފަދައިން، އަންނަ އަހަރުގެ ރަން ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުން ކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުން ނުކޮށެވެ.

މިއަހަރު ބޭއްވި ޒީރޯ ޕްލާސްޓިކް ދުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.