Close
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

އެމްޑީއެން މިއަދު އުވާލަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) މިއަދު އުވާލަން ސަރުކާރުން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓުގެ އޮފިޝަލަކު ވަނީ މިއަދު "ވަން އޮންލައިން" އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އެމްޑީއެން މިއަދު އުވާލާނެ ކަމަށް ޔޫތު މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އިރު، އެ ޖަމިއްޔާ އުވާލަން ނިންމައި، ޖަމިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ދަރަންޏާއި މުުދަލާއި ބެހޭ ގަވައިދުގެ ދަށުން އެ ޖަމިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ޔޫތު މިނިސްޓްރީން ވަނީ 45 ދުވަހުގެ މުއްދަތެއް އެމްޑީއެން އަށް ދީފަ އެވެ. މި ދިޔަ މަހުގެ ފަސް ވަނަ ދުވަހު ދިން އެ މުއްދަތަށް ބަލާ އިރު، 45 ދުވަސް މާދަމާއަށް ހަމަ ވާނެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިނިސްޓްރީގެ ބަޔާނާއެކު ކުރެއްވި ޓުވީޓެއްގައި އޭރު ވިދާޅުވީ އެ ޖަމިއްޔާ އުވާލައްވާނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި އެ ނިންމުމަކީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުތަކަށް އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަ ހުރިކަން ކަށަވަރުވުމުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 140 އަށްވުރެ ގިން ކައުންސިލުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައްޔާއި މާލޭގައި ސިލްސިލާ މުޒާހަރާތައް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެމްޑީއެން އުވާލަން ނިންމެވިކަން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ސަރުކާރުން އިއުލާނު ކުރި އިރު، މިދިޔަ އޮކްޓޯބަރު މަހު އެ ޖަމިއްޔާ ސަސްޕެންޑްކުރިކަން އިއުލާނުކޮށް ޔޫތު މިނިސްޓްރީން ބަޔާނެއް ނެރެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ، "ޕްރީލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތެއް ހުރި ކަމަށާއި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކޮށްފައިވާ ކަަމަށް ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުން އަންނާތީ، އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ދެއްވި ޔޫތު މިނިސްޓްރީގެ އޮފިޝަލު މިއަދު ވިދާޅުވީ އެ ޖަމިއްޔާއަށް ދިން މުއްދަތު މިއަދު ހަމަވީ ކަމަށާއި ކުރީން ވެސް ވިދާޅުވެފައިވާ ފަދައިން، ދެން ކަންކަން ކުރިޔަށް ގެންދާނީ ކުލަބު ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

"އެމްޑީއެން އުވާލަން ނިންމި ނިންމުން އެގޮތަށް ކުރިޔަށް ދާނެ. މިއަދު އެކަން ނިންމާނެ. " ޔޫތު މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.