ޚަބަރު

އެމްޑީއެން އުވާލުމަކީ ދީނަށާއި ކީރިތި ރަސޫލާއަށް ލޯބިކުރާ ދިވެހިންނަށް ލިބުނު ހިތްހަމަ ޖެހުމެއް: ރައީސް މައުމޫން

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލުމުން ދައުލަތުގެ މުއައްސަސާތަކަށް ރައީސް މައުމޫން އަބްދުލްގައްޔޫމު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީއެން އުވާލެއްވި ކަމަށްޓަކާ ޔޫތު މިނިސްޓްރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ލޯބިކުރާ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.

"ޕްރީލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ރަސްމީކޮށް އުވާލާފައި މިވަނީ، އެރިޕޯޓާ ގުޅިގެން ފުލުހުން ހެދި އެސެސްމަންޓުގައި އެ ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން ފާހަގަވެފައިވާތީ، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެމްޑީއެން އުވާލަން ނިންމައި އެ ޖަމިއްޔާއެއްގެ ދަރަންޏާ މުދަލާ ގުޅޭ ކަންކަން ނިންމަން 45 ދުވަހުގެ މުއްދަތު ވެސް ދިނުމަށްފަހުއެވެ.

"...ޖަމިއްޔާތަކާ ބެހޭ ގަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް ޓަކައި، 05 ނޮވެމްބަރު 2019 އިން ފެށިގެން 19 ޑިސެމްބަރު 2019 އާއި ހަމަޔަށް ދީފައިވާ 45 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް އެޖަމިއްޔާއިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާތީ މިއަދުން ފެށިގެން އެޖަމިއްޔާ ރަސްމީކޮށް އުވާލާފައިވާ ވާހަކަ ދެންނެވީމެވެ." ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައިވެއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 140 އަށްވުރެ ގިނަ ކައުންސިލުން ގޮވާލިއިރު، ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައްޔާއި މާލޭގައި ސިލްސިލާ މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.

އެމްޑީއެެން އުވާލުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓް