ޚަބަރު

ރަޖިސްޓަރީނުކޮށް މުދާ އިމްޕޯޓުކޮށް އެކްސްޕޯޓުކުރާ ނަމަ، ފީނަގާ އުސޫލަށް ބަދަލު ގެނެސްފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ރަޖިސްޓަރީނުކޮށް މުދާ އިމްޕޯޓު ނުވަތަ އެކްސްޕޯޓު ކުރުމަށް ގެންގުޅުނު ފީ ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގައި ރަޖިސްޓްރީ ކުރުން އިސްތިސްނާ ވެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ރަޖިސްޓަރީ ނުކޮށް މުދާ އިމްޕޯޓު ނުވަތަ އެކްސްޕޯޓު ކުރާނަމަ، މުދާ އުމްޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމާއި ރީއެކްސްޕޯޓު ކުރުމުގެ ގަވައިދުގެ ދަށުން ފީއެއް ނަގާނެ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ޕްރޮސިންސް ފީއެއްގެ ގޮތުގައި ނަގާނީ ޑިކްލެރޭޝަންގައިވާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ ސީއައިއެފް (ކޮސްޓް، އިންޝުއަރެންސް، ފްރެއިޓް) އަގުގެ ދިހަ އިންސައްތަ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި ޕްރޮސެސިންގް ފީ ނަގާ ހާލަތްތަކުގައި ރެވެނިއު ސްޓޭމްޕް ފީ ދައްކަން ނުޖެހޭނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި ޕްރޮސިންސް ފީ ނަގަނީ ހަމައެކަނި ކޮމާޝަލް ކުއެންޓިޓީގެ ގޮތުގައި ބެލެވޭ ތަކެއްޗަށެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ނަމުގައި، ގެދޮރު އިމާރާތް ކުރުމަށް ބެނުންވާ ސާމާނު ނުވަތަ އޮޑިދޯނި ބަނުމަށް ބޭނުންވާ ސާމާނު ކަސްޓަމްސްގައި ރަޖިސްޓަރީ ނުކޮށް އެތެރެ ކުރާނަމަ އެ ފަރާތްތަކުގެ އަތުން ޕްރޮސެސިން ފީ ނުނަގާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ނަމަވެސް އެފަދައިން މުދާ ގެންނަ ފަރާތްތަކުގެ އަތުން ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ނަގާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްގައި ރަޖިސްޓަރީ ނުކޮށް މުދާ އިމްޕޯޓު ނުވަތަ އެކްސްޕޯޓު ކުރުމުގައި ފީ ނެގުމުގެ އުސޫލަށް ގެނައި ބަދަލުތައް ކަސްޓަމުން އާންމުކުރި ނަމަވެސް، މި ބަދަލުތަކަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.