Close
ގާސިމް އިބްރާހިމް

އެމްޑީއެން އުވާލުމަކީ އިސްލާމްދީނަށް ލިބުނު ނަސްރެއް: ގާސިމް

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ އިސްލާމްދީނަށް ލިބުނު ނަސްރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން އިއްޔެ އެމްޑީއެން އުވާލުމާ ގުޅިގެން ގާސިމް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ސަރުކާރުން އެމްޑީއެންއަށް އެޅި އެ ފިޔަވަޅަކީ ދިވެހިންނާއި އިސްލާމީ އުއްމަތް އުފާކުރަން ޖެހޭ ކަމެއް ކަމަށާއި އެ ޖަމިއްޔާ އުވާލުމުގެ ނަތީޖާއަކީ ދިވެހިންގެ މެދުގައި އޮތް ސުލްހަވެރިކަމާއި އެއްބައިވަންތަކަން ދެމި އޮތުން ކަމަށެވެ.

އެ ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައި ގާސިމް ވިދާޅުވީ އެމަނިކުފާނަށް ދިވެހިން ދަރާފައިވާ ދަރަނި އަދާކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު އަދި ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމުން ރައީސް ސޯލިހު ސާބިތުކޮށްދެއްވީ ރަސޫލާ އާއި ގުރުއާނާއި މާތްﷲ އަށް ކުފުރު ބަސްތައް ބުނުމަށް އެއްވެސް ޖާގައެއް ނުދެއްވާނެކަން ކަމަށެވެ.

އެމްޑީއެން އުވާލާފައިވާކަން އެންގުމަށް އިއްޔެ ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި، މިދިޔަ މަހުގެ 05 އިން ފެށިގެން އިއްޔެއާ ހަމައަށް ދީފައިވާ 45 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް އެޖަމިއްޔާއިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާތީ އެ ޖަމިއްޔާ ރަސްމީކޮށް އުވާލާ ކަމަށެވެ.

އެ ބަޔާނުގެ ކުރިން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއެން އުވާލައްވާނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި އެ ނިންމުމަކީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުތަކަށް އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަ ހުރިކަން ކަށަވަރުވުމުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 140 އަށްވުރެ ގިނަ ކައުންސިލުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައްޔާއި މާލޭގައި ސިލްސިލާ މުޒާހަރާތައް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެމްޑީއެން އުވާލަން ނިންމެވިކަން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަރުކާރުން އިއުލާނު ކުރި އިރު، މިދިޔަ އޮކްޓޯބަރު މަހު އެ ޖަމިއްޔާ ސަސްޕެންޑްކުރިކަން އިއުލާނުކޮށް ޔޫތު މިނިސްޓްރީން ބަޔާނެއް ނެރެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، "ޕްރީލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތެއް ހުރި ކަމަށާއި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުން އަންނާތީ، އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.