Close
ޚަބަރު

ރައީސް ސޯލިހަކީ އިލްމުވެރިންނާއި ރައްޔިތުންގެ ބަސް އަހާ ވެރިއެއް: އިލްޔާސް

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ އިލްމުވެރިންނާއި ރައްޔިތުންގެ ބަސްއަހާ ވެރިޔެއްކަން ސާބިތުކޮށްދީފި ކަމަށް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލިކަން އިއްޔެ ސަރުކާރުން އިއުލާންކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލާދިނީ އަނދިރި ފަރާތްތަކުގެ އިންޒާރަށް ބެލުމެއްނެތި، އެމްޑީއެން ރަސްމީކޮށް އުވާލުމުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިލްމުވެރިންނާއި ރައްޔިތުންގެ ބަސްއަހާ ވެރިއެއްކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

އެމްޑީއެން ރަސްމީކޮށް އުވާލިކަން ސަރުކާރުން އާންމުކުރީ ޔޫތް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިނިސްޓްރީގެ ބަޔާނާއެކު ކުރީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއެން އުވާލައްވާނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި އެ ނިންމުމަކީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުތަކަށް އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަ ހުރިކަން ކަށަވަރުވުމުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 140 އަށްވުރެ ގިނަ ކައުންސިލުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައްޔާއި މާލޭގައި ސިލްސިލާ މުޒާހަރާތައް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.