ޚަބަރު

ކެނދިކުޅުދޫ ކައުންސިލަރުންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ނ. ކެނދިކުޅުދޫ ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

ކެނދިކުޅުދޫ ކައުންސިލަރުންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވާފައި ވަނީ އިއްޔެ މެންދުރު ފަހު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ކެނދިކުޅުދޫ ކައުންސިލަރުންވަނީ އެ ރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫތަކާއި ކުރިއަށް ރާވާފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ރައީސް ސޯލިހަށް ހިއްސާކޮށްފައެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ރަށުގެ ހާލަތު މިހާރު ހުރިގޮތް ކައުންސިލުން ރައީސް ސޯލިހާއި ހިއްސާކުރި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން އެރަށު ރައްޔިތުންނަށް ކުނި ނައްތާލުމުގައި ދިމާވެފައިވާ ދަތިތަކާއި އަތޮޅުގައި ހުރި އިޖުތިމާއީ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ހިދުމަތަށް ބޭނުންވާކަން ކައުންސިލުން ރައީސަށް ދެންނެވިއެވެ. މީގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ބޭސް ފިހާރައިގެ ހިދުމަތް 24 ގަޑިއިރު ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތައް ވެސް ކައުންސިލުން ރައީސް ސޯލިހަށް ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކެނދިކުޅުދޫ ކައުންސިލުން ވަނީ އެ ރަށު ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި ރަށުގެ ނަރުދަމާ ނުފެށި ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތައް ރައީސް ސޯލިހުގެ އަރިހުގައި ދަންނަވާފައެވެ. އަދި ކައުންސިލުން އެރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެހީ ބޭނުންވާ މިންވަރު ވެސް ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަ ކުރެއްވި ކަންކަންތައްތަކާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެކަންކަމާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، ވިސްނުންތެރިކަމާއެކު، ވީއެންމެ އަވަހަކަށް އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.