ޚަބަރު

ގާސިމުގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރު ކުރުމުން އިމްރާން: އިންސާފު ހޯދޭނެ!

ދާދި ފަހުން ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ، ޑްރައިވަރު ގާސިމް ހަސަންގެ އާއިލާއަށް އިންސާފު ހޯދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެރޭގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.

އެ މަރަށް މިއަދަށް ދެ ހަފްތާ ވެގެންދިޔައިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވަނީ ގާސިމުގެ މަރުގެ މައްސަލައިގައި ފިރިހެނަކު ހައްޔަރުކޮށްފައިވާކަން ހާމަކުރައްވައިފައެވެ.

އެކަން ހާމަކުރައްވައި ކޮމިޝަނަރު ހަމީދު ކުރެއްވި ޓުވީޓު ރީޓުވީޓު ކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، ގާސިމުގެ މަރާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުން ސާބިތު ކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު ކަމަށެވެ.

"ހާއްސަކޮށް ފޮރެންސިކް އިންވެސްޓިގޭޝަންގެ ދާއިރާގައި ފުލުހުންގެ ގާބިލުކަން. އިރާދަކުރެއްވިއްޔާ އާއިލާއަށް އިންސާފު ހޯދޭނެ،" އިމްރާންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ގާސިމުގެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރިކަން އިއުލާން ކުރައްވާ ސީޕީ ހަމީދު ވިދާޅުވީ، ހައްޔަރުކުރީ ފިރިހެނެއް ކަމަށާއި އިތުރު ތަފްސީލު މާދަމާ ހާމަކުރާނެ ކަމަށެވެ. އަދި ފުލުހުންގެ އޮފިސަރުން ކުރި ތަހުގީގީ މަސައްކަތަށް ފަހުރުވެރިވާ ކަމަށް ވިދާޅުވިއެވެ.

ގާސިމުގެ މަރުގެ މައްސަލައިގައި މިރޭ މީހަކު ހައްޔަރުކުރިއިރު، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކޮމިޝަނަރު ހަމީދު ވަނީ، ގާސމުގެ ގާތިލުންގެ ފިންގަ ޕުރިންޓު އަދި މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައިވާކަން ހާމަކުރައްވައިފައެވެ.

ހަތިޔާރު ފެނުނީ ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައި ވަނީ އޭނާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދާ 300 މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ގާތިލާ ހަމައަށް ވާސިލުވުމަށް ފުލުހުންގެ ޓީމުން ގާސިމު އެދުވަހު ދުއްވި ޓެކްސީގެ ހަރަކާތްތައް ބެލުމަށް ސީސީޓީވީގެ ގިނަ ފުޓޭޖުތަކެއް ވެސް ބަލާފައިވަކަން އެދުވަހު ކޮމިޝަނަރު ވިދާޅުވިއެވެ.