ކަނޑުމަތީގެ ހާދިސާތައް

ފީއަލީ ޑިންގީ: ގެއްލުނީ ދެ ދަރީންނާއި ބައްޕަ އަދި އިތުރު ކުއްޖަކާ އެކު! ކަނޑުގަދަކަމުން ނުފުރަން ރަށުން އެދުނު!

އާނިފާ ހުސެއިން ސިރާޖް

މިއަދު މެންދުރުފަހު 2:30 އެހާއިރު އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރި 18 ވަރަކަށް ފޫޓުގެ ޑިންގީއެއް ގެއްލުނު ހަބަރު ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހަވީރު 4:53 އެހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ޑިންގީގައި، މިއަދު 9:30 އެހާއިރު، ހެނދުނު މާމިގިއްޔަށް ދިޔައީ، ފީއަލީ، ޑޭޒީމާގޭ، ރަނާ އަހުމަދުއާ ކައިވެނިކޮށްގެން ފީއަލީގައި ދިރިއުޅޭ މާމިގިލީ، މުހައްމަދު މޫމިނު (މޯޑް) ނަމަކަށް ކިޔާ މީހެކެވެ. މުހައްމަދުގެ އާއިލާ ދިރިއުޅެނީ މާމިގިލީގަ އެވެ. މުހައްމަދު މާމިގިއްޔަށް ދިޔައީ ޗުއްޓީއަށް އެރަށަށް ގޮސް ހުރި އޭނާގެ ނުވަ އަހަރުގެ އަންހެން ދަރިފުޅު، ނަދުވާ މުހައްމަދު ބަލަ އެވެ. މުހައްމަދު މާމިގިއްޔަށް ދިޔަ އިރު، އޭނާއާ އެކު އޭނާގެ 12 އަހަރުގެ ދަރިފުޅު ނައިޝަމް މުހައްމަދާއި އޭނާގެ އަންހެނުން، ރަނާގެ ކޮއްކޮ މިފްޒާލް އަހުމަދު (14އ) ވެސް މާމިގިއްޔަށް ދިޔަ އެވެ.

އެ ތިން ކުދީން ގޮވައިގެން އެނބުރި ފީއްޔަށް އަންނަން ފުރުމުގެ ކުރީން، ޑިންގީގެ ވެރިމީހާ، ހަލީލު އަށް މޯޑު ފޯނުން ގުޅި ކަމަށްވެ އެވެ. އަދި އެ ވަގުތު ކަނޑު ގަދަ ކަމުން ނުފުރަން ހަލީލު އެދުނު ކަމަށް، ފީއަލިން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

"ވަން"އާ ވާހަކަދެއްކި ފީއަލީ މީހަކު ބުނީ، އެ ޑިންގީގައި އަޅާފައި ހުންނަނީ 25 ހޯސްޕަވަރުގެ ކުޑަ އިންޖީނެއް ކަމަށާއި އެ ޑިންގީގައި ލައިފް ޖެކެޓެއް ވެސް އަދި ބައްތިއެއް ފަދަ އެއްޗެއް ވެސް ނޯންނާނެ ކަމަށެވެ. މަތި ހިޔާ ނުކޮށް އޮންނަ އެ ޑިންގީގެ އަރިމަތީގައި އިށީނދެވޭ ގޮތަށް ސީޓު ޖަހާފައި ހުންނަ ކަމަށް އޭނާ ބުންޏެވެ.

"އަނެއްކާ އަރިޔަދޫ ކަނޑަކީ ވަރަށް ގަދަ ކަނޑެއް. ވަރަށް ގަދަޔަށް ބާނި ވެސް ދަމާ ކަނޑެއް. މިރަށުން ހައެއްކަ ގަނޑެތި އޭރުއްސުރެ ކަނޑަށް ނުކުމެ އެބަ އުޅޭ. އެމީހުން ވެސް އެބަ ބުނޭ ދުއްވާލަން ވެސް ނުކެރޭ ކަމަށް. ކަނޑު އެހާ ގަދަ ކަމަށް." ވަން އާ ވާހަކަ ދެއްކި ފީއަލީ މީހާ ބުންޏެވެ.

މުހައްމަދަކީ ފ. އަތޮޅު ފިލިތެޔޮ ރިސޯޓުގައި ދޯނި ކެޕްޓަނެއްގެ ގޮތުގައި ވަޒީފާ އަދާކުރާ މީހެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މާމިގިއްޔާއި ފީއައްޔާ ދެމެދުގެ ދުރުމިނަކީ 18 މޭލެވެ. ރަނގަޅަށް ދުއްވައިލެވޭ ނަމަ، ބައިގަޑިއެއްހާއިރުން ފީއައްޔަށް ދެވޭނެ އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފީއަލީ ކައުންސިލުގެ ނައިބު ރައީސް، މޫސާ އަހުމަދު ދާދި ދެންމެ ވިދާޅުވީ ރަށުގެ ރައްޔިތުން މި ވަގުތު ތިބީ ފުން ހިތާމައެއްގައި ކަމަށާއި އެންމެންގެ ވެސް އުއްމީދަކީ މުހައްމަދާއި އެ ތިން ކުދީން ގަދަވެ ހެޔޮ ހާލުގައި ތިއްބައި ފެނުން ކަމަށެވެ.

މެންދުރު ފަހު ވައި ހުރި ގޮތަށް ބަލާ އިރު، އިންޖީނު ހުއްޓި އޮޔާދިޔުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ޑިންގީ ގެންދާނެ ކަމަށް ބެލެވެނީ ފ. އަތޮޅުގެ ހުޅަނގު ބިތުން ހިމިއްޗާ ދިމާއަށް ކަމަށް ބެލެވޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.